ދާއިރާގެ ވޯޓުފޮށި އަލުން ގުނާތީ ކަންބޮޑުވެ، ވޯޓުލުން އަލުން ބާއްވައިދޭން ހެންވޭރު ހުޅަނގުގެ ކެންޑިޑޭޓުން ގޮވާލައިފި

ލޯކަން ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް މިދިޔަ ހުކުރު ދުވަހު ބޭއްވި އެޕާޓީގެ ޕްރައިމަރީގައި ހަމަނުޖެހުންތަކާ ގުޅިގެން ވޯޓުލުން އަލުން ބާއްވާނެ ކަމަށް އިއުލާންކުރި ހެންވޭރު ހުޅަނގު ދާއިރާގެ ވޯޓުލުން އަލުން ގުނަން އުޅޭތީ އެ ދާއިރާއަށް ވާދަކުރި ފަސް ކެންޑިޑޭޓުންގެ ތެރެއިން ހަތަރު ކެންޑިޑޭޓަކު ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރީ އިބްރާހިމް މަނިކާއި އަހުމަދު އާސިމް އާއި ޝާހިގު އަހުމަދާއި މުހައްމަފު ފިޝާވިން ސަލީމު އަދި އައިޝަތު މޫސާއެވެ. ނަމަވެސް އެދާއިރާގެ ވޯޓުލުން ނިމި، ވޯޓުގުނުން ކުރިއަށްދަނިކޮށް ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ވޯޓުގުނުން ހުއްޓާލިއެވެ.
އެކަމާ ގުޅިގެން އައިޝަތު މޫސާ ފިޔަވައި ދެން ތިބި ހުރިހާ މެމްބަރުން ސޮއިކޮށް މިރޭ ނެރުނު ބަޔާނުގައި ވިދާޅުވީ، ހެންވޭރު ހުޅަނގު ދާއިރާގެ ވޯޓުފޮށީގެ ވޯޓު ގުނަމުން ދަނިކޮށް ހަޅުތާލު އުފެދުނީ މާފަންނު ހުޅަނގު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ފަލާހު އައިސް ބާތިލް ވޯޓެއްގެ ގޮތުގައި ނިންމާފައިވާ ވޯޓު ކަރުދާސްތަކުގެ ތެރެއަށް އަތްލާ ބާތިލް ވޯޓު ކަރުދާސްތައް ނަގާ ކެންޑިޑޭޓުންގެ ވޯޓު ކަރުދާސްތަކާ އެއްކޮށްލަން މަސައްކަތް ކުރުމުން ކަމަށެވެ.
ކެންޑިޑޭޓުންގެ ބަޔާނުގައި ބުނީ މި ހަމަނުޖެހުންތަކުގެ ތެރޭގައި ޝާހިގް އަދި ފިޝާވީންގެ ވޯޓުތައް ގުނުމަކާ ނުލައި ވަކި ކެންޑިޑޭޓަކަށް ބުރަވާ ގޮތަށް އެމްޑީޕީގެ އިންތިހާބު ކޮމިޝަނުން މަސައްކަތް ފެށިކަމަށް ގަބޫލުކުރެވުމުން އާސިމްގެ ފަހަތަށް ޝާހިގާއި ފިޝާވީން އެރި ކަމަށެވެ. އަދި އެވަގުތު ކެންޑިޑޭޓުންނާ މަޝްވަރާކުރުމަށްފަހު އެމްޑީޕީގެ ސެކްރެޓޭރިއެޓުން އަލުން ދާއިރާގެ އިންތިހާބު ބޭއްވުމަށް އިއުލާންކުރި ކަމަށް ބަޔާނުގައިވެއެވެ.
ނަމަވެސް އިންތިހާބު އަލުން ބާއްވާނެ ކަމަށް އިއުލާން ކުރުމަށްފަހު ކެންޑިޑޭޓުންނާއި މަންދޫބުން ކުރިމަތީގައި ވޯޓު ފޮށީގައި ސީލް އެޅުވުމެއް ނެތި ވޯޓުފޮށި ގެންދާނެ ތަނަކަށް ގެންގޮސް ހަތަރު ދުވަސް ބެހެއްޓުމަށްފަހު ޕްރައިމަރީގައި ކުރިމަތިލި ކެންޑިޑޭޓުންނަށް އިތުރު އެންގުމެއް އަދި މައުލޫމާތެއް ދިނުމެއްނެތި މާދަމާ އަލުން ހެންވޭރު ހުޅަނގު ދާއިރާގެ ވޯޓު ފޮށި ގުނުމަށް ނިންމާފައިވާކަން އެމްޑީޕީން އިއުލާންކޮށްފައިވާ ކަމަށް ކެންޑިޑޭޓުންގެ ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާނުގައި އިތުރަށް ބުނީ، ވޯޓުފޮށި އަލުން ގުނަން ނިންމީ ކެންޑިޑޭޓުންނާއި މަޝްވަރާކުރުމެއްނެތި ކަމަށާއި އަދި ދިމިގްރާތީ އުސޫލުތަކާއި އެއްގޮތަށް ކަންކުރާނަމަ ވޯޓުފޮށި ގުނުމަކީ ވޯޓުލުމަށްފަހު ހުރިހާ ކެންޑިޑޭޓުންގެ ކުރިމަތީގައި ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި މިކަމުގައި އިންތިހާބުގެ ކަންކަން ދެފުށް ފެންނަ ގޮތަށް އިންސާފުވެރިކަމާއެކު ކުރިއަށް ނުގެންދެވުމަކީ ހެންވޭރު ހުޅަނގު ދާއިރާއިން ވޯޓުލީ އެތައް ބައެއްގެ ހައްގު ނިގުޅައިގަތުން ކަމަށް ބަޔާނުގައިވެއެވެ.
"މިކަން (ހަތަރު ކެންޑިޑޭޓުންގެ) ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި މި އިންތިހާބު ނިމި ހަފްތާއެއް ފަހުން ވޯޓު ފޮށި ގުނަން ފެށުމަކީ ވޯޓުފޮށި ގަޑުބަޑުކޮށް އިންތިހާބުގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެމެވެ،" ބަޔާނުގައިވެއެވެ.
ބަޔާން ނެރުނު ހެންވޭރު ހުޅަނގުގެ ހަތަރު ކެންޑިޑޭޓުންގެ އިތުރަށް ބުނީ، އެމީހުންގެ އެދުމަކީ ޑިމޮކްރަސީގެ ރިވެތި އުސޫލުތަކާއި އެމްޑީޕީގެ ރޫހާ އެއްގޮތަށް ގިނަ ކެންޑިޑޭޓުން އެދޭގޮތަށް އަދި ވޯޓުލި ދުވަހު ވޯޓުލީ މަރުކަޒުގައި ކެންޑިޑޭޓުންނަށް ޕާޓީން އެނގި އެންގުމާއި އެއްގޮތަށް އަލުން ހެންވޭރު ހުޅަނގު ދާއިރާގެ ވޯޓުލުން ބޭއްވުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ