ޔާމީންގެ ފަހަތްޕުޅަށް، ގާސިމް އެރުއްވި ނަމަވެސް ކާމިޔާބެއް ނުވާނެ: އިލްހާމް

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ތާއީދުކޮށް އޭނާގެ ފަހަތްޕުޅަށް، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އެރުއްވި ނަމަވެސް އިންތިހާބު ކާމިޔާބުވާނެ ކަމަށް "ފޯމިއުލާ" އިން ނުދައްކާ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އިލްހާމް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ. ޖުމްހޫރީ ޕާޓީގެ މައި ޖަގަހާގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި އިލްހާމް ވިދާޅުވީ އެއް ކެންޑިޑޭޓަކު ނެރެން ޖުމްހޫރީ ގުޅުމުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި ނަމަވެސް ޕީޕީއެމް އޮތީ އެކަމަށް ތައްޔާރަށް ނޫން ކަމަށެވެ. "އެކަކު ނުވަތަ އެއް ބޭފުޅަކު ނެރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި. އެހެން ނަމަވެސް ނަތީޖާއާ ހަމައަކަށް ނުދެވުނު. އެއް ބަޔަކު ބޭނުންވަނީ ތިމާމެންގެ އަމިއްލަ ކެންޑިޑޭޓު ނެރެން. އެއީ ހަމައެކަނި ފޯމިއުލާ ކަމަށް ދައްކަން. ވަން ވޭ ބޯޑު އަޅުވައިގެން އަޅުގަނޑު ގަބޫލެއް ނުކުރަން ނެގޯޝިއޭޓް ކުރެވޭނެ ކަމަކަށް،" އިލްހާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެއް ކެންޑިޑޭޓަކު ނެރެން ޖުމްހޫރީ ގުޅުމުން މަސައްކަތް ކުރި ނަމަވެސް ޕީޕީއެމްގައި އެކަމަށް "އޯޕަން މައިންޑެއް" ނެތްއިރު، ހުޅުވިފައިވާ އަތެއް ވެސް ނެތް ކަމަށެވެ. "ފްރީ ހޭންޑެއް ނުވަތަ އޯޕަން މައިންޑަކާ އެކު އައިސްގެން ކަމަށް ދެކެނީ ގައުމު މިއޮތް ހާލަތުން މިންޖުކުރުމަށް މަސައްކަތްތަކެއް ކުރެވޭނީ. އެހެންނަމަވެސް އަޅުގަނޑުމެންނަށް ފެންނަނީ ހާއްސަކޮށް ޕީޕީއެމް އޯޕަން މައިންޑެއް ނެތް. ހުޅުވިފައި އޮތް ހިތެއް ނެތް،" އިލްހާމް ވިދާޅުވި އެވެ. "ހަމައެކަނި ޝަރުތަކީ އަބްދުﷲ ޔާމީން. އެހެން ކަމަށްވާ ނަމަ އެއީ ނެގޯޝިއޭޓެއް ކަމަށް ނުކިޔޭނެ. އެއީ ހަމައެކަނި އޮފާއެއް. މިއީ އަޅުގަނޑު އެއްވެސް ބޭފުޅަކަށް ކުޑައިމީސް ބަހެއް ބުނާކަށް ނޫން. އެކަމަކު އަޅުގަނޑުމެން ބުރަ މަސައްކަތްތަކެއް ކޮށްފީމު. ހަމަ ގައިމުވެސް އަޅުގަނޑު ވަރަށް ބުރަ މަސައްކަތް ކުރިން." އޭނާ ވިދާޅުވީ އެއް ކެންޑިޑޭޓެއް ނެރުމުގެ މަސައްކަތުގައި އިލްމީ ބޭފުޅުން ގެނެސްގެން ދިރާސާ ވެސް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގައި ތިބި މެންބަރުންގެ 50 ޕަސެންޓް މީހުން ޔާމީނަށް ތާއީދުނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. "އިލްމީ ބޭފުޅުންތަކެއް ގެނެސްގެން ކުރި ދިރާސާތަކުން ފެންނަ ގޮތުގައި ގާސިމް އިބްރާހިމް، އަބްދުﷲ ޔާމީން ފަހަތްޕުޅަށް އެރުއްވިއަސް މޮޅުވާނެ ކަމަށް ފޯމިއުލާއަކުން ނުދައްކާ. ގަބޫލްކުރަން ޖެހޭ ހަގީގަތަކީ ރައީސް މައުމޫނުގެ ފަހަތްޕުޅުގައި ތިބި މީހުންނަކީ އެންޓި އަންނި ކަން. ޖޭޕީގައި ތިބީ ހަމައެކަނި އެންޓި އަންނިއެއް ނޫން. ތަފާތު ފިކުރުގެ ބޭފުޅުންނާ އޮނަރަބުލް ގާސިމް އާއި ހަސަން ސައީދު ދެކެ ލޯބިވާ އިސްލާހީ ބަދަލުތައް ގެންނަން ބޭނުންވާ އަދި ހަމައެހެންމެ ވޭތުދިޔަ ވެރިކަންތަކުގެ ތަޖުރިބާ އަށް ބަލާފަ އެކަން ތަކުރާރުވާން ބޭނުން ނުވާ އެތައް ބަޔަކު އެބަ ހިމެނޭ،" އިލްހާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރައީސް ވަހީދު ކެންޑިޑޭޓަކަށް ނެރެން ވެސް ޕީޕީއެމްއާ އެކު މަޝްވަރާ ކޮށްފައިވާ ކަމަށެވެ. "ޕީޕީއެމްގައި ދެންނެވިން ވަހީދަކީ އެއްވެސް ބޭފުޅެއްގެ ޒާތީ ހަސަދައެއް އޮތް ބޭފުޅެއް ނޫނޭ. ހިނގާށޭ، ޑައުން ކުރާށޭ. ހަސަން ސައީދު ވެސް ހުންނެވީ ނަން ނަންގަވަން. ގާސިމް ވެސް ވިދާޅުވީ ބޭނުމެއް ނޫނޭ ރަނިން މޭޓް ކަމެއް ވެސް. އަޅުގަނޑަށް އެނގޭ ސުޕްރީމް ކޯޓުގެ ހުކުމް ބެއްލެވީމަ ވެސް އެނގެން އެކަން ކުރާނެ ފުރުސަތު އޮތްކަން. އެހެންނަމަވެސް އެއް ކެންޑިޑޭޓް ނެރެން ރެ އާއި ދުވާލު ބުރަ މަސައްކަތްތަކެއް ކޮށްފީމު. އޭގެ ނަތީޖާއެއް ނުނެރެވުނު،" އިލްހާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެއް ކެންޑިޑޭޓެއް ނެރެން ކުރި މަސައްކަތް ކާމިޔާބު ނުވުމުން ދެން އޮތް ހަމައެކަނި ގޮތަކީ ގާސިމް އިބްރާހިމް "މޮޅުވުން" ކަމަށެވެ. "މިހާރު އޮނަރަބުލް ގާސިމް މޮޅުވުން ނޫން ގޮތެއް ނެތް. މިއީ ދިވެހި ރައްޔިތުން ވިސްނަން ޖެހޭ ކަމެއް. ފުލުހުންނާއި ސިފައިން ވެސް ވިސްނަން ޖެހޭ ކަމެއް. ގައުމަށް ހެވާއި ލާބަ އާއި މަންފާ އަށް އެދޭ އެންމެން ވިސްނަން ޖެހޭ ކަމެއް. އެންމެ އީޒީ އެންމެ އަރާމްކޮށް އޮތް ގޮތަކީ ގާސިމް. ގާސިމް ވަޑައިނުގަތިއްޔާ އަޅުގަނޑު ދަންނަވާނީ ހިތި ހިތާމައާ ކުރިމަތިލާން ޖެހޭނެއޭ. އޮނަރަބަލް ޔާމީން އައިސްގެން މި ގޭމެއް ނުނިމޭނެ،" އިލްހާމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ