ފާރިސް މައުމޫނު ހައްޔަރުކޮށްފި!

ދިއްގަރު ދާއިރާގެ މަޖްލިސް މެމްބަރު އަދި ކުރީގެ ރައީސް މައުމޫނު ގެ ދޮށީ ދަރިކަލުން ފާރިސް މައުމޫން ހައްޔަރުކޮށްފިއެވެ.
ފާރިސް ހައްޔަރުކުރީ އޭނާ ދިރިއުޅުއްވާގެ، މ. ސްނޯރޯސްއަށް ފުލުހުން ގޮހެވެ.
ސްޓޭޓް އޮފް އެމަޖެންސީ އިއުލާންކޮށްފައި އޮތުމުން ކޯޓް އަމުރެއް ނެތިވެސް ކޮންމެ މީހަކުވެސް ހައްޔަރު ކުރެވޭނެއިރު މިފަހަރު ފާރިސް ހައްޔަރުކޮސްފައިވަނީ ކޯޓު ޢަމުރެއްގެ ދަށުން ތޯ ނުވަތަ ނޫންތޯ އަދިވަނީ ޔަގީންވާގޮތް ނުވެފައެވެ.
މިއީ ފާރިސް ހައްޔަރުކުރާ ތިންވަނަ ފަހަރެވެ. ރިޝްވަތުގެ ތުހުމަތުގައި ފާރިސް ފުރަތަމަ ފަހަރަށް ހައްޔަރުކޮށް، ހަ މަސް ދުވަހަށްވުރެ ގިނަ ދުވަހު ބަންދުގައި ބެހެއްޓި އެވެ. އެ ފަހަރު ފާރިސް ބަންދުން ދޫކޮށްލީ ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުންނެވެ.
އޭގެ ދެ ދުވަސް ފަހުން ކޯތުއަމުރެއްގެ ދަށުން ފާރިސް ހައްޔަރުކޮށް، 15 ދުވަހަށް ބަންދުކުރި އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ފެބްރުއަރީ އެއްވަނަ ދުވަހު ނެރުނު އާދަޔާ ޚިލާފު އަމުރުގައި ވަގުތުން ދޫކޮށްލަން ޙުކުމް ކޮށްފައިވާ ނުވަ ޤައިދީންގެ ލިސްޓުގައި ފާރިސްގެ ނަން އޮތެވެ.
އެ އަމުރު ދިވެހި ސަރުކާރުން ތަންފީޒު ނުކުރުމުން، ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން، ފާރިސް 15 ދުވަހަށް ބަންދުކުރަން އެ ކޯޓުން ކޮށްފައިވާ އަމުރު ބާތިލުކުރިއެވެ.
އެހެންކަމުން 5 ފެބްރުއަރީ ވީ ހޯމަ ދުވަހުގެ ރޭ ކްރިމިނަލް ކޯޓުން ނެރުނު އަމުރާއި ގުޅިގެން އޭނާ ދޫކޮށްލީ ފެބްރުއަރީ 6ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެހެން ނަމަވެސް ކްރިމިނަލް ކޯޓުގެ އެ އަމުރު، ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ބާތިލުކޮށްފައެވެ.
ފާރިސްގެ މައްޗަށް ދައުލަތުންވަނީ ދެ ދަޢުވާއެއް އުފުލާފައެވެ. އެއީ ޝަޚްޞު އޮޅުވާލުމުގެ ދަޢުވާ އާއި ރިޝްވަތު ދިނުމުގެ ދަޢުވާއެވެ.
މީގެ އިތުރުން ފާރިސްގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫންވެސް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީ، ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރުމާއި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ޙުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިނުމުގެ ތުހުމަތުގައި މިހާރު ހުންނެވީ ފުލުހުންގެ ހައްޔަރުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ