ކޮންމެ ރާފުޅިއެއްގައި ޓެގް ޖަހައި، ކޮންމެ ބިޔަރު ދަޅެއްގައި މާކު ޖަހާނަން: އުމަރު

ބޮންޑެޑް ވެއާހައުސްތަކުން ނެރޭ ކޮންމެ ބަނގުރާ ފުޅިއެއްގައި ވަކިވަކިން ޓެގެއް ނުވަތަ ޖީޕީއެސް ހަރުކުރާނެ ކަމަށާއި ކޮންމެ ބިޔަރު ދަޅެއްގައި މާކެއް ޖަހާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. ދުނިޔޭގެ ކަސްޓަމްސް ދުވަސް ފާހަގަކުރުމަށް ކަސްޓަމްސް ބިލްޑިންގުގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުންނަ ބޮންޑެޑް ވެއާހައުސްތަކުން ދޫކުރާ ބަނގުރާ މާލެ އާއި ރަށްތަކުން ފެންނަ ކަމަށާއި އެގޮތަށް އެކަން ވާން ދޫކޮށް ނުލެވޭނެ ކަމަށެވެ. އަދި ޓޫރިސްޓުން ނުދާ ބައެއް ސަފާރީތަކުގެ ނަމުގައި ވެސް ބޮންޑެޑް ވެއާހައުސްތަކުން ހަފުތާއަކު ވިހި ކޭސް ރާ ވެސް ގެންދާ ކަމަށާއި އެ މައްސަލަ ވެސް ބައްލަވާނެ ކަމަށް ވިދާޅުވި އެވެ. "އެއްގޮތަކީ ބަނގުރާތަކުގެ ކޭސްތަކުގައި ޖީޕީއެސް ޓްރެކަރެއް ހަރުކޮށްގެން އޭތި ގޮސް ނިމެނީ ކޮން ޕޮއިންޓަކަށްތޯ ބެލުން. މިކަން ވެސް މިއީ އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންނަށް މިއަދުގެ ޓެކްނޮލޮޖީ އޮތް ގޮތުން ކުރެވޭނެ ކަމެއްހެން. އިރާދަކުރެއްވިއްޔާ މި ގޮތް އަޅުގަނޑުމެން ހަމަޖައްސާނަން ނުވަތަ ކޮންމެ ބަނގުރާ ފުޅިއެއްގައި ނުވަތަ ކޮންމެ ބިޔަރު ދަޅެއްގައި އަޅުގަނޑުމެން ޖަހާނަން މާކެއް. ޖަހާފައި އަޅުގަނޑުމެން ބޮންޑެޑް ވެއާހައުސް އިން ދޫކުރާނީ،" އުމަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އެތެރެކުރާ މިފަދަ ތަކެތި ރަށު ތެރެއަށް ދޫވުމުން ޒިންމާ ނަގަންޖެހެނީ ހަމައެކަނި ކަސްޓަމްސް އާއި ފުލުހުން އެކަނި ނޫން ކަމަށާއި އެތެރެކުރާ ފަރާތްތަކުން ވެސް އޭގެ ޒިންމާ ނަގަންޖެހޭ ކަމަށެވެ. މި ގޮތުން ފާހަގަޖަހާފައި ދޫކުރާ ފުޅި ނުވަތަ ދަޅުތައް މާލޭގެ މަގުތަކުން ފެނިއްޖެ ނަމަ ބޮންޑެޑް ވެއާހައުސް އިން އެ ތަކެތި ގެންދިޔަ ފަރާތެއް ޒިންމާކުރުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ގާނޫނުގައި ބުނާ އެންމެ ކުޑަމިންވަރަށް ވެސް ރާއްޖޭގެ ބަނދަރުތައް ސީލްކުރެވިފައި ނުވާ ކަމަށާއި ރާއްޖެ އަށް މަސްތުވާތަކެތި އެތެރެވުން ކޮންޓްރޯލްކުރުމަށް ބަނދަރުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް، ބަނދަރުތައް ހިންގާ ފަރާތްތަކުން އިންވެސްޓްކުރަންޖެހޭ ކަމަށެވެ. "ރާއްޖެ އަށް އެތެރާ މަސްތުވާ އެއްޗެހީގެ ކޮންމެ 100 ގްރާމް މަސްތުވާއެއްޗަކަށް އަޅުގަނޑުމެންގެ މުޖުތަމައުގެ ތެރެއިން އެއްކުއްޖަކު ހަލާކުވެގެންދޭ. އެ ކުއްޖާ ރިހެބިލިޓޭޝަނަށް ނުވަތަ ޖަލަށް ދާންޖެހޭ. ކޮންމެ 100 ގްރާމެއް ވިއްކުމަށްޓަކައި 10 މީހަކު ނުކުމެ އެތަކެތި ބަންދުކޮށް، މަގުތަކުގައި އެ ތަކެތި ވިއްކުމުގައި މަސައްކަތްކުރޭ. ކޮންމެ 100 ގްރާމެއް އެތެރެވާ އެތެރެވުމަކަށް އެވްރެޖްކޮށް ތިން ވައްކަން ހިނގާ. ކޮންމެ 100 ގްރާމެއް ބޮއިގެން ފަސް މީހަކު އެވްރެޖްކޮށް ކުށަށް އަރައިގަނޭ. އެ ތަކެތި ގަތުމަށް ހަށިވިއްކުމުގެ ވިޔަފާރިތަކުގައި ދިވެހިން ބައިވެރިވޭ. އެ ތަކެތި ގަތުމަށް ސަލާންޖަހާ. އެހެންވީމާ ކޮންމެ 100 ގްރާމަކުން ދިވެހި މުޖުތަމައުއަށް ތަފާތު ގިނަގުނަ ގެއްލުންތައް ވަމުންދޭ،" މިނިސްޓަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ