ދިވެހި ރައްޔިތަކަށް އަނިޔާ ދިނުމަށް ގޮވައި ހިތްވަރު ދީގެން ނުވާނެ: ގާސިމް

ޗެނަލް 13 އިން ގެނެސްދިން ޕްރޮގްރާމެއްގައި ބައިވެރިވި އާންމު މީހަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވާލި ގޮވާލުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުށްވެރި ކުރައްވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގައި މާމިގިލި ދާއިރާ ތަމްސީލު ކުރައްވާ ގާސިމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ދިވެހި އެއްވެސް ރައްޔިތަކަށް އެއްވެސް ބޭނުމެއްގައި، އެއްވެސް ބާވަތެއްގެ އަނިޔާއެއް ދިނުމަށް އެއްވެސް މީހަކު ގޮވައި، ހިތްވަރުދީ ހަދައިގެން ނުވާނެ ކަމަށެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހަށިކޮޅުގައި ހުޅު ޖެހުމަށް އާަންމު ޓީވީއެއްގައި ގޮވާލި ގޮވުން ހަރުކަށި އިބާރާތުން ކުށްވެރިކުރަން." ގާސިމް ވިދާޅުވިއެވެ.
ރައީސްގެ ހަށިކޮޅުގައި ހުޅު ޖަހަން ގޮވާލި މައްސަލައަކީ ޓެރަރިޒަމްގެ މައްސަލައެއްގެ ގޮތުގައި ފުލުހުން އަންނަނީ މައްސަލަ ބަލަމުންނެވެ. އަދި އެހެން ގޮވާލާ އަޑު ބްރޯޑްކާސްޓް ކޮށްފައިވާތީ ބްރޯޑްކާސްޓިން ކޮމިޝަނުން ދަނީ ޗެނަލް 13 ގެ މައްސަލަ ވެސް ބަލަމުންނެވެ. ޗެނަލް 13 އިން ވަނީ މި ކަމާ ގުޅިގެން މައާފަށް އެދި ބަޔާނެއް ވެސް ނެެރެފައެވެ.
މީހަކަށް ގެއްލުމެއް ދޭނެ ކަމުގެ އިންޒާރު ދިނުމަކީ ވެސް ބިރު ދެއްކުމާއި ތޫނު ހަތިޔާރު ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން ކުށެކެވެ. އަދި ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުމަކީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ކުށެކެވެ.
"ރައްޔިތުންގެ އަޑު"ގެ ނަމުގައި ގެެނެސްދިން އެ ޕްރޮގްރާމުގައި ވާހަކަ ދެއްކީ ތ. ވިލުފުށި މީހެކެވެ. އޭނާ ވަނީ ސަރުކާރުގެ އަމަލުތަކާ މެދުގައި ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. އޭނާ ބުނީ "މިހާރުން މިހާރަށް އިބްރާހިމް މުހައްމަދު ސޯލިހު ގައިގައި އަލިފާން ޖަހަން ޖެހޭ" ކަމަށެވެ.
މިކަމާ ގުޅިގެން ޗެނަލް 13 އިން ނެރުނު ބަޔާނެއްގައި ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބެހޭ ގޮތުން އެމީހާ ވާހަކަ ދެއްކީ އަމިއްލަ ހައިސިއްޔަތުން ކަމަށެވެ. އެމީހާ އެހެން ބުނުމާއެކު ވަގުތުން ފޯނު ކަނޑާލާފައިވާ ކަމަށް އެ ޓީވީ ޗެނަލުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ