ރާއްޖޭގެ މަޝްހޫރު ނޫހެއް ކަމުގައިވާ ހަވީރު އޮންލައިންއިން އެމްވީޔޫތުގެ ފޮޓޯއެއް ހުއްދަ ނެތި ބޭނުންކޮށްފި އެވެ.
ހަވީރު އޮންލައިންއިން ބޭނުންކޮށްފައިވަނީ %100 ޕީޕީއެމް ނަމުގައި ޕީޕީއެގް ނައިބު ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވާ އިލްހާމް އަހުމަދުގެ ކެމްޕެއިން ފެށުމަށް ރޭ ނަސަންދުރާ ޕެލެސް ހޮޓަލުގައި ބޭއްވި ހަފްލާގެ ފޮޓޯއެކެވެ.
ރޭ ގާތް ގަނޑަކަށް ދެގަޑިއިރަށް ކުރިއަށް ގެންދިޔަ މި ހަފްލާ ކަވަރުކުރުމަށް ހަފްލާ ނިމުމުގެ ކުރިން ނަސަންދުރާއަށް ދިޔައީ ހަމައެކަނި އެމްވީޔޫތު އޮންލައިން އާއި ސީއެންއެމް އޮންލައިންކަން ފާހަގަކޮށްލެވެ އެވެ.
"ޕީޕީއެމް ކޮންގްރެސް: އިލްހާމް ފަސް ވައުދެއްވެވަޑައިގެންފި" މި ސުރުހީގެ ދަށުން ރޭ ދަންވަރު އެމްވީޔޫތު އޮންލައިންއިން ގެނެސްދީފައިވާ ހަބަރުގައި ބޭނުންކޮށްފައިވާ ފޮޓޯ ހަވީރުން އެމްވީޔޫތުގެ ހުއްދަ ނެތި ބޭނުންކޮށްފައިވަނީ "އަޅުގަނޑަކީ ސައްތައިން ސައްތަ ޕީޕިއެމް މީހެއް - އިލްހާމް" މި ސުރުހީގެ ދަށުން މިއަދު ހެނދުނު 11:32 ހާއިރު ހަވީރު އޮންލައިންގައި ގެނެސްދިން ހަބަރެއްގައި އެވެ.
މި ފޮޓޯ ހަވީރުން ބޭނުންކޮށްފައިވަނީ ފޮޓޯއަށް ބަދަލުތަކެއް ގެނައުމަށްފަހު އެވެ. އެގޮތުން އެމްވީޔޫތުގެ ޓެގް އިން ބައި ފޮޓޯއިން ކްރޮޕްކުރުމަށްފަހު ފޮޓޯ އިތުރަށް އަލިކޮށްފައިވެ އެވެ.
މީގެކުރިން ވެސް ރާއްޖޭގެ ބައެއް މީޑިއާތަކުން އެމްވީޔޫތުގެ ފޮޓޯ ހުއްދަ ނެތި ބޭނުންކޮށްފައިވެ އެވެ.
މިދިޔަ އަހަރު އައްޑޫ ސިޓީ ފޭދޫގައި ހިނގި މާރާމާރީއެއްގައި އަނިޔާވި މީހެއްގެ ފޮޓޯއެއް އެމްވީޔޫތުއިން ނެގުމަށްފަހު ހަވީރު އޮންލައިން އާއި އައްޑޫ އޮންލައިންގެ އިތުރުން ސަން އޮންލައިންގައި ކްރެޑިޓް ނުދީ ބޭނުންކޮށްފައިވެ އެވެ. ނަމަވެސް ސަން އޮންލައިންގައި އެފޮޓޯއަކީ އައްޑޫ އޮންލައިންގެ ފޮޓޯއެއް ކަމަށް ބުނެ އައްޑޫ އޮންލައިންގެ ނަން ޖަހާފައިވެ އެވެ.
ފަހުން އެފޮޓޯއަކީ އެމްވީޔޫތުގެ ފޮޓޯއެއް ކަން އެނގުމުން އެފަހަރު ސަން އޮންލައިންއިން އެކަމަށް މައާފަށް އެދިފައިވާކަން ފާހަގަކޮށްލެވެ އެވެ.
މީގެކުރިން އެމްވީޔޫތުއިން ލީކްކޮށްފައިވާ ބައެއް އޯޑިއޯތަކުގެ ހަބަރު ރާއްޖޭގެ އޮންލައިން ބޮޑެތި މީޑިއާތަކުގައި ގެނެސްދީފައިވާއިރު އެ އޯޑިއޯ ލީކްކުރި ފަރާތް އިނގޭ ގޮތަށް ވެސް ހަބަރުތައް ގެނެސްދީފައެއް ނުވެ އެވެ.
ރާއްޖޭގެ ބޮޑެތި މީޑިއާތަކުން އެމްވީޔޫތުއަށް ކްރެޑިޓް ނުދީ އެމްވީޔޫތުގެ ފޮޓޯ ބޭނުންކުރަމުންދިޔަ ކަމުގައިވިޔަސް އަތޮޅުތަކަށް ނިސްބަތްވާ އޮންލައިން ނޫސްތަކާއި ފޭސްބުކް ގްރޫޕްތަކުގެ ފޮޓޯތައް ހަބަރުތަކުގައި ގެނެސްދޭއިރު އެފަރާތްތަކަށް ކްރެޑިޓްދޭކަން ފާހަގަކޮށްލެވެ އެވެ.
އެހެންކަމުން އެމްވީޔޫތުގެ ނަން ބޭނުންކުރަން ރާއްޖޭގެ އޮންލައިން ބޮޑެތި މީޑިއާތަށް ފަސް ޖެހެމުންދާ ސަބަބެއް ވަނީ ނޭންގުމެއްގެ ތެރޭގައި އެވެ.
އެމްވީޔޫތުގެ ފޮޓޯތަކާއި ހަބަރުތައް މީގެކުރިން އެމްވީޔޫތުގެ ހުއްދަ އާއި އެކު ވީޓީވީ އާއި ދިއެފްއެމް ތަން ތަނުން ގެނެސްދީފައިވެ އެވެ.
ހަވީރު ނޫހުން އެމްވީޔޫތުގެ ފޮޓޯއެއް ހުއްދަނެތި ބޭނުންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ