ބިރުދެއްކިއަސް ދެން ފަހަތަކަށް ނުޖެހޭނަން - ގާސިމް

ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް ފައްޓަވާފައިވާ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން ސަރުކާރުން ބިރު ދެއްކިއަސް ފަހަތަށް ނުޖެހޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް ދިރިއުޅުއްވާ ގެ ކައިރީގައި ހުންނަވައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގާސިމް ވިދާޅުވީ ޖުމްހޫރީޕާޓީގެ ޕާލިމެންޓްެރީ ގްރޫޕުން އޮތީ، ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވުމަށް ނިންމާފައި ކަމަށާއި ކޮންމެ ބަޔަކު ކިތައްމެ ވަރަކަށް ބިރު ދެއްކި ނަމަވެސް އެ ނިންމުމަށް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި ރައްޔިތުންގެ ހައްގަށްޓަކައި އަރަން ޖެހުނު ކޮންމެ "އޮޑިއަކަށް" އަރާ ވަޑައިގަންނަވާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބޭނުންވޭ އަޅުގަނޑުމެންގެ އަނބިދަރިންނާ ޅަކުދިންނާއި ޒުވާނުންނާއި މުސްކުޅިންނާއި، އެ އެންމެންގެ ހުރުމަތް، އެމީހުންނަށް ރައްކާތެރިކަން. އެމީހުންނަށް ގާނޫނު އަސާސީން ކަށަވަރުކޮށްދީފައ އޮތް ކަންތައްތައް ވެރިކަމުގެ ހުންނަ މީހަކު އައިސް ބޭނުންވީމަ ބޭނުން ގޮތަކަށް ކުޅެ ނުލެވޭނެ އެއްޗަކަށް ވާން. އެއީ މި ގައުމުގެ އަމާން ކަމަކީ ސަލާމަތް ކަމަކީ. އެއީ އަޅުގަނޑުމެން ގައުމުގެ މުސްތަގުބަލަކީ،" ގާސިމް ވިދާޅުވިއެވެ.
ގާސިމްގެ ގެ ބަލައި ފާސް ކުރުމަށް ކޯޓު އަމުރެއް ފުލުހުން ހޯދައިފައިވާ ކަމަށް ޚަބަރު ފެތުރިފައިވީނަމަވެސް ފުލުހުންނާއި ކްރިމިނަލް ކޯޓުން ވެސް ވަނީ ގާސިމްގެ ގެކޮޅު ބަލާ ފާސްކުރަން އަމުރެއް ނެރުނުކަމަށް ބުނާ ޚަބަރު ދޮގު ކޮށްފައެވެ. ގާސިމް ވިދާޅުވީ ގެފާސްކުރަން އަމުރެއް ނެރުނުކަން ރަސްމީ ފަރާތަކުން އަންގާފައި ނުވާ ކަމަށެވެ. އަދި އޭނާގެ ގޭގައި ގާނޫނީ ގޮތުން މަނާ އެއްވެސް އެއްޗެއް ނުހުންނާނެކަމަށެވެ.
"ކިތަންމެ ޖާނުން ބިޔަ ބޭފުޅަކު ވިދާޅުވިޔަސް ތުރުތުރެއް ނާޅައޭ އިރާދަކުރެއްވިއްޔާ. އެއްގޮތަކަށްވެސް ތުރުުރެއް ނާޅާ، އަޅުގަނޑުމެން މިތިބީ ވަރަށް ސާބިތު ކަމާ އެކީގަ. ގާނޫނީ ހުދޫދުގެ ތެރޭގަ. އަޅުގަނޑުމެން އެއްވެސް ޖެހިލުމެއް ނުވޭ،" ގާސިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަރުކާރުން ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރިއަށް ގެންދިޔަ ކަމުގައި ވީ ނަމަވެސް ފަހަތަކަށް ނުޖެހޭނެ ކަމަށާއި އެޕާޓީން ގާނޫނު އަސާސީ ހިމާޔަތް ކުރުމުގައި ދެމި ތިބޭނެ ކަމަށެވެ. އަދި މޮނޑޭ ފުއްގަނޑެއް ހެން ގާނޫނު އަސާސީ މޮނޑެން ފުރުސަތު ނުދެއްވާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ