އިންތިޚާބުތަކުގައި އަޅުގަނޑު އެއްވެސް ކޮޅަކަށް ނުޖެހޭނަން: މައުމޫން

ޕީޕީއެމްގެ އިންތިގާލީ ރައީސަކަށް ހުންނަވައިގެން ޕާޓީގެ އެތެރޭގައި ބާއްވާ އިންތިޚާބުތަކުގައި އެއްވެސް ކޮޅަކަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެގޮތުގައި ދެމި ހުންނަވާނެ ކަމަށް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމުން ތައްޔާރުވަމުންދާ އެ ޕާޓީގެ ގައުމީ ޖަލްސާގައި ބާއްވާ އިންތިޚާބުތަކަށް ކުރިމަތިލައްވާފައިވާ ހުރިހާ ކެނޑިޑޭޓުންގެ ޝަރަފްގައި ރައީސް މައުމޫން ދެއްވި ފަރިއްކޮޅު ޝަރަފްވެރި ކޮށްދެއްވުމުގެ ގޮތުން ރާނބާ ރެސްޓޯރެންޓްގައި މިއަދު ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ އެމަނިކުފާނު އެގޮތަށް އަމަލު ކުރައްވަނީ ވަކި ގާނޫނަކުން އެގޮތަށް ލާޒިމު ކުރާތީ ނޫން ކަމަށާއި ނަމަވެސް އެފަދަ މަގާމެއްގައި ހުންނަވައިގެން ވަކި ފަރާތަކަށް ޖެހިއްޖެ ނަމަ ޕާޓީ ތެރޭގެ މަސްލަހަތު ގެއްލި ބައިބައިވުން އުފެދިދާނެ ކަމަށް ގަބޫލު ކުރެއްވޭތީ ކަމަށެވެ.
"ޕާޓީ ތެރޭގެ އިންތިޚާބުތަކުގައި އެއްވެސް ފަރާތަކަށް އަޅުގަނޑެއް ނުޖެހޭނަން. އަޅުގަނޑު އަމިއްލައަށް އެކަން މި ކުރަނީ. އަޅުގަނޑު މި ހުރި މަގާމުގެ ގޮތުން ވަކި ފަރާތަކަށް ޖެހިއްޖެއްޔާ ޕާޓީ ތެރޭގެ މަސްލަހަތު ގެއްލިދާނެ ކަމަށް އަޅުގަނޑަށް ފެންނާތީ. އަޅުގަނޑު އަމިއްލައަށް ނިންމީ އެއްވެސް އިންތިޚާބެއްގައި އެއްވެސް ކޮޅެއް ނުނަގާ ހުންނަން. އެހެންވީމާ އިރާދަކުރެއްވިއްޔާ އަޅުގަނޑު ހުންނާނީ މިގޮތުގައި،" މައުމޫން ވިދާޅުވި އެވެ.
ޕާޓީގެ އިންތިޚާބުތަކުގައި ވަކި ފަރާތަކަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އިރު ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި އުމަރު ނަސީރާ ދެކޮޅަށް ވާދަކުރައްވާ އަނެއް ބޭފުޅަކީ ރައީސް މައުމޫންގެ ކޮއްކޯފުޅު ޔާމިން އަބްދުލްގައްޔޫމެވެ.
މައުމޫން ވިދާޅުވީ އިންތިޚާބުތަކުގައި އެތައް ބޭފުޅުންނެއް ވާދަ ކުރައްވާ އިރު އޭގެ ތެރެއިން ބައެއް ބޭފުޅުންނަކީ ނަކާމިޔާބާއި ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ ބޭފުޅުންކަން ގަބޫލު ކުރައްވަން ޖެހޭނެ ކަމަށެވެ. އަދި އިންތިޚާބަށް ފަހު ވެސް ޕާޓީ އޮންނަން ޖެހޭނީ އެކަތި ގަނޑެއްގެ ގޮތުގައި ކަމަށެވެ.
"އަޅުގަނޑުމެން ހީވެސް ނުކުރާ ގޮތަކަށް ނަތީޖާ އަތުވެދާނެ. އެކަމާއި ހިތްހަމަނުޖެހިގެން އެހެން ގޮތަކަށް އަމަލު ކުރައްވައިގެން ވެސް ނުވާނެ. އަޅުގަނޑުމެންނަކީ ސިޔާސީ ގޮތުން ވެސް ތަޝައްރަފް ފުދިފައިތިިބި ބައެއް. އަޅުގަނޑުމެންނަކީ ކުޑަކުދިންނެއް ނޫން. އަޅުގަނޑަށް ވެސް ވަނީ އެފަދަ ތަޖުރިބާއެއް ކުރެވިފައި. ހަނދުމަފުޅު ހުންނާނެ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އަޅުގަނޑަކަށް ކާމިޔާބެއް ނުލުބުނު. އެހެން ނަމަވެސް އެއީ ހީކުރި ގޮތާ ދިމާ އިދިކޮޅަށް ދިޔަ ކަމެއް. ވަރަށް ގިނަ ރައްރަށުން އަޅުގަނޑަށް ޔަގީންކަން ދެއްވައިފައި އޮތް 70 ޕަސެންޓް، 60 ޕަސެންޓް ވޯޓު ލިބޭނެ ކަމަށް. އެކަމަކު ނަތީޖާ ނިކުތް އިރު އޮންނަނީ ތިރީސް ތިރީސް ފަހެއް، ސާޅީސް. ޖުމްލަ ނަތީޖާ ބެލި އިރު އަޅުގަނޑަކަށް ދެވަނަ ބުރުގައި ބޭނުންވާ 50 ޕަސެންޓެއް ނުލިބުނު. އެއީ ދުނިޔޭގެ ހުރިހާ ތަނެއްގައި އެކަން ހަމަ ވާގޮތް،" މައުމޫން ވިދާޅުވި އެވެ.
އިންތިޚާބުގެ ތެރޭގައި ވެސް އަދި އިންތިޚާބުގެ ފަހުން ވެސް ޕާޓީ ތެރޭގައި ދެބަސްވުމާއި ބައިބައިވުމެއް ނޯންނާނެ ކަމަށް ރައީސް މައުމޫން ވިދާޅުވާ ވިދާޅުވުން މިއަދު ވެސް ވަނީ ތަކުރާރު ކުރައްވައިފަ އެވެ.
ނަމަވެސް އަންނަ އިންތިޚާބު ތަކުގައި ވާދަކުރައްވާ ހުރިހާ ކެނޑިޑޭޓުންގެ ޝަރަފްގައި ރައީސް މައުމޫން ދެއްވި ފަރިއްކޮޅުގައި ބައިވެރިވެ ވަޑައިގަތީ ހަމައެކަނި "ޔަގީން" ޓީމަށް ނިސްބަތްވާ ބޭފުޅުންނެވެ. "ޓީމް އުމަރު" އަށް ނިސްބަތްވާ އެއްވެސް ކެނޑިޑޭޓެއް އެ ފަރިއްކޮޅުގައި ބައިވެރިވި ތަނެއް ފެނިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ