ދިވެހި ދައުލަތް ބަގުރޫޓްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ނާގާބިލް ކަމުގެ ސަބަބުން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އަދުރޭ މިހެން ވިދާޅުވީ ދައުލަތް މިހާލަތަށް ވެއްޓުނީ ކުރީ ސަރުކާރުން އަމަލުކޮށްފައި އޮތް ގޮތުން ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވުމުން އެކަމަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައެވެ.
އަދުރޭ ވިދާޅުވީ ދިވެހި ދައުލަތް ބަގުރޫޓްވީ އެއް ސަބަބަކީ ރައީސް ޞާލިޙުގެ ނާގާބިލްކަން ކަމަށާއި ދެވަނަ ސަބަބަކީ ދައުލަތުގެ ޚަޒާނާއިން އިންތިހާއަށް ވައްކަން ކުރުން ކަމަށެވެ. އަދި ދިވެހި ދައުލަތައް ބަގުރޫޓްވި ތިން ވަނަ ސަބަބެއްގެ ގޮތުގައި އަދުރޭ ދެއްކެވީ ޑޮލަރުގެ އަގު މައްޗަށް ދިޔުމެވެ. އެއީ އިގްތިޞާދު މެނޭޖްކުރަން ނޭގުމުން ވީގޮތެއް ކަމަށް އަދުރޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މީ އެމްޑީޕީއިން ވެރިކަމާ ޙަވާލުވާ ކޮންމެ ފަހަރަކުވެސް ކަން ހިނގާގޮތް ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރު 12.75 އަށް ހުރި ޑޮލަރުގެ ރަސްމީ ރޭޓް 15.42 އަށް މައްޗަށް ޖެއްސީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލި ޑޮލަރު ލިބުން ދަތިވުމުންނެވެ. އަގަށް ގެނައި ބަދަލުގެ ސަބަބުން ޑޮލަރުގެ މައްސަލަ ހައްލު ވާނެ ކަމަށް އޭރު ސަރުކާރުން ވިދާޅުވިއެވެ. ނަމަވެސް ޑޮލަރުގެ އަގަށް ސަރުކާރުން ގެނައި ބަދަލުގެ ސަބަބުން ޑޮލަރު ލިބުން އިތުރަށް ދަތިވެގެން ދިޔައެވެ.
މިހާރު އަނެއްކާ ވަނީ ޑޮލަރުގެ އަގު އުފުލިފައެވެ. ގިނަ ވިޔަފާރިން ބުނާ ގޮތުގައި މިހާރު ޑޮލަރު ގަންނަން ލިބެނީ 18 ރުފިޔާއަށް ވުރެ މަތީ ރޭޓެއްގައެވެ. އެހެންކަމުން ތަކެތީގ އަގު އުފުލިގެން ދިއުމުގެ ބިރު މިހާރު އަނެއްކާވެސް ވަނީ ބޮޑުވެފައެވެ. އިޤުތިޞާދީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކޮވިޑް-19 އަށް ފަހު ބޯޑަރު ހުޅުވާލުމުން ޑޮލަރަށް އޮންނަ ޑިމާންޑް އިތުރުވެ އަނެއްކާވެސް ރާއްޖޭގައި ޑޮލަރުގެ އަގު އުފުލުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
ދިވެހި ދައުލަތް ބަގުރޫޓްވީ ރައީސް ޞާލިޙުގެ ނާގާބިލް ކަމުން - އަދުރޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ