މިހާރު މިއުޅޭ ލޮޅުން ގަންޑުން ވަރަށް އަވަހަށް ސަލާމަތްވާނެ - މައުމޫން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ތެރޭގައި މިހާރު އުފެދިގެން އުޅޭ ލޮޅުން ގަންޑުން ވަރަށް އަވަހަށް ސަލާމަތްވެ ޕާޓީގައި ބައިބައި ވުމެއްނެތި ވަރަށް އަވަހަށް ކުރިއަށް ދާނެ ކަމަށް ކުރީގެ ރައީސް އަދި އެޕާޓީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ޓުއަރިޒަމް ދާއިރާގައި މަސައްކަތްކުރާ އެދާއިރާއިން ބެޗްލާސް ހަދާފައިވާ އަހުމަދު ނާޒިމާއި އެމްއެމްއޭގެ ރިސާރޗް ސެކްޝަންގައި މަސައްކަތްކުރާ ބެޗްލާސް ހަދާފައިވާ ބައްސާމް އަދީލް ޖަލީލް ޕީޕީއެމްއަށް ސޮއިކުރުމަށް މިރޭ މޫކައި ސުއިޓްސްގައި ބޭއްވި ހަފްލާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް މައުމޫން ވިދާޅުވީ ޕާޓީގެ އެއްވެސް މެންބަރަކު ޕާޓީއާއި ވަކިވެވަޑައިގަތުމަކީ ޕާޓީގެ އާންމު މެންބަރުންނަށް އެކަމުގެ ސަބަބުން ވަރަށް ބޮޑު ހިތްދަތި ކަމެއް ލިބޭ ކަމެއް ކަމަށެވެ. ނަމަވެސް އެކަންކަން އެހެން ހިނގަމުން ދާނެކަން ގަބޫލްކުރަން ޖެހޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކީ އެކުގައި ތިބެން ބޭނުންވާ ބަޔަކަށް ވާތީ އަޅުގަނޑުމެންގެ ޕާޓީގެ އެއްމެ މެންބަރަކު ދިޔަޔަސް އެއީ އަޅުގަނޑުމެނަށް ލިބޭ ވަރަށް ބޮޑު ހިތާމައެއް،" 30 އަހަރު ވަންދެން ރާއްޖޭގެ ރައީސްކަން ކުރެއްވި ރައީސް މައުމޫން ވިދާޅުވި އެވެ.
މައުމޫން އިތުރަށް ވިދާޅުވީ މިއީ ރާއްޖޭގެ ސިޔާސީ މަސްރަހުން އަލަށް ފެންނަ މަންޒަރެއް ނޫންކަމަށާއި މިކަންކަން މިހެން ވިޔަސް ޕާޓީގެ މެންބަރުންގެ ހިތްވަރަށް އުނިކަން އަންނަ ވަރުގެ ކަމެއް ނޫންކަމަށެވެ. އަދި އެއީ ޕާޓީގެ މެންބަރުންގެ ސާބިތުކަމަށް ބަދަލެއް އަންނަން ވީވަރުގެ ކަމެއް ނޫންކަމަށެވެ.
ޕީޕީއެމްގެ ތެރޭގައި މިހާރު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ "އެއީ ވަރަށް ދެރަކޮށް ދިމާވި ކަމެއް" ކަމަށެވެ. އަދި އެއީ ދިމާވެގެން ވާނެ ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ޕުރައިމަރީ ދިޔައީ ވަރަށް އިންސާފުވެރިކޮށް ކަމަށް ވިދާޅުވެ މައުމޫން ވިދާޅުވީ ދެކެނޑިޑޭޓުންގެ މަންދޫބުން ވެސް ވޯޓް ގުނި އިރުވެސް ވޯޓް ފޮށިތައް ކައރީ ތިއްބެވި ކަމަށެވެ. އަދި މަންދޫބުންގެ ފަރާތުން އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނެއްކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
"މާޗް ދެވަނަ ދުވަހުގެ ރޭ ދެ ކެނޑިޑޭޓުން ވެސް ނަތީޖާ ގަބޫލު ކުރެއްވި. އެހެން ނަމަވެސް ފަހުން މިބަދަލު މިއައީ މިއީ ވަރަށް ދެރަކޮށް ދިމާވި ކަމެއް. އިރާދަކުރެއްވިއްޔާ މިހާރު މިއުޅޭ ލޮޅުން ގަންޑުން ވަރަށް އަވަހަށް ސަލާމަތްވެ ޕާޓީގައި ބައިބައި ވުމެއްނެތި ވަރަށް އަވަހަށް ކުރިއަށް ގެންދާނަން، އިރާދަކުރެއްވިއްޔާ ޕީޕީއެމް ދާނީ އެއްދުވަހުން އަނެއް ދުވަހަށް ކުރިއަރާ ތަރައްގީ ވަމުން. އަދި އިރާދަކުރެއްވިއްޔާ މިއަހަރުގެ ރިޔާސީ އިންތިޙާބު ކާމިޔާބު ކުރާނީ ހަމަ ޕީޕީއެމް." އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ އުމަރު ނަސީރު ކަހަލަ އިސް ދައުރެއް އަދާ ކުރެއްވި ބޭފުޅަކު ވަކިވެވަޑައިގެންފިއްޔާ އޭނާ އާއި އެކު ދާ މީހުންވެސް ތިބޭނެ ކަމަށާއި ނަމަވެސް "ދާވަރަށް ވުރެ އަޅުގަނޑުމެނަށް މާގިނަ މީހުން އިތުރުކުރެވޭނެ" ކަމަށެވެ. އަދި އެކަމާއި ކަންބޮޑުވެ ވަޑައިނުގަންނަވާ ކަމަށް ވެސް މިރޭ ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ އުމަރު އިންތިހާބުގެ ނަތީޖާ ގަބޫލު ކުރެއްވުމަށްފަހު ފަހުން ހިޔާލުފުޅު ބަދަލު ވުމުގައި ޕީޕީއެމްގެ އެތެރޭގައި އޮތް އެހެން ޕާޓީތަކުގެ ނުފޫޒުވަދެގެން ނުވަތަ ނުފޫޒު ވެއްދުމަށް ކުރާމަސައްކަތަކަށް ވެދާނެ ކަމަށެވެ. ނަމަވެސް އެކަންކަން ނުބަލާ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ ޕާޓީގެ ކޮންމެ މެންބަރަކު އިތުރު ދެމެންބަރުން ޕާޓީއަށް ވެއްދެވުމަށް އެމަނިކުފާނު ކުރެއްވެވި އިލްތިމާސެއްގެ ސަބަބުން ވަރަށް ގިނަ އަދަދެއްގެ މެންބަރުން ޕާޓީއާއި ގުޅިވަޑައިގަންނަވަމުން ގެންދަވާ ކަމަށެވެ. އަދި މައުލޫމާތު ލިބިފައިވާ ގޮތުން އެހެން ޕާޓީތަކުގައި ތިއްބެވި ވަރަށް މަޝްހޫރު ބޭފުޅުން ޕީޕީއެމް އާއި ގުޅިވަޑައިގަންނަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ