ޔޯގާ ހަރާމު ނުވާ ސަބަބު މައުމޫން ވިދާޅުވެދެއްވައިފި
ޔޯގާ އަދި ލަވަޔާ މިއުޒިކް ފަދަ ކަންކަމަކީ ހަރާމު ކަންކަމޭ ބުނެވެން ނެތް ސަބަބުތައް ގުރުއާނުގެ އަލީގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ވިދާޅުވެ ދެއްވައިފި އެވެ.ދީނީ އިލްމުވެރިންގެ މެދުގައި ޔޯގާއާ ގުޅޭ ގޮތުން ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. އެ މައްސަލަތަކާ ގުޅިގެން މައުމޫން ކުރިން ވެސް ވިދާޅުވެފައި ވަނީ ޔޯގާ ހެދުމުގައި ޝިރުކުގެ އަމަލެއް ނުހިމެނޭ ނަމަ އެކަން ކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ.މައުމޫން އެންމެ ފަހުން އާންމު ކުރެއްވި ލިޔުއްވުމެއްގައި ވަނީ އިންސާނާ ކުރާ ކަންކަމުގެ ތެރެއިން ހުއްދަ އަދި ހަރާމް ކަންކަން ކަނޑައަޅުއްވާ ހަމައެކަނި ފަރާތަކީ ﷲ ކަމަށާއި ސުންނަތް ކަންތައްތަކާއި މަކްރޫހަ ކަންކަން ކަނޑައަޅުއްވާ ފަރާތަކީ ވެސް މާތްﷲ ކަމަށެވެ.މައުމޫން ވިދާޅުވީ ހުކުމް ކުރުމުގެ ބާރު އޮންނަނީ މާތް ﷲ އަށް ކަމަށާއި އެ ބާރަކީ، ރަސޫލު ބޭކަލަކަށް ވެސް ނަބީބޭކަލަކަށް ވެސް އަދި އެއްވެސް އިންސާނަކަށް ވެސް އޮންނާ ބާރެއް ނޫން ކަމަށެވެ."ހަރާމް ކަމަކީ އެ ކަމެއް ކުރުން މާތްﷲ މުޅިން މަނާކުރައްވާފައިވާ ކޮންމެ ކަމެއް. ކަމެއް ކުރުން މާތްﷲ މަނާކުރައްވާފައިވާކަން އެނގޭނެ ގޮތްތަކެއް ވެސް ވާ ކަމެއް. އޭގެ ތެރެއިން އެންމެ ފާޅުކަން ބޮޑު ގޮތަކީ ގުރުއާން ނުވަތަ މާތް ރަސޫލާގެ ބަސްފުޅަކުން އެކަން އެނގެން އޮތުން." މައުމޫން ވިދާޅުވެފައި ވެއެވެ.އަދި އެކަމެއް ކުރާ މީހަކަށް އުގޫބާތެއް ކަނޑައަޅުއްވައިފައިވާ ކަމުގައި މާތްﷲ އަންގަވާ އެންގެވުގައި އެކަމަކީ ހަރާމް ކަމެއްކަން އެނގޭނެނަމަ އެއީ ވަރަށް ވަރުގަދަ ގަރީނާއެއް ކަން މައުމޫން ވަނީ ފާހަގަކުރައްވާފަ އެވެ. އެކަމަށް މިސާލު ދެއްވާފައި ވަނީ ރާ ބުއިމާއި ޖުވާ ކުޅުމާއި އަޅުކަން ކުރާ ބުރުތަކާއި، ނަސީބު ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކަކީ ޝައިތާނާގެ އަމަލުތަކުގެ ތެރެއިން މުޑުދާރު ތަކެތި ކަމަށް ގުރުއާނުގައި އަލްމާއިދަތު ސޫރަތުގެ 90 ވަނަ އާޔަތުގައި ކަނޑައަޅުއްވާފައިވާ ދަލީލަށެވެ."މާތްﷲ ހަރާމް ކުރެއްވި ކަން ސާބިތު ނުވާ އެއްވެސް ކަމަކީ ހަރާމު ކަމެއް ކަމުގައި ބުނުމުގެ ހައްގު އެއްވެސް އިންސާނަކަށް ނޯންނާނެ. މީގެ މާނައަކީ އަލަށް އުފެދޭ މުއާމަލާތްތަކާއި އާދަކާދަތަކުގެ ތެރެއިން ވެސް އެކަމަކީ ހަރާމު ކަމެއްކަން ސާބިތުނުވާ ކޮންމެ ކަމެއް ވާނީ ހުއްދަ ކަމަކަށް،" މައުމޫން ވިދާޅުވި އެވެ. މައުމޫންގެ ލިޔުމުގައި ވިދާޅުވީ އެކަމެއް ކުރާ މީހަކަށް އުގޫބާތެއް ކަނޑައަޅުއްވާފައިވާ ކަމަށް މާތްﷲ އަންގަވާފައިވާ އެންގެވުމަކީ ވެސް އެކަމަކީ ހަރާމް ކަމެއްކަން އެނގޭނެ ވަރުގަދަ ގަރީނާއެެއް ކަމަށެވެ. އަދި މާތްﷲ ހަރާމްކުރައްވާފައިވާ ކަންތައްތައް އެއްވެސް އޮޅުމެއް ނެތި ވަކިވަކިން މީސްތަކުންނަށް އެނގެން އޮތުމުގެ މުހިއްމުކަމަށްޓަކައި އެކަން ކުރައްވަންވީ ގޮތް މާތްﷲ ވަނީ އެކަލާނގެ ރަސޫލާ އަށް އަންގަވާފައި ކަމަށާއި އެކަން އަލް އަންއާމް ސޫރަތުގެ 151 ވަނަ އާޔަތުގައި އެކަލާނގެ ވަހީކުރައްވާފައިވާ ކަމަށެވެ.މައުމޫން ވިދާޅުވީ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ކަންކަމަށް ބަލާއިރު އިސްލާމް ދީނަކީ ލުއި ފަސޭހަ، އަދި ހުރިހާ ޒަމާނަކަށާއި ތަނަކަށް އެކަށީގެންވާ ނިޒާމެއްކަން ސާބިތުކޮށްދޭ ވަރަށް މުހިއްމު ކަމަކަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި އެކަމަކީ ހަރާމް ކުރައްވާފައި ނުވާ ކޮންމެ ކަމަކީ ހުއްދަ ކަމެއް ކަމުގައި މާތްﷲ ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމެވެ."މިސާލަކަށް ކަމެއްގެ ހުކުމާ ބެހޭ ގޮތުން މުފްތީއެއްގެ އަރިހުގައި ސުވާލުވެވިއްޖެ ނަމަ، އެކަމަކާ ބެހޭ ހުކުމެއް ގުރުނާނުން ނުވަތަ ސުންނަތުން ނުވަތަ އެހެން ޝަރުއީ ދަލީލަލުން ފެނިވަޑައިނުގެންނެވި ނަމަ، މުފްތީއަށް އޮންނާނީ އެ ކަމަކީ ހުއްދަ ކަމެއް ކަމުގައި ވިދާޅުވުމެވެ. ސަބަބަކީ ކޮންމެ ކަމެއްގެ ވެސް އަސްލު ހުކުމަކީ އެ ކަމެއް ހުއްދަވުން ކަމަށްވާ ކަމެވެ،" މައުމޫން ފާހަގަކުރެއްވި އެވެ. މައުމޫން ވިދާޅުވީ އެގޮތަށް އެންމެހާ ތަކެތީގެ އަސްލު ހުކުމަކީ އެކަންކަމާއި ތަކެތި ހުއްދަވުން ކަމުގައި އިލްމުވެރިން ވިދާޅުވެފައި ވަނީ މާތްﷲ ބިމުގައި ލައްވާފައިވާހާ ތަކެއްޗެއް ލައްވާފައި ވަނީ އިންސާނުންނަށްޓަކައި ކަމަށް ގުރުއާނުގައިވާތީ ކަމަށެވެ."އުޑުތަކާއި ބިމުގައިވާ ހުރިހާ އެއްޗެއް މާތްﷲ ކިޔަމަން ކުރައްވާފައި ވަނީ އިންސާނުންނަށްޓަކައި ކަމުހައި ކީރިތި ގުރުއާނުގެ ވަރަށް ގިނަ އާޔަތްތަކުގައި ބަޔާންކުރައްވާފައިވެ އެވެ. އެހެންކަމުން، އެ ތަކެތި ހުއްދަނުވާ ނަމަ، އެތަކެއްޗަކީ އިންސާނުންނަށްޓަކައި މާތްﷲ ހެއްދެވި އަދި ކިޔަމަން ކުރެއްވި ތަކެތި ކަމަކަށް ނުވީހެވެ،"އެކަހަލަ ސަބަބުތަކާ ހުރެ މާތްﷲ ހަރާމް ކުރެއްވި ކަން ސާބިތު ނުވާ އެއްވެސް ކަމަކީ ހަރާމް ކަމެއްކަމުގައި ބުނުމުގެ ހައްގު އެއްވެސް އިންސާނަކަށް ނޯންނާނެ ކަމަށާއި އޭގެ މާނައަކީ އަލަށް އުފެދޭ މުއާމަލާތްތަކާއި އާދަކާދަތަކުގެ ތެރެއިން ވެސް އެ ކަމަކީ ހަރާމް ކަމެއްކަން ސާބިތުނުވާ ކޮންމެ ކަމެއް ވާނީ ހުއްދަ ކަމަކަށް ކަމަށް މައުމޫން ވިދާޅުވި އެވެ."ދިރިއުޅުން ތަރައްގީވެ އިންސާނާ ހަރަކާތްރެރިވާ މައިދާންތައް އެއް ދުވަހުން އަނެއް ދުވަހަށް ފުޅާވެ ތަނަވަސްވެގެން ދިއުމަކީ ކަންވަމުންދާ ގޮތެވެ. އޭގެ ތެރެއިން އެއްކަމަކީ ހަރާމް ކަމެކޭ ބުނެވޭނީ އިސްވެ ބަޔާންކުރި ދަލީލުތަކުގެ ތެރެއިން ދަލީލަކުން އެއީ ހަރާމް ކަމެއްކަން ސާބިތުވާން އޮންނަ ނަމަ، އެ ހާލަތުގަ އެވެ،"އެހެންވެ މައުމޫން ވިދާޅުވީ ގައުމީ ނުވަތަ އިޖުތިމާއި މުނާސަބަތުތައް ފާހަގަކުރުމާއި އިންސާނީ ގުޅުންތައް ބަދަހިކުރުމަށް ކުރެވޭ ކަންކަމާއި އުފަން ދުވަސް ފާހަގަކުރުމާއި އެކިއެކި ކުޅިވަރު ކުޅުމާއި މުނިފޫހިފިލުވުމަށް ކުރާ ކަންކަމާއި އިސްލާމްދީނުގެ އުސޫލުތަކާއި ފުށުނާރާގޮތުގެ މަތިން ޔޯގާ ފަދަ ސިއްހީ ނުވަތަ ނަފްސާނީ ދުޅަހެޔޮކަން ބަދަހިކޮށް ވަރުގަދަ ކުރުމަށްޓަކައި ކުރާ ކަސްރަތުތަކާއި ލަވަކިޔުމާއި މިއުޒިކް ކުޅުން ފަދަ ކަންކަމަކީ ހަރާމް ކަމެއް ކަމަށް ބުނެވެން ނެތް ކަމަށެވެ.އެކަމަކު އެ ކަންތައް ކުރުމުގައި ވެސް ހަރާމްކަމެއް އެކުލެވިގެންވާ ނަަމަ ނުވަތަ އެކަމަކީ ހަރާމް ކަމަކަށް އަރައިގަތުމަށްޓަކައި ބޭނުންކުރެވޭ ވަސީލަތަކަށްވާ ނަމަ، އެކަމެއް ހަރާމް ވާނެ ކަމަށް ވެސް މައުމޫން ވިދާޅުވެފައިވެ އެވެ.މިމައްސަލައިގައި ރައީސް މައުމޫން ދިރާސާ ކަރުދާހެއް ނެރުއްވާފައިވާއިރު، ޔޯގާ އަކީ ހަރާމް އެއްޗެއް ކަމަށް ބުނެ އަދާލަތު ޕާޓީ އާއި އިތުރު އެތައް އިލްމުވެރިންތަކެއް ލިޔުންތަކެއް ނެރެފައިވެއެވެ. މިފަދަ ކަންކަމުގައި ރާއްޖޭގައި ފަތުވާ ނެރެން އޮތް "އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" އިން އަދިވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ