ހައްޔަރުކޮށްފައި ތިބި ނޫސްވެރިންނަށް ވީހާ ވެސް ލުއިގޮތްތަކެއް ހަމަޖައްސަނީ

އިދިކޮޅު ފަރާތްތަކުން މިހާރު މާލޭގައި ބާއްވާ މުޒާހަރާތައް ރޫޅާލުމުގެ ތެރޭގައި ތަފާތު ސަބަބުތަކާ ގުޅިގެން ހައްޔަރުކޮށްފައި ތިބި ނޫސްވެރިންގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހާފައިވީ ނަމަވެސް، ވީހާ އަވަހަކަށް ތަހުގީގު ނިންމައި އެމީހުން ދޫކޮށް ދެއްވާނެ ކަމަށް ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ. އޭނާ އެގޮތަށް ވިދާޅުވީ މިހާރު ދޫނިދޫގައި ތިބި ނޫސްވެރިންނަށް ވީހާ ވެސް ލުއިގޮތްތަކެއް ސީޕީގެ ހާއްސަ އިނާޔަތްތެރިކަމާ އެކު ހަމަޖައްސަވައި ދެއްވުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ފޯނުން ގުޅުއްވައި މިއަދު އެދިވަޑައިގަތުމުންނެވެ. ޝަހީބު ވިދާޅުވީ "އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ވާން އޮތް އެންމެ ރަނގަޅެއް ކޮށްދޭނަން" ކަމަށް ސީޕީ ހުސެއިން ފޯނުން ވިދާޅުވެފައިވާ ކަމަށެވެ. ސީޕީގެ ނިންމެވުމާ ގުޅިގެން، ޝަހީބު "ހަވީރަ"ށް ވިދާޅުވީ ނޫސްވެރިންނާއި މީޑިއާތަކުގައި ހަރަކާތްތެރިވާ މީހުން ޕްރޮފެޝަނަލްކޮށް ކަންކަން ކުރުމަށް މި ފުރުސަތުގައި ވެސް އެދިވަޑައިގަންނަވާ ކަމަށެވެ. "މުޒާހަރާތައް ކަވަރު ކުރުމުގައި ނޫސްވެރިންނަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ފުރުސަތުތައް ތަނަވަސްކޮށްދޭކަން ފާހަގަކުރަން. އެއާއެކު ނޫސްވެރިން ވެސް މިހާރަށް ވުރެ ޕްރޮފެޝަނަލް ވެގެން ހަރަކާތްތެރިވުމަށް އެދެން. ނޫސްވެރިން ވެސް އެމީހުންގެ ހުދޫދުގައި މަސައްކަތް ކުރާ ނަމަ، އަޅުގަނޑުމެންނަށް ފަސޭހަވާނެ މުޒާހަރާއެއްގައި ހައްޔަރު ކުރިޔަސް އެމީހުންނަށްޓަކައި މަސައްކަތް ކޮށްދޭން. މިހާރު ވެސް މިދަނީ މަސައްކަތް ކޮށްދެމުން،" ޝަހީބު ވިދާޅުވި އެވެ. މުޒާހަރާތަކުގެ ތެރެއިން ހައްޔަރުކޮށް މިހާރު ފުލުހުންގެ ބަންދުގައި ތިބީ ތިން ނޫސްވެރިއެކެވެ. އެއީ ރޭގެ މުޒާހަރާއިން ހައްޔަރުކުރި، ރާއްޖެ ޓީވީގެ ކެމެރާމަނަކާއި ނޫސްވެރިއަކާއި އިއްޔެ ރޭ ހައްޔަރުކުރި، ޗެނަލް ވަން ގެ ކެމެރާމަނެކެވެ. އެ ތިން މީހުންގެ ވެސް ބަންދަށް ވަނީ ފަސް ދުވަސް ޖަހައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ