ރިސޯޓުން ރަށަށް އަންނަ މީހުންވެސް ކަރަންޓީނު ވާން ޖެހޭ.

ޚިދުމަތްދޭ ރިސޯޓު ތަކުން ރަށަށް އަންނަ މުވައްޒަފުން ރަށަށް އަންނަ ނަމަ14 ދުވަސްވަނަދެން  ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރަންޖެހޭނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މިހާރު ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ޓޫރިސްޓުންނަށް ހިދުމަތްދޭ ރިސޯޓުތަކުގެ ތެރެއިން ބޯޑަރު ހުޅުވާލި ފަހުން ޓޫރިސްޓުން އައިސްފައިވާ ރިސޯޓެއްގައި މަސައްކަތްކުރާ މުވައްޒަފަކު އެއްވެސް ސަބަބަކާހުރެ މީހުން ދިރިއުޅޭ ރަށަކަށް ދާނަމަ އެ ރަށަށް ގޮސް 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރަންޖެހޭނެ ކަމަށެވެ.
ރަށަށް ދިއުމުގެ ކުރިން އެކަން ރަށު ކައުންސިލަށް އަންގަންވާނެ ކަމަށާއި، ހޯމް ކަރަންޓީނުގެ އުސޫލާ އެއްގޮތަށް ކަރަންޓީނުގެ 14 ދުވަސް ފުރިހަމަ ކުރަންޖެހޭނެެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑް 19 އަތޮޅުތެރެއަށް އަދި ނުފެތުރޭ ކަމަށާއި އަތޮޅުތެރެއިން ފެންނަ ކޭސްތަކަކީ މާލެއިން އަތޮޅުތެރެއަށް އިމްޕޯޓްވާ ކޭސްތައް ކަމަށެވެ. އެހެންކަމުން އަތޮޅުތެރޭގައި ކޮވިޑުން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ހޯމް ކަރަންޓީންގައި ތިބޭ މީހުން ހޯމް ކަރަންޓީންގެ އުސޫލަށް ފުރިހަމައަށް އަމަލު ކުރުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވަނީ މާލެއިން އަތޮޅުތެރެއަށް ދަތުރުކުރާ އޮޑިދޯނިފަހަރުގެ ކުރޫއިންވެސް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން އެއްވެސް ވަރަކަށް މާލެއަށް ނުވަތަ ރަށަށް ނުފޭބުމާއި، ބޯޓަށް މުދާ އަރުވާއިރުވެސް ގައިދުރުކަން ބެހެއްޓުމަށް ޑރ. ނަޒްލާ އިލްތިމާސް ކުރެއްވިއެވެ.
ކޮވިޑް-19އާ ގުޅިގެން ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ބޯޑަރު ހުޅުވާލީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ. އޭގެ ފަހުން މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން އެކަކު އަދި ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު އެހެން އެއްވެސް ފަތުރުވެރިޔެއްގެ ފަރާތުން ބަލީގެ އަލާމާތެއް ނުފެންނަ ކަމަށް އެޗްއީއޯސީ އިން ބުންޏެވެ.
ފާއިތުވި 24 ގަޑިއިރު ތެރޭ 156 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު މީގެ ތެރޭ ރަށްރަށުން ޕޮޒިޓިވްވި ދެ މީހަކު ހިމެނެ އެވެ.
ބ.އަތޮޅުން ކޮވިޑް ފެނިފައިވަނީ 4 ރަށުންނެވެ.
ކޮވިޑް 19ގެ ކޭސްތައް މިފަހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
މިއަދު އެކަނިވެސް 156 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މިހާތަނަށް ޖުމްލަ 3،949 މީހުންނަށް މި ބަލި ޖެހިފައިވެއެވެ. އަދި 2،613 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. ބަލީގައި މަރުވެފައިވަނީ 16 މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ