ރާއްޖޭގެ ހާރިޖީ ސިޔާސަތަކީ އިންޑިއާ ފުރަތަމަ، އެހެންކަމަކާ ވިސްނުން ބުއްދިވެރީ އެއަށްފަހު: ނަޝީދު

ރައީސް އިބްރާހިމް ސޯލިހުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ އިންޑިއާ ފުރަތަމަ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަބާނިއަމް ޖައިޝަންކަރް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މާލެ ސިންތެޓިކް ޓްރެކް ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވީ އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ އެންމެ އަވަށްޓެރި ގައުމު ކަމަށާއި މި ރާއްޖެއަށް ދިމާވި ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ އެހީތެރިވެފައިވަނީ ވެސް އަދި ކުރިއަށް އޮތް ތަނުގައި އެންމެ ފުރަތަމަ އެހީތެރިވާނެ ގައުމަކީ ވެސް އިންޑިއާ ކަމަށެވެ.
"އެހެންވީމާ މި ސަރުކާރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަރަށް ސާފު ސާދާ ކަމާއެކީގައި މި ބުނަނީ އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތަކީ އިންޑިއާ ފުރަތަމަ އޭ، އެއަށްފަހު އޭ އަޅުގަނޑުމެން އެހެން ކަންކަމާ ވިސްނުން ބުއްދިވެރީ،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ދިވެހިން އަބަދުވެސް ވިސްނަން ޖެހޭނީ ދިވެހީންނަށް ރަނގަޅަށް ކަމަށާއި މި ރާއްޖޭގެ ކުރިއެރުމަށާއި ތަރައްގީއަށް އަދި ސަލާމަތަށް ކަމަށެވެ. މި ހުރިހާ ކަމެއް ގުޅިފައިވަނީ އިންޑިއާގެ ކުރިއެރުމާއި އިންޑިއާ ކަނޑުގެ ހަމަޖެހުމަށް ކަމަށް ވެސް ވިދާޅުވިއެވެ.
އަދި ވިދާޅުވީ، ކުރިއަށް އޮތް ދެތިން ދުވަހު ރާއްޖެ އާއި އިންޑިއާއާ ދެމެދު ތަރައްގީގެ ވަރަށް ގިނަ އެއްބަސްވުންތަކެއްގައި ސޮއި ކުރެވޭނެ ކަމަށާއި އެ އެއްބަސްވުންތަކުގެ ސަބަބުން ދިރިއުޅުން އުޖާލާ ވެގެންދާނެ ކަމަށެވެ.
މިނިސްޓަރު ޖައިޝަންކަރަށް ތައުރީފު ކުރައްވައި ނަޝީދު ވިދާޅުވީ އޭނާއަށް ސާފު ނުވި ކަމެއް ނުވަތަ ނޭންގުނު އެއްޗެއް ދުނިޔޭގެ ހާރިޖީއާގައި ހިނގަމުންނުދާ ކަމަށެވެ. އަދި އިންޑިއާ ކަނޑަށް ވެދާނެ ގޮތާއި ވީގޮތާއި ވާންއުޅޭ ގޮތް ވެސް އެންމެ ސާފުކޮށް ބުނެދެމުން އަންނަނީ ޖައިޝަންކަރު ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ