މާދަމާ ބާއްވާ ޕީޕީއެމް ޕްރައިމަރީގައި ވާދަވެރި އަބްދުﷲ ޔާމީން ހޮވިވަޑައިގެންފިނަމަ، މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުން އެ ޕާޓީ ބަލިވާނެ ކަމަށް ޕްރައިމަރީގައި ޔާމީނާ ވާދަކުރައްވާ ޕީޕީއެމުގެ ކުރީގެ ނާއިބު ރައީސް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ޕްރައިމަރީ ކެމްޕޭންގެ ފަހު ޖަލްސާގައި މިރޭ ވިލިމާލޭގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ޔާމީން ހޮވި ވަޑައިގެންފިނަމަ ރިޔާސީ އިންތިހާބުގައި ޕީޕީއެމް ބަލިވާނީ، ޔާމީން ކޯލިޝަން ހަދަން ބޭނުން ނުވާތީ ކަމަށެވެ. އަދި ކޯލިޝަން ނަހަދާ ކުރިއަށް ދާނަމަ ފެނިގެން ދާނީ 2008 ވަނަ އަހަރު ޑީއާރުޕީއަށް ކުރިމަތިވި ހިތި ތަޖުރިބާ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ޔާމީން އެހެން ޕާޓީ ތަކާއި އެކު ކޯލިޝަން ހަދަން ބޭނުންފުޅު ނުވާއިރު ގިނަ ޕާޓީ ތަކުންވެސް ޔާމީނާއި އެކު ކޯލިޝަން ހަދަން ބޭނުން ނުވާކަމަށެވެ. އަދި އުމަރާއި އެކު ގިނަ ޕާޓީތަކަކުން ކޯލިޝަން ހަދަން ބޭނުންވާ ކަމަށާއި، ޕްރައިމަރީ ކާމިޔާބު ވެއްޖެނަމަ ބޮޑު ކޯލިޝަނެއް ފެނިގެން ދާނެ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
"މާދަމާގެ ވޯޓު އަޅުގަނޑުގެ ވާދަވެރިޔާ (ޔާމިން) އަށް ދެއްވައިފިނަމަ 2013ގެ ރިޔާސީ އިންތިހާބު ޕީޕީއެމްއަށް ގެއްލޭނެ ކަމަށް އަޅުގަނޑު ވަރަށް ޔަގީން ކަމާއި އެކު ދަންނަވަން. ސަބަބަކީ އަޅުގަނޑުގެ ވާދަވެރިޔާ ބޭނުންފުޅެއް ނުވޭ ކޯލިޝަން ހައްދަވާކަށް. އަޅުގަނޑުގެ ވާދަވެރިޔާ ބޭނުންފުޅު ވަނީ އެކަނިމާއި އެކަނި ވަޑައިގަންނަވަން. އެކަނިމާ އެކަނި ދަތުރު ކުރުމުގެ ނަތީޖާ 2008 ވަނަ އަހަރު ޑީއާރުޕީ ވަނީ ދެކިފައި،" އުމަރު ވިދާޅުވިއެވެ.
ޕްރައިމަރީގައި ޔާމީނަށް ކާމިޔާބު ލިބި، ރިޔާސީ އިންތިހާބު ޕީޕީއެމްއަށް ނާކާމިޔާބުވެއްޖެނަމަ ކުރިއަށް އޮތް ފަސް އަހަރު ޕީޕީއެމް މެމްބަރުން ތިބެންޖެހޭނީ "މަގުމަތި ވެފައި" ކަމަށްވެސް އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން އަނބުރާ އައިސްފިނަމަ ރައީސް މައުމޫނާއި އުމަރު ހައްޔަރު ކުރާނެ ކަމަށެވެ.
އުމަރު އިތުރަށް ވިދާޅުވީ މާދަމާގެ ވޯޓަކީ ކޮރަޕްޝަނާއި، ތެދުވެރި ކަމާއި ދެމެދު ނެގޭ ވޯޓެއް ކަމަށެވެ. އަދި މާދަމާގެ ވޯޓަކީ މުޅި ގައުމުގެ ތާރީހު ބަދަލު ކޮށްލާނެ ވޯޓަކަށް ވެގެން ދާނެ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
އެގޮތުން ޔާމީންގެ ޓިމުގެ ކުރީ ސަފުގައި ތިބީ ކޮރަޕްޓް ވެފައިވާ ބޭފުޅުންތަކެއް ކަމަށްވެސް އުމަރު ވިދާޅުވިއެވެ. އަދި ޔާމީންގެ ޓީމަކީ "ގޭންގް ތަކުގެ ކޮންޓްރޯލް" ގެންގުޅޭ ބޭފުޅުންތަކެއް އިސްކޮށް ތިއްބެވި ޓީމެއް ކަމަށް ދޭހަވާ ގޮތަށް އުމަރު ވަނީ މިރޭ ވެސް ވާހަކަ ދައްކަވާފައެވެ.
"އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑުގެ ވާދަވެރިޔާގެ ފަރާތުގައި ތިއްބެވި ހުރިހާ ބޭފުޅުންނަކީ ކޮރަޕްޓް މީހުންނެކޭ ނޫން. ގައުމަށް ފަރަށް އިހުލާސްތެރި ބޭފުޅުންވެސް އޭގެ ތެރޭގައި އެބަތިބި، އޮޅިގެން އެފަރާތަށް އެރިފައި. ހައްގުގެ މަގު އޮޅިގެން އެފަރާތައް އެރިފަ އެބަތިއްބެވި. އެކަމަކު އެ ވަލުގެ މުގުލުގައި ތިއްބެވި ބޭބޭފުޅުންނަކީ މިހާރުވެސް ކޮރަޕްޝަނުގެ ހުކުމްތައް އައިސްފައި ތިއްބެވި ބޭބޭފުޅުންނާއި، ކޮރަމްޝަނުގެ މައްސަލަތައް އޭސީސީގައި ހިނގަހިނގައި ތިބި ބޭފުޅުންނާއި، ކޯޓުތަކަށް ދަމަދަމާ ތިބި ބޭފުޅުންނާއި، ކޯޓުތަކަށް ދަމަން ތައްޔާރުވެފައި ތިބި ބޭފުޅުންނާއި،" އުމަރު ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އުމަރު ވިދަޅުވީ އެ ބޭފުޅާ އަކީ ތަޖުރިބާއެއް ނެތް ބޭފުޅެއް ކަމަށް ބަޔަކު ބުނަމުން ދާއިރު، އެބޭފުޅާގެ ކަނާތް ފަރާތުގައި އިލިޔާސް އިބްރާހީމް ހުންނެވުމުން އެވާހަކަ ނުދެއްކޭނެ ކަމަށެވެ. އެގޮތުން އިލްޔާސް އަކީ ރައީސް މައުމޫނު ނަގާފައި މި ގައުމުގައި ހުރި އެންމެ ތަޖުރިބާކާރު ބޭފުޅާ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
"އަމާންކަން ގާއިމް ކުރާނަމެވެ. އަމާނާތްތެރި ވާނަމަވެ." ނަމުގައު އުމަރު ޓީމުން ބޭއްވި ޖަލްސާގައި މިރޭ ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުންވެސް ވަނީ ޔާމީން އަކީ ކޮރަޕްޓް ބޭފުޅެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އަދި ޔާމީން އަކީ ކޮއްކޯފުޅު ނަމަވެސް، ރައީސް މައުމޫނަށް އިހުލާސްތެރި ބޭފުޅެއް ނޫން ކަމަށްވެސް މިރޭގެ ޖަލްސާގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުންވެސް ވަނީ ވިދާޅުވެފައެވެ.
ޕްރައިމަރީން ޔާމީން ހޮވިއްޖެނަމަ ރިޔާސީ އިންތިހާބުގައި ޕީޕީއެމް ބަލިވާނެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ