މެމްބަރު އަލީ ވަހީދުގެ މަންމައާ ފުލުހުން ސުވާލުކޮށްފި

ކޮރަޕްޝަން މައްސަލައެއްގެ ތަހުގީގަށް، ރައްޔިތުންގެ މަޖިލީހުގެ އއ. ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދުގެ މަންމައާ ފުލުހުން އިއްޔެ ސުވާލުކޮށްފި އެވެ. "ހަވީރަ"ށް އެނގިފައިވާ ގޮތުގައި އަލީ ވަހީދުގެ މަންމަ، އއ. ތޮއްޑޫ، ހަނީމޫން، ޒުހުރާ އަބްދުﷲ އާ ފުލުހުން ސުވާލުކޮށްފައި ވަނީ އެ ރަށު ކައުންސިލް އިދާރާ އަށް ހާޒިރުކޮށްގެންނެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދާ ކޮރަޕްޝަން މައްސަލައެއްގެ ތަހުގީގަށް އަލީ ވަހީދުގެ މަންމައާ ސުވާލުކުރިކަން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވެސް ކަށަވަރުކޮށްދެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ތަހުގީގުގައި ޒުހުރާ ބޭނުންކުރީ ހަނުހުރުމުގެ ހައްގެވެ. އަލީ ވަހީދުގެ މައްޗަށް ތުހުމަތުކުރާ ކޮރަޕްޝަން މައްސަލައިގެ ތަހުގީގަށް އޭނާގެ ބައްޕަ ވެސް ވަނީ މިދިޔަ ހަފުތާގައި ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. އޭނާގެ ބައްޕަ ވެސް ތަހުގީގުގައި ބޭނުންކުރީ ހަނުހުރުމުގެ ހައްގެވެ. އެނގިފައިވާ ގޮތުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދުގެ މަންމައާ ފުލުހުން ސުވާލުކޮށްފައި ވަނީ އޮކްޓޯބަރު 2011 ގައި 7.9 މިލިއަން ރުފިޔާ އަށް ގޯއްޗެއް ގަނެފައިވާތީ އެކަމާ ގުޅޭ ގޮތުން ބަލަމުންދާ މައްސަލައެއްގަ އެވެ. ބައްޕަ ފުލުސް އޮފީހަށް ހާޒިރުކުރި ރޭ އަލީ ވަހީދު ވިދާޅުވެފައި ވަނީ ފުލުހުން ކޮރަޕްޝަންގެ މައްސަލަ ތުހުމަތުކުރަނީ އޭނާގެ މައްޗަށް ކަމަށާއި އެކަމަކު ވޭތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި ދުވަހަކު ވެސް އޭސީސީ އަށް ނުވަތަ ފުލުސް އޮފީހަށް ވެސް ހާޒިރު ނުކުރައްވާ ކަމަށެވެ. އެހެންވެ، މައިންބަފައިންގެ ބަދަލުގައި އޭނާ އަށް ޗިޓް ފޮނުވައިގެން ވީހާ ވެސް އަވަހަކަށް މައްސަލަ ނިންމައިދިނުމަށް އަލީ ވަހީދު ވަނީ އެދިވަޑައިގެންފަ އެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ