ޕްރެޒިޑެންޓްސް ކަޕް: ޝަރަފްވެރިކަމާ އެކު ވިކްޓަރީ ތަށި އުފުލާލައިފި

ރާއްޖޭގައި ކުޅޭ އެންމެ ޝަރަފްވެރި އެއް މުބާރާތް ކަމަށްވާ، ޕްރެޒިޑެންޓްސް ކަޕުގެ ތަށި ވިކްޓަރީން އުފުލާލައި ވިކްޓަރީ އަކީ މިމުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމުކަން ރާއްޖޭގެ އެހެން ކުލަބު ތަކަށް އެ ޓީމުން ދައްކާލައިފި އެވެ.
ވިކްޓަރީއަކީ މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމުކަން ސާބިތުކޮށްދިނީ، ފައިނަލުގައި ރޭ ވާދަވެރި ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅެ 2-1 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.
ރޭގެ މެޗުން މޮޅުވެ، މިމުބާރާތުގެ ތަށީގައި ރޭ ވިކްޓަރީން އަތްލުމާ އެކު، އެ ޓީމް ވެފައި ވަނީ މިމުބާރާތުގެ ތަށީގައި އެންމެ ގިނައިން އަތްލި އެއް ޓީމަށް ވެފަ އެވެ. އެގޮތުން މިމުބާރާތުގެ ތަށި ޖުމްލަ 21 ވަނަ ފަހަރަށް ވިކްޓަރީން ކާމިޔާބު ކުރި އިރު، މިއަހަރަކީ ވިކްޓަރީގެ 40 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަމުން އަންނަ އަހަރު ވެސްމެ އެވެ.
ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ލަނޑު ޖަހާ، މެޗުގެ ލީޑް ނިއު އިން ހޯދީ މެޗުގެ ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި ނިއުރޭޑިއަންޓުން ނެވެ. ނިއު އަށް ލަނޑުޖަހާ ލީޑް ނަގައިދިނީ ފޯވާޑް އަދި ކެޕްޓަން އަހުމަދު ތޯރިގް (ޓޮމް) އެވެ.
ޓޮމްގެ ލަނޑާއެކު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނު އިރު، އެއް ލަނޑުގެ ލީޑަކާ އެކު ކުރީގައި އޮތީ ނިއުރޭޑިއަންޓެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ގިނަ ފުރުޞަތު ތަކެއް ލިބިފައިވާ އިރު، ނިއު އަށް ލިބިފައި ވަނީ ހަތަރު ފުރުޞަތެވެ. މެޗުގެ ފުރަތަމަ ހާފުގައި ނިއު އަށް ލިބުނު ފުރުޞަތުތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވުނު އެއް ފުރުޞަތަކީ މެޗުގެ 18 ވަނަ މިނެޓުގައި ނިއުގެ ބިދޭސީ ކުޅުންތެރިޔާ ޗާލްސްއަށް ލިބުނު ރަނުގެ ފުރުޞަތެވެ. އެހެން ނަމަވެސް އެ ފުރުޞަތު ޗާލްސް ގެއްލުވާލި އިރު، މެޗުގެ ފުރަތަމަ ހާފުގައި ވިކްޓަރީ އަށް ލިބުނު ތިން ފުރުޞަތުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވުނު އެއް ފުރުޞަތު ލިބުނީ ވިކްޓަރީގެ ހުސެން ސިމާޒް (ކޮކީ) އަށެވެ. ނިއުގެ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެ ކޮކީ ފޮނުވާލި ބޯޅަ އަމާޒުވީ ނިއުގެ ގޯލްދަނޑި އަށެވެ. އެހެން ނަމަވެސް ދަނޑީގައި ޖެހިފައި ނުކުތް ބޯޅަ ދެވަނަ ފުރުޞަތުގައި އޮއްޕޮއަށް ލިބުނު ނަމަވެސް، އޭނާ ނިއުގެ ގޯލަށް ފޮވުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.
ތުނިތުނިކޮށް ވާރޭ ވެހެމުން ދިޔަ ރޭގެ ފައިނަލް މެޗުގެ ދެވަނަ ހާފަށް ދެޓީމް ނުކުތް އިރު، ދެ ޓީމުން އިތުރު ބަދަލެއް ގެނެސްފައި ނުވާއިރު، ދެ ވަނަހާފުގެ ފުރަތަމަ 10 މިނެޓުގެ ތެރޭގައި ދެ ޓީމުން ވެސް ދައްކަމުން އައީ ދާދި ހަމަހަމަ ކުޅުމެކެވެ.
އެހެންނަމަވެސް ދެ ވަނަ ހާފުގައި ވިކްޓަރީއަށް ލިބުނު އެންމެ ބޮޑު އެއް ހިތްދަތިކަން ލިބުނީ، މެޗުގެ71 ވަނަ މިނެޓުގައި ނިއުގެ ނިޔާ އަށް ކުރި ނުރައްކާތެރި ޓެކުލާއި ގުޅިގެން ދެވަނަ ރީނދޫ ކާޑާ އެކު ރަތްކާޑެއް ވިކްޓަރީގެ ކުޑައްޓޭ އަށް ލިބުނު ހިޔާބުންނެވެ.
ދިހަ ކުޅުންތެރިންނާ އެކު މެޗުގެ ބާކީ ބައި ފުރިހަމަ ކުރަން ޖެހުނު، ވިކްޓަރީއަށް ހިތްދަތިކަމާ ކުރިމަތިލާން ޖެހުނު ނަމަވެސް، މުބާރާތުގެ ތައްޓަކީ ވިކްޓަރީގެ ތައްޓެއްކަންދަނެ، އެޓީމުގެ 10 ކުޅުންތެރިން ދަނޑުމަތީގައި ދެއްކި ބުރަ މަސައްކަތުގެ ނަތީޖާ ވިކްޓަރީން ނެރުނީ މެޗުގެ 74 ވަނަ މިނެޓުގައި ނިއުކޮޅަށް ގޯލެއް ވައްދާލައި ނަތީޖާ ހަމަހަމަ ކުރި ހިސާބުންނެވެ. އެ ލަނޑު ވިކްޓަރީއަށް ކާމިޔާބުކޮށްދިނީ މިސީޒަންގެ ލަނޑު ލިސްޓުގެ އެންމެ ކުރީގައި އުޅޭ ކުޅުންތެރިޔާ އިބްރާހިމް ފަޒީލް (އޮއްޕޮ) އެވެ.
އޮއްޕޮގެ ލަނޑާ އެކު 10 ކުޅުންތެރިންނާ އެކު ކުޅެމުންއާ ވިކްޓަރީ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިންމާލި އިރު، ނަތީޖާއަކީ 1-1 ދެޓީމް އެއްވަރު ވުމެވެ.
މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނު އިރު، ދެ ޓީމު އެއްވަރު ވުމުން އިތުރު ވަގުތުގެ ދެ ހާފު ކުޅެންޖެހުނެވެ. އެގޮތުން އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑެއް ކާމިޔާބު ނުކުރެވުނު އިރު، ދެވަނަ ހާފުގައި ވިކްޓަރީގެ ފައުޒާން ހަބީބް ވަނީ ނިއުކޮޅަށް ގޯލެއް ކާމިޔާބުކޮށް ނަތީޖާ 2-1 ލަނޑަށް ބަދަލުކޮށްލާ، މުޅި ވިކްޓަރީއަށް ހިނިތުންވުން ގެނެސްދީފަ އެވެ.
ރާއްޖޭގައި ސަޕޯޓަރުން އެންމެ ގިނަ ކްލަބުގެ ގޮތުގައި މަޝްހޫރުވެފައި އޮތް ނިއު އަށް އެންމެ ފަހުން މުބާރާތެއް ކާމިޔާބުކުރެވުނީ 2008 ވަނަ އަހަރު އެވެ.
ހުސްވި އަހަރު މިމުބާރާތުގެ ޗެމްޕިއަނުންނަކީ ވީބީ ސްޕޯޓްސް ކުލަބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ