ހުޅުމާލޭ މާސިންގާ ރެހެނދި ސްކޫލް

މިއަހަރުގެ ދިރާސީ އައު އަހަރު އިއްޔެ ފެށިގެން ދިޔަ އިރު، ހުޅުމާލޭގެ ރައްޔިތުންނަށް ލިބިގެން ދާނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އެ ހުޅުމާލެގައި މިހާތަނަށް ހުރި ސަރުކާރުގެ ސްކޫލް ކަމުގައިވާ ޣާޒީ ސްކޫލްގެ ޖާގައިގެ ދަތިކަން ހައްލު ކުރުވުމަށް ސަރުކާރުގެ އިތުރު ސްކޫލެއް އެތަނުގައި ހުޅުވުމެވެ.
ހުޅުމާލޭގައި ރެހެނދި ސްކޫލުގެ ނަމުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހިންގާ ސްކޫލެއް ހުޅުވުމަކީ، ހުޅުމާލެއަށް ލިބިގެން ދިޔަ ބޮޑު ކުރިއެރުމެކެވެ. މި ސްކޫލަކީ، މިހާތަނަށް ރާއްޖޭގައި ހުޅުވިގެން ދިޔަ އެންމެ ޖާގަ ތަނަވަސް، އެންމެ ބޮޑު އެއް ސްކޫލެވެ.
އިއްޔެ ފެށުނު ދިރާސީ އައު އަހަރާ އެކު ރެހެނދި ސްކޫލުގެ މަސައްކަތްތައް ވެސް ވަނީ ފަށާފައެވެ.
"އިއްޔެ އަޅުގަނޑުމެން ސްކޫލް ހުޅުވިން. އެކަމަކު ރަސްމީ ކްލާސްތަކެއް ނުފަށާ. އިއްޔެ އޮތީ އޮރިއެންޓޭޝަން ޕްރޮގްރާމްތައް. މިއަދު އަދި ރަސްމީ ކްލާސްތައް މި ފެށުނީ،" ރެހެނދި ސްކޫލް ހިންގެވުމާ ހަވާލުވެ ހުންނެވި އެސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ނާޒިމް އަބްދުﷲ "ވަގުތަށް" ވިދާޅުވިއެވެ.
މިވަގުތު 1،004 ކުދިން ކިޔަވަމުންދާ ރެހެނދި ސްކޫލުގައި، ލެބް ތަކާ އެކު 42 ކްލާސްރޫމް ހުރެއެވެ.
ރެހެނދި ސްކޫލު ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ޕްރިންސިޕަލް ނާޒިމް ވިދާޅުވީ، މިވަގުތު ސްކޫލުގައި ޖުމްލަ 104 މުވައްޒަފުން ތިބޭ ކަމަށެވެ. އަދި ސްކޫލަށް މިހާރު ހަމަނުޖެހި ވަނީ މަދު މުވައްޒަފުން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ރެހެނދި ސްކޫލުގެ އިމާރާތުގައި ނުނިންމި ހުރީ ވަރަށް ކުދިކުދި މަސައްކަތްތަކެއް ކަމަށާއި ނަމަވެސް ސްކޫލްގައި ކުދިންނަށް ކިޔަވައިދިނުން ކުރިޔަށް ގެންދިއުމަށްޓަކައި ބޭނުންވާ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށެވެ.
"ކުދިންނާ ގުޅޭ %85 ނުވަތަ %90 މަސައްކަތް ވަނީ ނިމިފައި. ކުދިންނަށް އެއްވެސް ދައްޗެއް ނެތި ކިޔަވައިދެވޭނެ ގޮތަށް އެ މަސައްކަތްތައް ކުރިޔަށް ދަނީ. ކިޔެވުމަށް އެއްވެސް ބުރޫލެއް ނާރާނެ،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް އިތުރަށް ވިދާޅުވީ، ސްކޫލްގެ ހުރިހާ މަސައްކަތެއް ނިމޭ އިރު ކޮމްޕިއުޓަރ ލެބަކާއި، ސައިންސްގެ ތިން މާއްދާއަށް ތިން ލެބޯރަޓޯރީއާއި، ސްކޫލް ދަރިވަރުންނަށް އިންޓަނެޓުގެ ޚިދުމަތް ލިބޭނެ އިންތިޒާމުވެސް ހަމަޖެހިގެން ދާނެ ކަމަށެވެ.
ރެހެނދި ސްކޫލު މިހާރު ކުރިޔަށް ދަނީ ދެ ދަންފަޅިއަށެވެ. އެއީ ހެނދުނު 06:45 އިން މެނދުރު 12:40 އަށް، އަދި 13:00 އިން ހަވީރު 17:45 އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ