އަމީން އަރުވާލަން ކުރި ހުކުމް ހައި ކޯޓުން ބާތިލްކޮށްފި
ހިޔާނާތުގެ މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހުގެ ރ. އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް އަމީން ހަތަރު އަހަރާ ހަ މަސްދުވަހަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ. އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ ކޮއްކޮ އަމީން އަރުވާލުމަށް މިދިޔަ އަހަރުގެ މެއި 14 ވަނަ ދުވަހު ދަށު ކޯޓުން ހުކުމް ކުރީ 2004 އިން ފެށިގެން 2006 އާ ހަމަ އަށް އެ ރަށު އޮފީހުގައި އޭނާ މަސައްކަތްކުރެއްވި އިރު ރައްޔިތުންގެ އިންޖީނުގެ އިން ރަށު އޮފީހަށް ދެއްކި ފައިސާ އަށް ހިޔާނާތްތެރިވި މައްސަލައިގަ އެވެ. ހައި ކޯޓުގެ ފަނޑިޔާރު އައްބާސް ޝަރީފާއި އަބްދުލް ޣަނީ މުހައްމަދާއި އަބްދުއްރައޫފު އިބްރާހިމް މިއަދު ނެރުއްވި ހުކުމުގައި ބުނެފައިވަނީ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އޭނާގެ މައްޗަށް މައްސަލަ ސާބިތުނުވާ ކަމަށެވެ. ހުކުމުގެ ކުރިން ފަނޑިޔާރުންނަށް ފާހަގަ ކުރެވިފައިވާ ނުކުތާތަކުގެ ތެރޭގައި ގާނޫނުލް އުގޫބާތުގައި ކަނޑައަޅާފައިވާ ހިޔާނާތުގެ ކުށް ސާބިތުކުރުމަށްޓަކައި ފުރިހަމަ ވާންޖެހޭ ހަތަރު އުންސުރު އޭނާގެ މައްޗަށް ސާބިތުނުވާކަން ފާހަގަކޮށްފައިވެ އެވެ. ހިޔާނަތުގެ ކުށުގެ ތުހްމަތު ކުރެވޭ މައްސަލާތަކުގައި ފުރިހަމަވާން ޖެހޭ ހަތަރު އުންސުރުތަކަކީ ހިޔާނާތްތެރިވި ތަކެއްޗަކީ ހިޔާނަތްތެރިވި މީހާގެ ބެލުމުގެ ދަށުގައި ނުވަތަ ހަވާލުގެ ދަށުގައި ހުރި އެއްޗަކަށްވުމާއި އެމީހާގެ ނުބައި ނިޔަތެއް އޮތުމާއި އެ ތަކެތީގެ ބޭނުންކުރުމުގައި ވެރި ފަރާތުގެ އިޒުނަ ނެތުމުގެ އިތުުރުން އެ އެއްޗެއް ނައްތާލުން ނުވަތަ ބަދަލު ގެނައުން ނުވަތަ ކަނޑައަޅާފައިވާ އުސޫލާ ހިލާފުވެފައިވުމެވެ. އަމީން ހިޔާނަތްތެރިވިކަމަށް ބުނެފައިވާ ފައިސާގެ ވެރި ފަރާތަކީ އުނގޫފާރު ރައްޔިތުން ކަމަށްވާ އިރު އޭގެ ތެރެ އިން އެކަކުވެސް އެ ފައިސާގެ ޝަކުވާއެއް ކޮށްފައިނުވުމުން އޭނާ އެ ފައިސާ ބޭނުންކުރީ ވެރި ފަރާތުގެ އިޒުނައެއް އޮވެގެން ކަން ނުވަތަ ނޫން ކަމާ މެދު ޝައްކު އުފެދޭ ކަމަށް ފަނޑިޔާރުން ވަނީ ފާހަގަކޮށްފަ އެވެ. އަދި އެ ފައިސާ ބޭނުންކޮށްފައި ވަނީ ކަނޑައެޅިފައިވާ އުސޫލާ ހިލާފަށް ކަމަށްވާ ނަމަ އޭނާ ހިލާފުވެފައި ވަނީ ކޮން ގަވާއިދަކާތޯ ޝަރީއަތުން ބަލަން ޖެހޭ އިރު ދަށު ކޯޓުގައި އެ ވާހަކަތައް ދައްކާފައިވާކަން މައްސަލަ ނިންމި ގޮތުގެ ރިޕޯޓުން އެނގެން ނެތް ކަމަށް ވަނީ ފާހަގަކޮށްފަ އެވެ. އެހެން ކަމުން އޭނާ އެ ފައިސާ ގެންގުޅުނީ ގަވައިދާ އެއްގޮތަށް ކަން ނުވަތަ ނޫންކަމާ މެދު އޮތް ޝައްކު ފިލައިގެން ގޮސްފައި ނުވާކަމަށް ހައި ކޯޓުގެ ފަނޑިޔާރުންގެ ނިންމުގައި ވަނީ ބުނެފަ އެވެ. ކްރިމިނަލް ކޯޓުގެ ހުކުމުގައިވާ ގޮތުން ދައުވާގެ އަސްލަށް އަމީން އިންކާރުކުރި ނަމަވެސް އޭނާ ހަވާލުވެ ސޮއިކުރި ފައިސާގެ ތެރެއިން 36،818ރ. މަދުވާ ކަމަށާއި އެ ފައިސާ އަށް ވީ ގޮތް ބުނެދޭން ނޭނގޭ ކަމަށް އެންޓި ކޮރަޕްޝަން ބޯޑުގެ ތަހުގީގާއި ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފްވެފައިވެ އެވެ. އެންޓި ކޮރަޕްޝަން ބޯޑުގެ ތަހުގީގަކީ ސައްހަ އޮޑިޓެއް ނޫން ކަމަށް އޭނާ ބުނި ނަމަވެސް އޭނާ އަށް އެކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ. ފައިސާ މަދުކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުގައި އިއުތިރާފުވެފައި ވަނީ އެ ކޮމިޝަނުން ދެއްކި ލިޔުންތަކަށް ބެލުމަށްފަހު ކަމާއި ނަމަވެސް އެ ކޮމިޝަނުން ކޮށްފައިވާ އޮޑިޓަކީ ރަނގަޅު އޮޑިޓެއް ނޫންކަމަށް ފަހުން އެނގިފައިވާ ކަމަށް ދަށު ކޯޓުގައި އަމީން ވިދާޅުވިކަން ހައި ކޯޓުން ފާހަގަކޮށްފައިވެ އެވެ. އަދި ކުށުގެ ތުހްމަތުގައި ހުންނަ މީހަކު ޝަރީއަތުގެ މަޖިލީހުގައި ވާ އިއުތިރާފު ފިޔަވައި އެހެން ތަނެއްގައި ވެފައިވާ އިއުތިރާފަކީ ހެއްކެއްގެ ގޮތުގައި ނުބެލޭނެކަން ހައި ކޯޓުގެ ނިންމުގައިވެ އެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ އަމީން ކުށެއްކުރި ފުރަތަމަ ފަހަރު ކަމަށް ވާތީ ހަ މަހަށް، އަދި އޭނާ ހިޔާނާތްތެރިވީ 10،000ރ. އަށްވުރެ ގިނަ ފައިސާ އަށް ކަމަށް ވާތީ ކޮންމެ 10 ހާސް ރުފިޔާ އަށް އަހަރެއްގެ މަގުން ތިން އަހަރަށް އަދި އޭނާ އެ ފައިސާ އަށް ހިޔާނާތްތެރިވީ އެއާ ހަވާލުވެގެން ހުރެ ކަމަށް ވާތީ އިތުރު އެއް އަހަރާ އެކު، ޖުމްލަ ހަތަރު އަހަރާއި 6 މަހަށް އަމީން އަރުވާލަން ހުކުމްކުރާ ކަމަށެވެ. ހަމަ އެ މައްސަލާގައި މިދިޔަ މަހުގެ ތެރޭގައި އޭނާގެ ބޭބެ އަދި ކައުންސިލްގެ ރައީސަކަށް ހުރި އަބްދުއްނާސިރު އަލީ 11 އަހަރަށް އަރުވާލުމަށް ވެސް ހުކުމްކޮށްފައިވާއިރު އެ ހުކުމް ވެސް ވަނީ ހައި ކޯޓުން ބާތިލްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ