ނާޒިމްގެ ހަތަރު މައްސަލައެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހްމަދު ނާޒިމްގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ދައުވާ އުފުލައި އެމައްސަލަ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުންނާއި ހައި ކޯޓުން ކޮށްފައިވާ ހުކުމްތައް އިސްތިއުނާފް ކުރުމަށް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
ޕީޖީ އޮފީހާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އިސްތިއުނާފް ކުރަން އޮންނަ މުއްދަތު ހަމަވެފައިވާ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފް ކުރަންޖެހޭ ކަމަށް ފެންނަ މައްސަލަތައް ސުޕްރީމް ކޯޓަށް ހުށަހެޅި އިރު އޭގެ ތެރޭގައި ނާޒިމްގެ މައްސަލަތައް ވެސް ހިމެނެ އެވެ. އަދި މިމައްސަލަތައް ސުޕްރީމް ކޯޓުން ބަލައިގަނެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ނާޒިމްގެ މައްޗަށް ދައުވާކުރީ ބަނދަރު ބައްތިތަކެއް ގަތުމަށް ކުރީގެ އެޓޮލްސް މިނިސްޓްރީން އިއުލާންކުރުމުން އޮޅުވާލައިގެން އެސްޓިމޭޓް ހުށަހަޅައިގެން ނާޒިމް އެ ޕްރޮޖެކްޓް ކާމިޔާބުކުރި ކަމަށް ބުނެއެވެ. އަދި ކުރީގެ އެޓޯލްސް މިނިސްޓްރީ އަށް 15،000 ދިދަ ގަތުމަށް ދެ ފަހަރަކު އިއުލާން ކުރުމުން އެ ދެ ފަހަރު ވެސް އޮޅުވާލައިގެން އެ ޕްރޮޖެކްޓްތައް ކާމިޔާބުކުރި ކަމަށް ބުނެ ވެސް ދެ ދައުވާއެއް ވަނީ އުފުލާފައެވެ. މީގެ އިތުރުން މިސްކިތްތަކަށް ސައުންޑް ސިސްޓަމްތަކެއް ގަތުމަށް އިއުލާން ކުރުމުން އޮޅުވާލައިގެން ނާޒިމް އެ ޕްރޮޖެކްޓް ވެސް ކާމިޔާބުކުރި ކަމަށް ބުނެ ދައުވާއެއް ވަނީ އުފުލާފައެވެ.
ނަމަވެސް މި ހަތަރު މައްސަލައިގައި ވެސް ހައިކޯޓުންނާއި ކްރިމިނަލް ކޯޓުން ކުރި ހުކުމްތަކުގައި ވަނީ ދައުލަތުން ހުށަހަޅާފައިވާ ކަންތައްތަކަށް ބަލާ އިރު ނާޒިމްގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭނެ ތަނެއް ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ