ހައި ކޯޓުން އިއްޔެ ކުރި ހުކުމާއި ގުޅިގެން ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ދައުވާލިބޭ ހުރިހާ ބޭފުޅުންގެ ޝަރީއަތްތައް ވެސް މެދުކަނޑާލައިފި އެވެ.
އަބްދުﷲ ގާޒީ މައްސަލައިގައި ދައުވާ ލިބޭ ފަރާތްތަކުގެ ޝަރީއަތް މެދުކަނޑާލީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް މަޑުޖައްސާލުމަށް ހައި ކޯޓުން އިއްޔެ ނެރުނު އަމުރާ ގުޅިގެންނެވެ.
ހައި ކޯޓުން އިއްޔެ އެގޮތަށް ހުކުމްކޮށްފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން އެކުލަވާލާފައިވާ ފަނޑިޔާރުންގެ ބެންޗު އެކުލަވާލާފައިވަނީ ގާނޫނާއި ހިލާފަށް ކަނޑައަޅައިދިނުމަށް އެދި އެކޯޓަށް ނަޝީދުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގައި އެވެ.
ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ނަޝީދުގެ ފަރާތުން އެދިފައިވާ ސަބަބުތަކަށް ބަލާއިރު އެމައްސަލަ އާއި މެދު ހައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަން ދެން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށްދާ އަޑު އެހުން ކުރިއަށް ނުގެންގޮސް މަޑުކުރަންޖެހޭ ކަމަށް ފެންނަ ކަމަށެވެ.
އެހެންކަމުން ހައި ކޯޓަށް ހުށަހަޅާފައިވާ ހުޅުމާލެ ކޯޓުގެ ބެންޗާއި ގުޅޭ މައްސަލައިގައި ޝަރީއަތުން ވަކި ގޮތެއް ކަނޑައެޅެންދެން ނުވަތަ ހައި ކޯޓުން ވަކި ގޮތެއް އަންގަންދެން ހުޅުމާލެ ކޯޓުގައި ކުރިއަށް ގެންދާ އަޑު އެހުން ކުރިއަށް ނުގެންދިއުމަށް އަމުރުކުރާ ކަމަށް ވެސް ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވެ އެވެ.
އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި ދައުލަތުން ދައުވާކުރަނީ ނަޝީދުގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލުގެ އިތުރުން ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ އަދި ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގެ ޝަރީއަތްތައް މެދުކަނޑާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ