މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ އިންތިހާބަކީ ބާތިލް އިންތިހާބެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.
ސިވިލް ކޯޓުގެ ފަނޑިޔާރު މަރިޔަމް ނިހާޔަތު އިއްވެވި ހުކުމުގައި ބުނެފައިވަނީ މިދައުވާ ހުށަހެޅުއްވި ރަހުމާ މޫސާ އަމިއްލަ ހައިސިއްޔަތުން ހުށަހަޅާފައިވާ ދައުވާއެއް ކަމުގައިވާއިރު ރަހުމާގެ މުޅި ދައުވާ އާއި ދާއުވާގައި އެދޭ ކަން ކަން ބިނާވެގެން ވަނީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންނާއި ކަމަށެވެ.
އަދ ރަހުމާއަކީ އެފަދަ ކެންޑިޑޭޓަކަށް ނުވާއިރު މި ދައުވާ މިހާރު ހުށަހެޅިފައިވާ ގޮތަށް ހުށަހެޅުމުގެ ގާނޫނީ ހައިސިއްޔަތު ރަހުމާއަށް ލިބިގެންނުވާ ކަމަށް ކަނޑައަޅައި ހުކުމް ކުރާ ކަމަށެވެ.
ރަހުމާ ސިވިލް ކޯޓުގައި ކުރި ދައުވާގައި ބުނެފައިވަނީ 30 މާޗުގައި ބޭއްވުނު ޕްރައިމަރީގައި ގާނޫނާއި ހިލާފަށް ޕާޓީގެ ދަފްދަރުގައި ހިމެނިފައިނުވާ 8915 މީހުން އިންތިހާބުގައި ވޯޓުލެވޭ ގޮތަށް ނިންމާ އަދި އެފުރުސަތު އެފަދަ މީހުންނަށްދީ ވޯޓުލާފައިވާތީ ޕީޕީއެމްގެ އާންމު މެންބަރުންގެ ހައްގަށް ގެއްލުންވެފައިވާ ކަމަށާއި އެހެންކަމުން އެމައްސަލަ ބަލައިދިނުމަށެވެ.
މި ހުކުމް ކުރުމުގެ ކުރިން މައްސަލަ ބެއްލެވި ގާޒީ ވަނީ 9 ނުކުތާއެއް ފާހަގަކުރައްވާފައެވެ. އަދި މިމައްސަލައިގައި ތަދަހުލުވި ފަރާތްތަކަށް އެފުރުސަތު ނެތް ކަމަށް ވެސް ސިވިލް ކޯޓުން ވަނީ ނިންމާފައެވެ.
މީގެތެރެއިން ފާހަގަކޮށްލެވޭ ބައެއް ނުކުތާތަކުގެ ތެރޭގައި ޕްރައިމަރީގައި ވާދަކުރި ކެންޑިޑޭޓުން ކުރެ ކެންޑިޑޭޓެއްގެ ހައްގެއް ގެއްލޭ ކަމަށް ފެންނަ ނަމަ އެ ހައްގެއް ހޯދުމަށް ދައުވާކުރާނީ އެމީހަކު ކަމަށާއި ރަހުމާއަކީ ޕާޓީގެ އާންމު މެންބަރެއް ކަމަށްވާއިރު ވަކި ކެންޑިޑޭޓެއްގެ މަސްލަހަތުގައި ދައުވާކުރުމުގެ ގާނޫނީ އެއްވެސް ހައިސިއްޔަތެއް ލިބިގެންނުވާ ކަމަށް ގާޒީ ފާހަގަކުރެއްވި އެވެ.
ޕީޕީއެމް ޕްރައިމަރީ އާއި ގުޅޭ ގޮތުން އެޕާޓީގެ މެންބަރު ރަހުމާ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބާތިލުކޮށްދިނުމަށް ޕީޕީއެމްގެ ފަރާތުން އިއްޔެ ޝަރީއަތުގެ މަޖިލީހުގައި އެދިފައިވެ އެވެ.
އެކަމާއި ގުޅިގެން މައްސަލަ ބައްލަވާ ގާޒީ ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަހުމާ މައްސަލަ ހުށަހެޅުއްވީ ދެސަބަބަކާއި ހުރެ ކަމާއި އޭގެ ތެރެއިން އެއް ސަބަބަކީ ޕްރައިމަރީ ސިޔާސީ ޕާޓީގެ ގާނޫނާއި ހިލާފަށް ކުރިއަށް ގެންދިއުމުގެ ސަބަބުން އެ އިންތިހާބުގައި ވާދަކުރި ރަހުމާ ތާއީދުކުރި ކެންޑިޑޭޓަށް ފުރުސަތު ގެއްލި ކެންޑިޑޭޓު ޕާޓީން ވަކިކުރަން އުޅޭ ކަމުގެ ހަބަރު ލިބިފައިވާތީ މިކަމަކީ ޕާޓީގެ މެންބަރުންގެ ހައްގު ގެއްލިދާނެ ކަމެއް ކަމުގައި ރަހުމާ ބުނެފައިވާ ކަމަށެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ރަހުމާ މޫސާއަކީ ޕީޕީއެމް ޕްރައިމަރީގައި ވާދަކުރި، ރަހުމާ މޫސާ ތާއީދުކުރި ކެންޑިޑޭޓުގެ ފިކުރުގެ މެންބަރަކަށްވީތީ ރަހުމާ މޫސާ ޕާޓީން ވަކިކޮށްފާނެ ކަމުގެ ބިރު އޮތުމުން ކަމަށް ބުނެ ދެވަނަ ސަބަބެއްގެ ގޮތުގައި ރަހުމާ ޝަރީއަތުގައި ބުނެފައިވާ ކަމަށެވެ.
ނަމަވެސް ރަހުމާއަކީ ކެންޑިޑޭޓަކަށް ނުވާތީ ސީދާ ގޮތުން ވާނެ ގެއްލުމެއް ވެސް އަދި ފައިދާއެއް ވެސް ނުވާ ކަމަށާއި އޭނާއަކީ ކެންޑިޑޭޓަކަށް ނުވާއިރު ރަހުމާ މޫސާއަށް އޮތީ އެ އިންތިހާބުގައި ޕީޕީއެމް މެންބަރެއްގެ ހައިސިއްޔަތު ލިބިދޭ ހައްގުތައް އެގޮތުގައި ލިބިފައި އޮތުން ކަމުގައިވީއިރު ސިޔާސީ ޕްރައިމަރީ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓަކަށް ސީދާ ގޮތުން ވާނެ ގެއްލުމެއް ވެސް އަދި ކެންޑިޑޭޓުންގެ ތެރެއިން ރަހުމާ މޫސާ ހިޔާކުރި ފަރާތަކަށް ވޯޓުލުމުގެ ފުރުސަތު ރަހުމާގެ ބަހުން އެނގޭ ކަމަށް ގާޒީ ފާހަގަކުރެއްވި ނުކުތާތަކުގެ ތެރޭގައި ހިމެނެ އެވެ.
ރަހުމާ މޫސާއަކީ ވަކި ފިކުރެއްގެ މީހަކަށްވާތީ ރަހުމާ މޫސާ ޕާޓީން ވަކި ކޮށްފާނެ ކަމަށް ރަހުމާ ބުނާއިރު އެފަދަ ކަމެއް ހިނގުން، ނުވަތަ އެފަދަ ނިންމުމެއް ނިންމުމުގެ ގޮތުން ފިޔަވަޅު އެޅޭ ހާލަތުގައި އެ ދައުވާ ހުށަހެޅުމުގެ ފުރުސަތު އެކަމަށް އޮތް އުސޫލަކުން އޮންނައިރު މިހާރު ފެންނަން ނެތް ހާލަތެއްގެ މައްޗަށް ރަހުމާ މޫސާ ހުށަހަޅާ އެކަމަކީ ވުޖޫދުގައިވާކަމެއްކަން ވެސް އެއްގޮތަކުން ވެސް އެނގެން ނެތް ކަމަށް ގާޒީ ފާހަގަކުރެއްވި ނުކުތާގެ ތެރޭގައި ހިމެނެ އެވެ.
އަދި އެފަދަ ގޮތަކަށް އެ ފިޔަވަޅު އަޅަމުންދާކަމުގައި ބަލަން ޖެހޭ އެއްވެސް ސަބަބެއް ރަހުމާ މޫސާގެ ފަރާތުން ހުށަހަޅާފައި ނެތް ހިނދުގައި މުސްތަގުބަލުގައި ވެދާނެ ކަމަކަށް އަދި އެކަން ވެދާނެ ކަމަށް ހަމައެކަނި ބުނާ ބުނުމުގެ މައްޗަށް ޝަރީއަތުން ކަން ކަން ބެލުމަކީ ޝަރީއަތުގެ އުސޫލު ނޫން ކަމަށް ވެސް ގާޒީ ފާހަގަކުރެއްވި އެވެ.
މިހުކުމާއި ގުޅިގެން ޕުރައިމަރީގައި ވާދަކުރެއްވި އުމަރު ނަސީރު ވިދާޅުވީ ޕީޕީއެމްގެ ޕުރައިމަރީ ބާތިލް ކޮށްދިނުމަށް އެދި އަލުން އޭނާގެ ނަމުގައި ސިވިލް ކޯޓަށް މައްސަލަ ވައްދާނެ ކަމަށެވެ.
ޕީޕީއެމް ޕްރައިމަރީގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ