ޔުނިޓީ ކަޕް: ސްކޫލް ޓީމު އަތުން މޮޅުވެ، ކައުންސިލް ޓީމް ސެމީއަށް

ހއ. އުތީމުގައި ކުރިއަށްދާ ފުޓްސަލް މުބާރާތް "ޔުނަޓީ ކަޕް 2015" ގައި އިއްޔެ ކުޅުނު މެޗުގައި އުތީމު ސްކޫލް އަތުން މޮޅުވެ، އުތީމު ކައުންސިލްގެ ޓީމު ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
އިއްޔެ ކުޅުނު މިމެޗުގައި އުތީމު ސްކޫލް އަތުން ކައުންސިލްގެ ޓީމު މޮޅުވެފައިވަނީ 2-1 ލަނޑުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ލަނޑު ޖަހައި، ލީޑު ނެގީ ސްކޫލް ޓީމުންނެވެ. އެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޝާހީން (ސާބެ) އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ކައުންސިލް ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ފަސީހު އެވެ. ފުރަތަމަ ހާފް ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ފުރަތަމަ 10 މިނެޓް ތެރޭގައި ކައުންސިލް ޓީމުން ވަނީ ފުރަތަމަ ފަހަރަށް ލީޑު ހޯދައިފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ހަމީދު (ޕަމްޕް އަބްދުﷲ) އެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގގެ މަގާމަށް ހޮވުނީ އުތީމް ސްކޫލް ޓީމުގެ އަލީ ފަރުހާން އެވެ. މިމެޗު ޝަރަފްވެރިކޮށްދެއްވީ ބާރަށު ދާއިރާގެ އަތޮޅު ކައުންސިލަރު އަދި އެލްޖީއޭގެ ބޯޑު މެމްބަރު ހުސައިން ނަސީރު އެވެ.
މިމުބާރާތުގައި ޖުމްލަ ހަ ޓީމެއް އެކުވެލޭއިރު، އެ ހަ ޓީމް ދެ ގްރޫޕަކަށް ވަނީ ބަހާލައިފައެވެ. މިމުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރަނީ ކޮންމެ ގްރޫޕެއްގެ ވެސް އެންމެ މޮޅު ދެ ޓީމެވެ.
މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި ވާދަކުރަނީ އުތީމުގައި ހިމެނޭ ސަރުކާރުގެ ހަ މުއައްސަސާއިންނެވެ. އެއީ އުތީމު ސްކޫލާއި، އުތީމު މެޖިސްޓްރޭޓް ކޯޓާއި، އުތީމު ކައުންސުލާއި، އުތީމު ސިއްހީ މަރުކަޒުގެ އިތުރުން ބޮޑު ތަކުރުފާނު މަރުކަޒެވެ. މިމުބާރާތް ކޮންމެ އަހަރެއްގެ 15 ވަނަ ދުވަހު ބާއްވާ ގޮތަށް އުތީމު ކައުންސިލުން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ