ފްލެޓް އަޅައިގެން ވިއްކުމުގެ ވިޔަފާރި އާރުސީސީން ފުރަތަމަ ފަހަރަށް އަތޮޅުތެރޭގައި ފަށައިފި
ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ކުންފުނި، (އާރުސީސީ)ން ފުރަތަމަ ފަހަރަށް އަތޮޅުތެރޭގައި ފްލެޓް އަޅައިގެން ވިއްކުމުގެ ވިޔަފާރި ފަށަން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މި ވިޔަފާރި ފަށަން ނިންމާފައި ވަނީ، ދ. ކުޑަހުވަދޫގައެވެ. އެގޮތުން މާގިރި ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި ކުޑަހުވަދޫގެ ބިން އާރުސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ، ކައުންސިލްގެ ޒިންމާދާރުވެރިޔާ މުޙައްމަދު ޝިހާމެވެ. އާރުސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދެވެ. އާރުސީސީން ކުޑަހުވަދޫގައި ހެދުމަށް ހަމަޖެހިފައި ވަނީ ދެ ބްލޮކް އެކުލެވޭ 80 އެޕާޓްމެންޓެވެ. މި ފްލެޓްތަކަކީ ބޭންކް މެދުވެރިކޮށް ގަނެވޭނެ ފްލެޓްގެ ތަކެކެވެ. މީގެ ފެލެޓެއްގެ އަގަކީ 1.5 މިލިޔަން ރުފިޔާއެވެ. މި އިމާރާތުގައި ފަރުމާކޮށްފައި ވަނި ދެ ލިފްޓު ހަރުކުރާ ގޮތަށެވެ. މި ފްލެޓްތަކުގައި ހިމެނެނީ ތިން ކޮޓަރީގެ އެޕާޓްމަންޓް ތަކެކެވެ. މި ރަސްމިއްޔާތުގައި އާރުސީސިގެ ޗެއާމަން ކާނަލް ރިޓަޔަޑް މުޙައްމަދު ނާޒިމް ވިދާޅުވީ ކުޑަހުވަދޫއަކީ ތައްރައްޤީއަށް ވަރަށް ބޮޑަށް ލޯބިކުރާ ރައްޔިތުންތައްކެއް ދިރިއުޅޭ ރަށެއްކަމަށެވެ. އަދި އޭނާ ކުޑަހުވަދޫއަށް ކުރެއްވި ދަތުރުފުޅުގައި ރަށުގެ އުމްރާނީ ތަރައްޤީއަށް ރައްޔިތުން މަސައްކަތްކުރާއްވާ މަންޒަރު ފެނިވަޑައިގެންފައިވާކަމަށް ވިދާޅުވިއެވެ. އާރުސީސިގެ ޗެއާމަން ކާނަލް ރިޓަޔަޑް މުޙައްމަދު ނާޒިމް -- މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު ވެސް ބައިވެރިވެ ވަޑައިގަތެވެ. އޭނާ ވިދާޅުވީ ކުޑަހުވަދޫއަކީ އަބަދުވެސް ހިޖުރަކުރާ ފަރާތްތަކަށް މަރުހަބާ ކިޔާ ރަށެއް ކަމަށެވެ. އެހެންކަމުން މި ޕްރޮޖެކްޓާއެކު ކުޑަހުވަދޫއަށް އިތުރު ތަރައްޤި ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ. ޒަމާނީ ފެންވަރަށް ތައްރައްޤީ ކުރާ މިފްލެޓްތައް އާންމުކޮށް ހުރިހާ ފަރާތްތަކައް ވިއްކާގޮތައް ވަނީ ހަމަޖެހިފައެވެ. ފްލެޓު ގަންނަން ބޭނުންވާ ފަރާތްތަކަށް ފްލެޓްގެ ބުކިންއަށް ވަނީ ހުޅުވާފައެވެ. ފްލެޓް ގަތުމަށް ބޭނުންވާ ފަރާތްތަކުން އާރުސީސީއާ ގުޅުންމުން އިތުރު މައުލޫމާތު ލިބޭނެ ކަމަށް ވެސް އާރުސީސީން ވަނީ މައުލޫމާތު ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ