ހިތަދޫ މެދު ދާއިރާގެ ނަރުދަމާ ނިންމަން ފެނަކައަށް

ހިތަދޫ މެދު ދާއިރާގެ ނަރުދަމާގެ ނުނިމި ހުރި މަސައްކަތް ނިންމަށް ފެނަކަ ކޯޕަރޭޝަންސް އާއި ހަވާލުކޮށްފިއެވެ.
ފެނަކަ ކޯޕަރޭޝަން އާއި މިނިސްޓްރީ އޮފް އެންވައިރަމެންޓް އެންޑް އެނާޖީ އާއި އެކު އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ 12 މިލިއަން ރުފިޔާއަށެވެ.
އިއްޔެ ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތަށް ފަހު އެންވައިރަމެންޓް މިނިސްޓަރ ޠާރިގް އިބްރާހިމް ވިދާޅުވީ މި މަސައްކަތަކީ މީގެ 3 އަހަރުން ފެށި މަސައްކަތެއް ކަމަށެވެ. ނަމަވެސް ތަފާތު ސަބަބު ތަކާއި ހެދި މަސައްކަތް ނުނިމި ދިގުލައިގެން ދިޔައީ ކަމަށެވެ.
ނަމަވެސް މުޅި ޕްރޮޖެކްޓްގެ %70 ނިމިފައިވާ ކަމަށް ޠާރިގް ވިދާޅުވިއެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ މި އެއްބަސްވުމުގެ ދަށުން ހިތަދޫ މެދު ދާއިރާގެ ގޭގެއަށް ހޮޅި ގުޅައިދިނުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށެވެ. އަދި މި މަސައްކަތް 240 ދުވަހުގެ ތެރޭގައި މުޅިން ނިންމާލާނެ ކަމަށް ފެނަކައިން ބުނެއެވެ.
ހިތަދޫގައި ނަރުދަމާގެ މަސައްކަތް ފަށާފައިވަނީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން 2010 ވަނަ އަހަރުގެ ތެރޭގައި އޭރު އެމަނިކުފާން އުފެއްދެވި ސަދަން ޔޫޓިލިޓީ ކުންފުންޏާއި އިނގިރޭސިވިލާތުގެ ބައިވޯޓާރ ކުންފުނި ގުޅިގެން އުފެއްދި ޖޮއިންޓް ވެންޗާރ ކުންފުންޏަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ