މުޅި ރާއްޖެއަށް މޫސުން ގޯސް، ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު!

ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ލަފާކޮށްފައެވެ.
މެޓް އޮފީހުން މިރޭ ވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، ރީނދޫ ސަމާލު ނެރެފިއެވެ. މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައި ވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާ ހަމައަށެވެ.
އެ ސަމާލުގައި ބުނެފައި ވަނީ ބޯކޮށް ވާރޭވެހި، ގަޑިއަކު 28 މޭލާއި، 35 މޭލާއި ދެމެދުގެ ބާރިމިނުގައި ވައި ޖެހޭނެ ކަަމށެވެ.އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށްވެސް ލަފާކޮށްފައި ވެއެވެ.
މި ސަމާލުގެ މުއްދަތު ހަމަވާނީ މިރޭ 12:00 އަށެވެ.
ރީނދޫ ސަމާލު ނެރުނު ފަހުން ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ހުދު ސަމާލު ނެރެފައެވެ. މި ސަމާލުގައި ބުނެފައި ވަނީ، ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ކަނޑުތައް ގަދަވާނެ ކަަމަށްވެސް ލަފާކޮށްފައި ވެއެވެ.
މި ސަމާލުގެ މުއްދަތު ހަމަވާނީ މިރޭ ދަންވަރު 2:00 އަށެވެ.
އެހެންކަމުން މުޅި ރާއްޖެއަށް މޫސުން ގޯސް ކަމަށް މެޓް އޮފީހުން މި ވަނީ ލަފާކޮށްފައެވެ.
މާދަމާ ހެނދުނުގެ ނިޔަލަށް މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނެފައި ވަނީ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާ ކަމަށެވެ.
އަދި ބޯކޮށް ވާރޭވެހި، ވިލާގަނޑުތެރޭގައި ވައި ގަދަވެ ކަނޑުތައް ގަދަ ވާނެކަމަށް ލަފާކުރެވޭތީވެ، އެންމެހައި ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދޭ ކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ