ކޮވިޑް-19އާ ދެކޮޅަށް މިހާރަށްވުރެ ހަރުކަށި ފިޔަވަޅު އެޅުމަށް ރައީސް މައުމޫން ގޮވާލައްވައިފި

ކޮވިޑް-19 ބަލި ފެތުރުނަނުދީ ހިފަހެއްޓުމަށް މިހާރަށްވުރެ ހަރުކަށި ފިޔަވަޅުތަކެއް އަލުން ތަޢާރަފުކޮށް ތަންފީޒުކުރުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ. ރައީސް މައުމޫނު މިފަދައިން ގޮވައިލެއްވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. އެގޮތުން ކޮވިޑް-19 ބަލިޖެހޭ މީހުންގެ ޢަދަދާއި އެބަލީގައި މަރުވާ މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވަމުންދާތީ މިހާރަށްވުރެ ހަރުކަށި ފިޔަވަޅުތަކެއް އަލުން ތަޢާރަފުކުރުަމށް ކަމާ ބެހޭ އިދާރާތަކަށް ގޮވާލައްވާ ކަމުގައި ރައީސް މައުމޫން ވިދާޅުވިއެވެ. ހަމައެހެންމެ މިހާރަށްވުރެ ހަރުކަށި ފިޔަވަޅުތަކެއް އަލުން ތަޢާރަފުކުރުމަށްފަހު، އެފިޔަވަޅުތައް ރަނގަޅަށް ހަރުދަނާ ގޮތެއްގައި ތަންފީޒުވަމުންދާކަން ކަށަވަރުކުރުމަށްވެސް އިދާރާތަކަށް ރައީސް މައުމޫނު އިލްތިމާސްކުރައްވާފައިވެއެވެ. ކޮވިޑް-19އާ ގުޅިގެން މާލޭގައި އިޢުލާނުކޮށްފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ވަރަށް ބޮޑެތި ލުއިތަކެއް ސަރުކާރުން ދޭން ނިންމީ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް ބަލި ފެތުރޭ މިންވަރަށް ބަލައި އަލުން، ފުރަބަންދުކުރަން ޖެހިދާނެ ކަމުގައި ސަރުކާރުން ބުނެފައިވެއެވެ. ކޮވިޑް-19 ގެ ޙާލަތާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރުން އެކުލަވައިލި ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތް ނިމުމަކަށްގެނެސް އެތަނުން ކުރަމުންދިޔަ މަސައްކަތް ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ