ދާއިރާގެ ކޮންމެ ގެއަކަށް ހަނޑޫ، ހަކުރު އަދި ފުށް ބަސްތާއެއް މުސްތަފާ ހަދިޔާކޮށްފި

ރޯދަމަހާ ދިމާކޮށް ރައްޔިތުންނަށް އެހީއެއް ފޯރުކޮށްދިނުމުގެ ގޮތުން ތިމަރަފުށީ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު މުސްތަފާ އެ ދާއިރާގެ ކޮންމެ ގެއަކަށް ކާޑުގެ ބާވަތްތައް ހަދިޔާކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން މުސްތަފާ މިއަދު ވިދާޅުވީ، އެ ދާއިރާގައި ގާތްގަނޑަކަށް 450 ވަރަކަށް ގެ ހުންނަ ކަމަށާއި ވަކި މީހަކަށް ބެލުމެއް ނެތި އެއިން ކޮންމެ ގެއަކަށް ހަނޑޫ، ހަކުރު އަދި ފުށުން ކޮންމެ ވައްތަރަކުން ގެއަކަށް ބަސްތާއެއް ހަދިޔާކޮށްފައިވާ ކަމަށެވެ.
"ރާއްޖެތެރޭ ގިނަ މީހުން އުޅެނީ އަސްލު ވަރަށް ހާލުގައި. ވަޒީފާއެއް ހޯދައި އާމްދަނީ ލިބޭނެ ގޮތްތައް ވެސް ހަގީގަތުގައި ނެތް. އެހެންވީމާ މިއީ އަޅުގަނޑު އަބަދުވެސް އާދައިގެ މަތިން ކޮށްއުޅޭ ކަމެއް. މިފަހަރު ތަފާތުކަމަކީ ސީދާ ކާޑުގެ ބާވަތްތައް ރޯދަމަހާ ދިމާކޮށް ހަދިޔާ ކުރުން،" މުސްތަފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއީ ކޮންމެ މެންބަރަކަށް ވެސް އެ މެންބަރެއްގެ ދާއިރާގެ ރައްޔިތުންނަށް ޓަކައި ކޮށްދެވިދާނެ ކަމެއް ކަމަށާއި މުސްތަފާ އެކަން ކުރައްވަނީ އެއްވެސް ސިޔާސީ ބޭނުމެއްގައި ނޫން ކަމަށެވެ. އަދި އެއީ ރައްޔިތުންނަށް ޓަކައި ކޮށްދޭ ކަމެއް ކަމަށާއި ކޮންމެ މެންބަރަކު ވެސް އެފަދަ އެހީ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ގޮވާލާ ކަމަށް މުސްތަފާ ވިދާޅުވި އެވެ.
"އަޅުގަނޑު މިކަން ކުރަނީ ކޮންމެހެން ސިޔާސީ ފައިދާއެއް ހޯދައި ނުވަތަ އިޝްތިހާރުވާކަށް ނޫން. މިއީ ދާއިރާގެ މެންބަރެއްގެ ހައިސިއްޔަތުން ކޮންމެ މެންބަރަކަށް ވާޖިބު ކަމެއް. ލިބޭ މުސާރަ އާއި އިނާޔަތްތަކަށް ބަލާފައި މިއީ ކޮންމެ މެންބަރަކަށް ވެސް ކޮންމެވެސް ގޮތަކުން ކޮށްދެވިދާނެ ކަމެއް. އަމިއްލަ ފައިސާ އިން ނުވަންޏާ ރައްޓެހި އެހެން މެންބަރުން ގާތު އެދިގެން ވެސް ކޮންމެވެސް އެހީއެއް ފޯރުކޮށް ދެވިދާނެ." މުސްތަފާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ