ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ކާށިދޫ ދާއިރާއަށް ވާދަކުރައްވާނެ ބޭފުޅަކު ކަނޑައެޅުމަށް ބާއްވާ އެ ދާއިރާގެ ޕްރައިމަރީ ބުދަދުވަހު ބާއްވާގޮތަށް އެމްޑީޕީން ހަމަޖައްސައިފިއެވެ.
ކާށިދޫ ދާއިރާގެ ޕްރައިމަރީ އެމްޑީޕީން ބާއްވަން ނިންމާފައިމިވަނީ އެ ދާއިރާގެ ޓިކެޓް ޕްރައިމަރީއަކާ ނުލާ މިހާރުވެސް އެ ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ އަބްދުﷲ ޖާބިރަށް ލިބިފައިވަނިކޮށް ވަޒީރުންނަށް ރުހުން ދިން މައްސަލާގައި އެމްޑީޕީން ނެރުނު ވިޕްލައިނާ ހިލާފަށް ވޯޓް ދެއްވާފައިވާތީ އެ މައްސަލާގައި އޭނާއާ މެދު ފިޔަވަޅު އަޅާ އޭނާއަށް ލިބިފައިވާ ޓިކެޓް ބާތިލްކުރުމާ ގުޅިގެންނެވެ.އެހެންނަމަވެސް އަލުން އެ ދާއިރާގެ ޕްރައިމަރީ ހުޅުވާލާފައިވަނީ އޭނާއަށް ވެސް ވާދަކުރެވޭ ގޮތަށެވެ.
އެމްޑީޕީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ކާށިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީއަށް ނަން ހުށައެޅުމުގެ ފުރުސަތު މިއަދު ހަމަވިއިރު ކުރިމަތިލާފައިވަނީ ދެ ފަރާތަކުންކަމަށެވެ. އެ ދެ ބޭފުޅުންނަކީ މިހާރުވެސް އެ ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ ހ.ތިމާވެށި އަބްދުﷲ ޖާބިރު އާއި ގ. ދުވާފަރުގެ އައިޝަތު މަމްދޫހާ ކަމަށެވެ.
އެމްޑީޕީން ބުނިގޮތުގައި އެ ދާއިރާގެ ޕްރައިމަރީ ބާއްވާނީ ބުދަ ދުވަހު ހަވީރު 4:00 އިން ރޭގަނޑު 9:00 އަށެވެ.
ކާށިދޫ ދާއިރާ ފިޔަވައި ދެން ހުރި ހުރިހާ ދާއިރާތަކެއްގެ ޕްރައިމަރީ މިހާރު ވަނީ ބާއްވާ ނިމިފައެވެ.
ކާށިދޫ ދާއިރާގެ ޕްރައިމަރީ ބުދަ ދުވަހު ބާއްވާގޮތަށް ހަމަޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ