މަޖިލީހުގައި ޖިމަކާއި ރެސްޓޯރަންޓެއް އަދި ފިހާރައެއް ހުޅުވަނީ

ރައްޔިތުންގެ މަޖިލިސް ހިންގާ އިދާރާގައި ރެސްޓޯރަންޓަކާއި ޖިމެއްގެ އިތުރުން ފިހާރައެއް ހުޅުވުމަށް މަޖިލީހުގެ ސޯޝިއަލް ކްލަބުން ނިންމާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލިހުގެ ޖަލްސާ ފައްޓަވައި ދެއްވުމަށް ފަހު، ނަޝީދު ވިދާޅުވީ މަޖިލިހުގެ ސޯޝަލް ކްލަބުން މަޖިލިހުގެ އާ އިމާރާތުގެ ޓެރަހުގައި ރެސްޓޯރަންޓެއް ގާއިމުކުރަން ނިންމާފައިވާ ކަމަށެވެ. އަދި ހަމަ އެ ކްލަބުން މަޖިލިހުގެ އިދާރާގައި ޖިމެއް ވެސް ގާއިމު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން މަޖިލިހުގެ ޔައުމިއްޔާ އާއި ތައްޔާރު ކުރާ ރިޕޯޓުތައް ގަންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން މަޖިލިހުގައި އެ ކްލަބުން ހެންސެޑް ފިހާރައެއް ހުޅުވުމަށް ނިންމާފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
މަޖިލީހުގެ ސޯޝަލް ކްލަބުގައި ތިބެނީ މަޖިލީހުގެ މެންބަރުންގެ އިތުރުން މުވައްޒަފުންނެވެ.
ނަޝީދު ވިދާޅުވީ މަޖިލިސް އިދާރާގައި ހުޅުވާ ރެސްޓޯރަންޓު ހުޅުވުމަށް ފަހު ދާއިރާ ރައްޔިތުންނާ އެކު ކޮންމެ މެންބަރަކަށް ވެސް ވާހަކަ ދައްކާލަ "ކޮފީ ބޯލަން" އެތަނަށް ޒިޔާރަތް ކުރެވޭނެ ކަމަށެވެ.
އަދި އެ ރެސްޓޯރަންޓުގެ މޭޒުތައް ފަރުމާކޮށްފައި ވާނީ ވެސް މަޖިލީހުގެ މެންބަރުންގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތަށް ކަމަށާއި ރެސްޓޯރަންޓު ހުޅުވުމަށް ފަހު ކޮންމެ މެންބަރެއްގެވެސް މުވައްޒަފުންނަށް އެތަނަށް ވަދެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް އަދި އެއްވެސް މެންބަރަކު މުވައްޒަފުން ގެނައުމުގެ އިންތިޒާމް ހަމަނުޖައްސަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މަޖިލީހުގެ ކޮމެޓީތަކުގެ މުގައްރިރުންނަށް ހާއްސަ ކޮޓަރިތަކެއްވެސް އެތަނުގައި ގާއިންކޮށްފައިވާ ކަމަށެވެ. އަދި އުންމީދަކީ ޖަލްސާތައް ފެށުމުގެ ކުރިން މުގައްރިރުން މަޖިލީހުގެ މުވައްޒަފުންނާއި ވާހަކަ ދައްކައި ކޮމެޓީތައް ކުރިއަށް ގެންދާނެ ގޮތްތައް ރާވާފައި އޮތުން ކަަމަށް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ