ޔަޝް ރާޖްގެ ސުޕަހީރޯ ފިލްމުން އަޖޭ ނުފެންނާނެ

ބޮލީވުޑްގެ މަޝްހޫރު ފިލްމު އުފައްދާ ކުންފުނި ޔަޝް ރާޖް ފިލްމްސްގެ ސުޕަ ހީރޯ ފިލްމަކުން އެކްޓަރު އަޖޭ ދޭވްގަން ފެންނާނެ ކަމަށް މީގެ ކުރިން ރިޕޯޓު ކުރިނަމަވެސް އެފިލްމުން އަޖޭ ނުފެންނާނެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
މިހާތަނަށް އައިއިރު އަޖޭ، ވައިއާރުއެފް އާއިއެކު މަސައްކަތް ކޮށްފައެއް ނުވެ އެވެ. އެހެންކަމުން މި ފިލްމު ބެލެވިފައި އޮތީ އޭނާ ވައިއާރުއެފް އާއިއެކު ކުރާނެ ފުރަތަމަ މަސައްކަތުގެ ގޮތުގަ އެވެ.
އަދިއްތިޔަ ޗޯޕްރާގެ ވައިއާރުއެފް އަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބޮޑެތި ގިނަ ޕްރޮޖެކްޓުތަކެއް އިއުލާން ކުރަން ތައްޔާރުވެފައި އޮއްވައި ކޮވިޑް-19 ގެ ސަބަބުން އެމަސައްކަތްތަކަށް ބުރޫ އެރި އެވެ. އެއާއިއެކުވެސް އަޖޭގެ ސުޕަ ހީރޯ ފިލްމު އޮތީ ވައިއާރުއެފްގެ އެންމެ ބޮޑު އެއް ޕްރޮޖެކްޓުގެ ގޮތުގަ އެވެ.
އަޖޭ ފެންނާނެ ކަމަށް ބެލެވުނު ފިލްމުގައި އޭނާ ކުޅެން ހަމަޖެހުނީ ނެގެޓިވް ސުޕަހީރޯއެއްގެ ރޯލެވެ. ލީޑް ރޯލުން ފެންނާނެ ކަމަށް ރިޕޯޓުތައް ބުނީ ބަތަލާ އަނަންޔަ ޕާންޑޭގެ ދެބެންގެ ދެދަރި ކޮއްކޮ އަހާން ޕާންޑޭ އެވެ. ފިލްމަށް އަޖޭ އަނގަ ބަހުން އާއެކޭ ބުނެފައިވީ ނަމަވެސް ފިލްމަށް ރަސްމީކޮށް ސޮއިކޮށްފައެއް ނުވެ އެވެ.
މިއަހަރުގެ ފަހުކޮޅު ޝޫޓު ކުރަން ތާވަލުކޮށްފައި އޮތް އެ ފިލްމުން އަޖޭ ބޭރުވެފައިވާކަން ކަށަވަރުވެފައިވާއިރު އެގޮތަށް ނިންމީ އަޖޭއަށް މި އަހަރު އިތުރު ފިލްމަކަށް ވަގުތު ދެވެން ނެތުމުންނެވެ. އަނެއްކޮޅުން ފިލްމު އިތުރަށް ފަސްކުރަން އަދިއްތިޔަ ބޭނުމެއް ނުވެ އެވެ. އެހެންކަމުން އަޖޭގެ ރޯލަށް އެހެން އެކްޓަރަކު ނަގަން ނިންމާފައިވާކަމަށް ރިޕޯޓުތައް ބުނެ އެވެ.
އަޖޭ ކުޅެން ހަމަޖެހުނު ފިލްމަކީ ވައިއާރުއެފްގެ ބޮޑު ބަޖެޓުގެ ފިލްމެކެވެ. އެގޮތުން ފިލްމަށް މުޅި ޖުމްލަ 180 ކްރޯޑް ރުޕީސް ކަނޑައަޅާފައިވާކަމަށް ރިޕޯޓުތައް ބުނެ އެވެ.
އަޖޭ އަށް މި އަހަރަކީ ވަރަށް ބިޒީ އަހަރެކެވެ. އެގޮތުން އޭނާ މިހާރު މަސައްކަތް ކުރާ ބައެއް ފިލްމުތަކުގެ ތެރޭގައި "އާރްއާރްއާރް"، "މައިދާން"، "ގަންގޫބާއި ކަތިއަވަޑީ"، "މޭޑޭ"، "ތޭންކް ގޯޑް" ގެ އިތުރުން ނީރަޖް ޕާންޑޭގެ ފިލްމުވެސް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ