ކުރިއަށްއޮތް 4 ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެ: މެޓް

ހުޅަނގު މޫސުމުގެ ބާރު ގަދަވެ ކުރިއަށް އޮތް 4 ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ ހާއްސަކޮށް އުތުރާ މެދު ރާއްޖެތެރޭގައިި ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެކަމަށެވެ.
އާންމުގޮތެއްގައި ވައިޖެހޭނީ 17 މޭލާ 27 މޭލާ ދެމެދުގެ ބާރު މިނެއްގައި ކަމަށްވެސް މެޓުން މައުލޫމާތު ދެއެވެ.
ރާއްޖެއާއި ދުރުން ބަންގާޅުގައި ކޮޅިގަނޑެއް އުފެދިފައިވާއިރު ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައި ތޫފާނަކަށް ވުމުގެ ފުރުސަތު އޮތްކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
ނަމަވެސް މި ކޮޅިގަނޑު ޖެހެމުން ދާނީ އުތުރު ހުޅަނގުން އުތުރަށް ރާއްޖޭއާ ދުރަށްކަމަށް މެޓު އޮފީހުން ވަނީ ލަފާކޮށްފައެވެ.
މި ވިއްސާރައިގެން ސަބަބުން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި އުދައިގެ އަަސަރުކުރުން އެކަށީގެންވާ ކަމަށާއި ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ