ސިޔާސީ ޕާޓީތަކުގެ ދަފުތަރުން އައިޑީޕީ އުނިކޮށް ދިނުމަށް އުމަރު ކުރި ދައުވާގެ ޝަރީއަތް ފަށައިފި

ސިޔާސީ ޕާޓީތަކުގެ ދަފުތަރުން އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ) އުނިކޮށް ދިނުމަށް އެ ޕާޓީގެ ކުރީގެ ރައީސް ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް މިއަދު ފަށައިފި އެވެ.
ގައުމީ މަޖިލިސްގެ ތިންބައިކުޅަ ދެބައިގެ ތާއީދާއިއެކު އައިޑީޕީ އުވާލުމަށް ފާސްކުރީ ޖެނުއަރީ 13، 2010 ދުވަހުގެރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލިސްގެ ކުއްލި ޖަލްސާއަކުންނެވެ. ނަމަވެސް އައިޑީޕީ ސިޔާސީ ޕާޓީތަކުގެ ދަފުތަރުން ވަކިކުރެވެން ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާތީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އައިޑީޕީ ވަކިކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރު ނެރެދިނުމަށް އުމަރު ނަސީރު ވަނީ ދައުވާ ކުރައްވާފަ އެވެ.
ގިނަ ދުވަސްތަކެއް ވެފައިވާ މައްސަލައިގެ ޝަރީއަތް މިއަދު ފެށުމުން އުމަރުގެ ގާނޫނީ ވަކީލު މުހައްމަދު އިބުރާހިމް ވިދާޅުވީ އައިޑީޕީގެ ގައުމީ މަޖިލިސްގެ ތިން ބައިކުޅަ ދެބައިގެ އަޢުލަބިއްޔަތުން އެ ޕާޓީ އުވާލުމަށް ފާސްކޮށްފައިވާތީ އެ ޕާޓީ އަކީ އުވިފައިވާ ޕާޓީއެއް ކަމަށާއި ޕާޓީތަކުގެ ދަފުތަރުން އައިޑީޕީ އުނިކުރަން ޖެހޭނެ ކަމަށެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ވަކީލު ވިދާޅުވީ ޕާޓީގެ ކުއްލި ޖަލްސާއެއް ބޭއްވޭނީ ޕާޓީގެ ރައީސް މަގާމުން އިސްތިއުފާދިނުންފަދަ ހާލަތެއް މެދުވެރިވުމުން ރައީސަކު އިންތިޚާބުކުރަން އެކަނިކަމަށް އައިޑީޕީގެ އަސާސީ ގަވާއިދުގައި ބަޔާންކުރާ ކަމަށެވެ. އަދި ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ގެނައުމަށް ބޭއްވި ކުއްލި ޖަލްސާއަކީ އަސާސީ ގަވާއިދާއި ޚިލާފަށް ބޭއްވި ޖަލްސާއެއް ކަމަށެވެ.
އެ ޖަލްސާގައި ކޯރަމް ހަމަ ނުވާކަމަށާއި، ކޯރަމް ހަމަވިކަމަށް އުމަރު ގެ ވަކީލު ވިދާޅުވަނީ އެ ޕާޓީގެ ގައުމީ މަޖިލިސްގައި ނުހިމެނޭ ތިން މެންބަރަކު އެ ޖަލްސާގައި ބައިވެރިކޮށްގެން ކަމަށެވެ. އެ ޖަލްސާއަށް ގައުމީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އަހުމަދު އިނާޒާއި، މުހައްމަދު ހަސަން މަނިކަށް ދައުވަތު ދެއްވާފައި ނުވާކަމަށް ވެސް ކޮމިޝަންގެ ވަކީލު ވިދާޅުވިއެވެ. ވަކީލު ވިދާޅުވީ އައިޑީޕީން ޖަލްސާގެ ހާޒިރީ ކޮމިޝަނަށް ފޮނުވާފައިވާއިރު އެޖަލްސާގައި ބައިވެރިވެފައިނުވާ އިބުރާހިމް ރަޝީދުގެ ނަން ހިމަނާފައިވާ ކަމަށާއި، އޭނާގެ ނަން ޖަލްސާގެ ހާޒިރީގައި އޮތްނަމަވެސް ހާޒިރީގައި އޭނާ ސޮއިކޮށްފައި ނުވާކަމަށެވެ.
އައިޑީޕީއާ ވަކިވުމަށް ފަހު ޑީއާރްޕީއާ ގުޅިވަޑައިގެން އުޅުއްވަނިކޮށް އެޕާޓީން ވަކި ކުރެއްވުމުން މިހާރު ޕީޕީއެމް އުފެއްދުމުގައި އުޅުއްވާ އުމަރު ވަކީލު ވިދާޅުވީ އިބުރާހިމް ރަޝީދު ހާޒިރީގައި ސޮއިކޮށްފައި ނުވިނަމަވެސް އެޖަލްސާގައި ހާޒިރުވިކަން އަންގައިދޭ ސިޓީއެއް އޭނާ އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާނެ ކަމަށެވެ.
މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ހައިކޯޓުގެ ފަނޑިޔާރު ވިދާޅުވީ އިތުރު އަޑު އެހުމެއް ދެން ބާއްވަވާނީ އިތުރަށް ކަމެއް ސާފުކުރަން ބޭނުންވެއްޖެ ނަމަ ކަމަށާއި އެހެންނޫނީ ދެން އޮންނާނީ މައްސަލައިގެ ހުކުމް ކުރެއްވުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ