ރާއްޖެއަށް ބޭނުންވާ ކުކުޅާއި ކުކުޅު ބިސް އެތެރެކުރަން ނުޖެހޭނެ - ގާސިމް

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ކުކުޅާއި ބިސް ރާއްޖެއަށް އެތެރެކުރަން ނުޖެހޭ ގޮތަށް ރާއްޖެއަކީ ޕޯލްޓްރީގެ ގޮތުން އަމިއްލަ ފުދުންތެރި ގައުމަކަށް ހަދާނެ ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު އއ.ތޮއްޑޫގައި ވައުދުވެވަޑައިގެންފި އެވެ.
ޖުމްހޫރީ ޕާޓީން އއ. ތޮއްޑޫގައި ރޭ ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގާސިމް އިބްރާހިމް ވިދާޅުވީ އެކަން ކުރުމުގެ ބޭނުމަކީ ތާޒާކޮށް ކުކުޅު ގަންނަން ލިބުން ކަމަށާއި ބޭނުމިއްޔާ އައިސް ކުކުޅުވެސް ގަންނަން ލިބުމުގެ އިތުރުން އޭގެ ކޮލިޓީ އާއި ރަހަ ވަރަށް ތަފާތު މިންވަރެއްގައި ހިފެހެއްޓިގެން ދާނެ ކަމަށެވެ.
މިހާރު ރާއްޖެއަށް ބޭރުން އެތެރެކުރަމުންގެންދާ ފިނިކުރި ކުކުޅުމަސް ރާއްޖެއާ ހަމައަށް އަންނައިރު ހުންނަނީ ގާތް ގަނޑަކަށް ހައެއްކަ މަސް ދުވަސްވެފައި ކަމަށް ގާސިމް ވިދާޅުވި އެވެ. ނަމަވެސް ރާއްޖޭގައި ކުކުޅު އާލާކުރަން ފެށުމުން މިކަން ހައްލުކުރެވިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއަދު އަޅުގަނޑުމެންނަށް ލިބެމުންދާ ފިނި ކުރި ކުކުޅުވެސް މި ލިބެނީ ގާތް ގަނޑަކަށް ހައެއްކަ މަސް ދުވަސް ފަހުން، މި ދެންނެވި ގޮތަށް ކަންތައް ކުރެވިއްޖެނަމަ ބޭރުން ކުކުޅު އިމްޕޯޓުކުރުމަށް ބޭނުންވާ ޑޮލަރާއި ބޭރު ފައިސާ ވެސް ހިފެހެއްޓި ރައްޔިތުންނަށް މަސައްކަތްތަކެއް ވެސް ކުރެވި ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރެވިގެން ދާނެ." ގާސިމް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ދަނޑުވެރިކަން ތަރައްގީކުރުމަށް ކޮށްދެވޭނެ ކަންތައްތައް ހާމަކުރައްވަމުން ގާސިމް ވިދާޅުވީ ރާއްޖޭގެ ދަނޑުވެރިކަން ތަރައްގީ ކުރުމަށް ވަރަށް ގިނަ ކަންތައްތަކެއް ކުރުމުގެ ފިކުރު އެބަހުރި ކަމަށާއި އެގޮތުން ދަނޑުވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބިމުގެ މައްސަލަ ކަމަށެވެ.
އަދި ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އެމައްސަލަ ހައްލުކޮށްދޭނެ ކަމަށާއި އެގޮތުން ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި ދަނޑު ބިމާއި ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ. އަދި މި ބިލު ފާސްވެ ގާނޫނަކަށް ވުމުން ރާއްޖޭގެ ދަނޑުވެރިންނަށް ދިގު މުއްދަތަކަށް ފަސޭހައިން ބިން ލިބޭނެ ކަމަށެވެ.
" ދަނޑުވެރިކަމަށް އިންވެސްޓްކޮށް އެކަމުން އެކަށީގެންވާ ނަފާ ހޯދާ ފަރާތްތަކަށް އަދިވެސް ތަކުރާރުކޮށް ދަންނަވަން އޮތީ 5 އަހަރަށްވުރެ ކުރުނޫން މުއްދަތަކަށް ދަނޑުބިން ލިބޭނެ ގޮތް އަޅުގަނޑުމެން ހަމަޖައްސާނަމޭ" ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
އަދި ކޮމިއުނިޓީ ފާމިން ކުރިއަރުވާ ތަރައްގީކުރުމަށްޓަކައި ރަށްރަށުގެ ކައުންސިލް މެދުވެރިކޮށް ފަޅު ރަށްތަކާއި ބިންތައް ހޯދައިގެން އެމަސައްކަތްކުރައްވާނެ ކަމަށާއި ޖޭޕީގެ ވެރިކަމެއްގައި ދަނޑުވެރިން އުފައްދާ ތަކެއްޗަކީ އެތަކެތި ގަންނަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ހަދާ ތަކެތި ކަމުގައި ހަދާނެ ކަމަށް ގާސިމް ރޭ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ