ލަންކާގެ ހާލަތަށް ރާއްޖެ ނުދިޔައީ ރައީސް އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން: މެމްބަރު ރާޢީ

ސްރީލަންކާ މިހާރު އޮތް ހާލަތަށް ރާއްޖެ ނުދިޔައީ، ކޮވިޑްގެ އެންމެ ނާޒުކު ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
މެމްބަރު ރާޢީ މިހެން ވިދާޅުވިއިރު ސްރީލަންކާގެ ބޭރު ފައިސާގެ ރިޒާވް ހުސް އާންމުންނަށް ތެޔޮ ވިއްކުން ވަނީ ކޮންޓްރޯލްކޮށްފައެވެ. އަދި ސްރީލަންކާގެ ބޮޑުވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވާނެކަން ރަނިލް ވިކްރަމަސިންގަ ވަނީ އިއުލާންވެސް ކުރައްވާފައެވެ.
މެމްބަރު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކޮވިޑުގެ އެއްމެ ނާޒުކު ދަނޑިވަޅުގައި ރައީސް ސާލިހް ގައުމާއި ރައްޔިތުންގެ ހައްގުގައި އެޅުއްވި ހަރުދަނާ ފިޔަޅު ތަކަކީ، މިއަދު އެންމެންނަށް ފެންނަމުންދާ އަވަށްޓެރި ގައުމު ލަންކާގެ ހާލަތަށް މިގައުމު ނުދިއުމުގެ އަސްލު ކަމަށެވެ.
އަދި ރައީސް ސާލިހަކީ ވެރިކަމަށް ކުފޫހަމަވާ ބޭފުޅެއްކަން މެމްބަރު ވަނީ ފާހަގަކުރައްވާފައެވެ.
ކޮވިޑަށްފަހު ދުނިޔޭގެ އިގްތިސާދަށް ހީނަރުކަން އަންނައިރު ރާއްޖޭގެ އިގްތިސާދު އޮތީ ވަރުގަދަކޮށް ކަމަށާއި، ދަރަނި ނުދެއްކޭނެ ވަރުގެ ހާލަތަކަށް ދިއުމުގެ އެއްވެސް ބިރެއް ނެތްކަމަށް މިނިސްޓަރ އޮފް ފިނޭނެސް އިބްރާޙިމް އަމީރް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ މާލީ ހާލަތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވެފައިވަނީ އެމެރިކާގެ އިންވެސްޓްމަންޓް ބޭންކެއްކަމަށްވާ ޖޭޕީ މޯގަންއިން ރާއްޖޭގެ އިޤްތިޞާދީ ހާލަތާއި ގުޅޭގޮތުން ނެރުނުކަމަށް ބުނާ ރިޕޯޓަކީ ރަސްމީ ސިފައެއްގައި ދިރާސާކޮށްގެން ނެރެފައިވާ ރިޕޯޓެއް ނޫންކަމަށެވެ. އަދި އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމާއި ކަން ހިނގަމުންދާ ގޮތް ތަފާތުކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ކޮވިޑަށްފަހު ރާއްޖޭގެ އިގްތިސާދު އާރާސްތުވަމުން އަންނައިރު ރާއްޖެ ދަރަނިވެރި ވެދާނެފަދަ އެއްވެސް ހާލަތެއް މިވަގުތު ނެތްކަމަށާއި، އެއަށްވުރެ ރާއްޖޭގެ އިގްތިސާދީ ދުވެލި ބާރުކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ