ޕްރެޒިޑެންޓްސް ކަޕް: ޝަހީމްގެ ލަނޑުން ނިއު ސަލާމަތްވެ، ތިން ވަނަ ސެމީ އަށް

ނަތީޖާ ހަމަހަމަ ވެފައި ވަނިކޮށް، 62 ވަނަ މިނެޓުގައި ޒުވާން ކުޅުންތެރިޔާ ޝަހީމް އަބްދުލްގާދިރު ނިއު އަށް ކާމިޔާބުކޮށްދިން ލަނޑާ އެކު ޕްރެޒިޑެންޓްސް ކަޕުގެ ތިން ވަނަ ސެމީ ފައިނަލުން އެ ޓީމް ޖާގައެއް ހޯދައިފި އެވެ.
މާޒިޔާއާ ދެކޮޅަށް ކުޅެ، 2-1 ލަނޑުން ރޭގެ މެޗް ނިއު އިން ކާމިޔާބު ކުރިއިރު، މެޗްގެ 24 ވަނަ މިނެޓްގައި މާޒިޔާ އަށް ލީޑް ނަގައި ދިނީ އެ ޓީމްގެ އުރުގުއޭ ފޯވާޑް ހަވިއޭ ހެނާންޑޭޒް ޗަޕާރޯ އެވެ.
މެޗްގެ ކުރީކޮޅު މާޒިޔާ އިން ލަނޑެއްޖަހާ ލީޑް ހޯދުމުން، ނިއުގެ ކުޅުން ވަރުގަދަވެ، ދެ ޓީމުގެ ވާދަވެރިކަން އިތުރަށް ބޮޑުވެންދިޔަ އެވެ. އެހެންނަމަވެސް މެޗްގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނު އިރު 1-0 ލަނޑުން ކުރީގައި އޮތީ މާޒިޔާ އެވެ.
ސަސްޕެންޝަނުގެ ސަބަބުން ނިއުގެ ކެޕްޓަން އަދި ފޯވާޑް އަހުމަދު ތޯރިގް (ޓޮމް) ނުލައި ކުޅުނު މިމެޗްގައި ނިއުއަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު އެ ޓީމުން ޖެހީ މެޗްގެ ދެ ވަނަ ހާފުގެ ފުރަތަމަ ހަތަރު ވަނަ މިނެޓުގަ އެވެ. އެ ލަނޑު ނިއުއަށް ކާބިޔާބު ކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ޗާލްސް ރައިޓް ގަޔޭ އެވެ.
ދެ ވަނަ ހާފުގައި ޗާލްސް ނިއުއަށް ލަނޑެއް ކާމިޔާބުކޮށްދީ ނަތީޖާ ހަމަހަމަ ކޮށްދިނުމުން، ނިއުގެ ކުޅުން އިތުރަށް ވަރުގަދަވުމުގެ ނަތީޖާއަކަށްވީ ޒުވާން ކުޅުންތެރިޔާ ޝަހީމް އަބްދުލް ގާދިރު އެ ޓީމަށް ލީޑު ނަގައިދިނުމުންނެވެ. އެލަނޑާ އެކު މެޗްގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނީ 2-1 ލަނޑުން ނިއު ކުރީގައި އޮވެގެންނެވެ.
ތިން ވަނަ ސެމީ ފައިނަލްގައި ނިއު ދެން ނުކުންނަން ޖެހޭނީ ވީބީއާ ދެކޮޅަށެވެ. އަންނަ ބުދަ ދުވަހުގެ ރޭ ކުޅޭ މިމެޗަށް ނިއު ނުކުންނައިރު، ވީބީ އަކީ ހުސްވި އަހަރުގެ ޗެމްޕިއަން ޓީމެވެ. އަދި ތިން ވަނަ ސެމީ ފައިނަލުން މޮޅުވާ ޓީމެއް މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކުރަން ޖެހޭނީ ވިކްޓަރީ ސްޕޯޓްސް ކުލަބާ އެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ ރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ