އަބްދުﷲ ހަމީދުގެ އަނބިކަނބަލުން އަވަހާރަވެއްޖެ
ކުރީގެ އެޓޯލްސް މިނިސްޓަރު ކަމާއި އަދި ރައްޔިތުން މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ، އަބްދުﷲ ހަމީދުގެ އަނބިކަނބަލުން އައިޝަތު މޫސާ މިއަދު އަވަހާރަވެއްޖެ އެވެ. ޅ. ނައިފަރަށް އުފަން އައިޝަތު މޫސާ އުމުރުން 68 އަހަރުގައި އަވަހާރަވީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ސްރީލަންކާގެ ކޮޅުނބުގަ އެވެ. މަޝްހޫރު ގާނޫނީ ވަކީލު އަދި އަބްދުﷲ ހަމީދުގެ ދަރިކަލުން ޝާހީން ހަމީދު މިއަދު "ހަވީރަ"ށް ވިދާޅުވީ މަންމަ އަވަހާރަވީ ލަންކާ ގަޑިން މިއަދު މެންދުރު 2:30ގައި އާސިރީ ހޮސްޕިޓަލުގައި ކަމަށެވެ. ޝާހީން ވިދާޅުވި ގޮތުގައި މަންމަ އަވަހާރަވީ ކެންސަރުގެ ބައްޔަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ޖަނާޒާގެ ކަންތައްތައް މިރޭގެ ވަގުތަކަށް ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ޝާހީން ވިދާޅުވި އެވެ. "މަންމަގެ މަރާ ގުޅިގެން އާއިލާ އަށް ވަރަށް ފުން ހިތާމައެއް ވަނީ ލިބިފައި،" ޝާހީން ވިދާޅުވި އެވެ. އަބްދުﷲ ހަމީދާއި އައިޝަތު މޫސާގެ ކައިވެންޏަށް 11 ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ. އޭގެ ތެރެއިން ގިނަ ބޭފުޅުން އަންނަނީ ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވަމުންނެވެ. އެ ބޭފުޅުންގެ ތެރޭގައި ކުރީގެ ޕްލޭނިން މިނިސްޓަރުކަން ކުރެއްވި މިހާރު މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަމްދޫން ހަމީދާއި މިފްކޯގެ ޗެއާމަން ޑރ. ފާތީން ހަމީދު އަދި ޕޮލިސް އިންގްރިޓީ ކޮމިޝަންގެ ނައިބު ރައީސް ޑރ. ހާލާ ހަމީދު ހިމެނިވަޑައިގަންނަވަ އެވެ. މަޝްހޫރު ފޮޓޯގްރާފަރު ޔާސީން ހަމީދާއި މިއުޒީޝަން ޝަމްއޫން ހަމީދަކީ ވެސް އަބްދުﷲ ހަމީދުގެ ބޭފުޅުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ