ޗެންޕިއަންސް ލީގުގެ ފައިނަލް މެޗުގައި، ޕީއެސްޖީ ސަޕޯޓަރުން ގޮވާލީ ޣައްޒާ ޤަތުލްޢާއްމު ހުއްޓާލުމަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ޕެރިސް ސެއިންޓް-ޖަރމޭން (ޕީއެސްޖީ) ގެ ސަޕޯޓަރުން "ޣައްޒާގައި ހިނގަމުންދާ ޤަތުލުޢާންމު ހުއްޓާލަން" ގޮވާލައިފިއެވެ. 
ރޭ ކުރިއަށް ދިޔަ ފައިނަލް މެޗުގެ ތެރެއިން މި ބެނާ ދައްކާލާފައިވަނީ މެޗުގެ 12 ވަނަ މިނެޓުގައި އަޝްރަފް ހަކީމީ ޕީއެސްޖީ އަށް ފުރަތަމަ ލަނޑު ޖެހުމުންނެވެ. އޭގެ ފަހުން ޑޯއޭ ޕީއެސްޖީ އަށް ދެވަނަ ލަނޑު ޖަހާފައިވާއިރު، އޭރުވެސް ސްޕޯޓަރުން ވަނީ ސްޓޭއަމްގައި އެ ބެނާ ދަމާފައެވެ.
ޕީއެސްޖީގެ ސަޕޯޓަރުންނަކީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ދެކޮޅަށް އަޑުއުފުލާ ބައެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މީގެ ކުރިން ވެސް ނޮވެމްބަރު މަހު އެޓްލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު ޗެމްޕިއަންސް ލީގު މެޗެއްގައި "ފްރީ ޕެލެސްޓައިން" މިހެން ލިޔެފައިވާ ބޮޑު ބެނަރެއް ދައްކާފައިވެއެވެ.
މި ދެ ލަނޑާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެއެވެ. އަދި މެޗު ނިމިގެންދިޔައީ 5-0 ނަތީޖާއަކުން ޕީއެސްޖީ މެޗު ކާމިޔާބު ކޮށްގެންނެވެ. 
މެޗު ނިމުމާއެކު ސްޓޭޑިއަމްގެ ބޭރުގައިވެސް ޕީއެސްޖީ ސަޕޯޓަރުން ވަނީ ފަލަސްތީނު ދިދަ ހިފައިގެން މަގުމައްޗަށް ނުކުމެ، ފަލަސްތީނާއެކު ތިބިކަން ދައްކާލާފައެވެ. 
މީގެ ކުރިންވެސް ޕީއެސްޖީގެ ސަޕޯޓަރުން ވަނީ ޣައްޒާގައި ހިނގަމުންދާ ޤަތުލްޢާއްމާ ދެކޮޅަށް އަޑުއުފުލާފައެވެ. އެގޮތުން، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެޓްލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު ޗެމްޕިއަންސް ލީގު މެޗެއްގައިވެސް "ފްރީ ޕެލެސްޓައިން" މިހެން ލިޔެފައިވާ ބޮޑު ބެނަރެއް ސަޕޯޓަރުން ވަނީ ސްޓޭޑިއަމްގައި ދަމާލާފައެެވެ.
މި ފަހަރުގެ ބެނާ ދެމުމާ ގުޅިގެން މިއުނިކުން ކަންބޮޑުވުން ފާޅުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބެލެވެއެވެ. އެހެނީ، މިއުނިކްގެ ސިޓީ ހޯލުގައި، ފަލަސްތީނަށް ގަދަކަމުން ވެރިވެ، ނުހައްގުން އަމިއްލަ ދައުލަތެއް އެ ބިމުގައި ހަދައިގެން އުޅޭ އިޒްރޭލްގެ ދިދަ ނަގާފައި ހުރެއެވެ. އަދި، ޖަރުމަނުވިލާތަކީ އިޒްރޭލަށް ވަރަށް ބޮޑަށް ވާގިވެރިވާ ބައެކެވެ.
އެހެންކަމުން، މި ބެނާ ދެއްކުމާ ގުޅިގެން ޕީއެސްޖީ އަށް ޖޫރިމަނާއެއް ކުރިމަތިވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ޔޫއެފާގެ ގަވާއިދުތަކުގައި ވާގޮތުން، ކުޅިވަރުގެ މައިދާނުގައި އެކަށީގެންނުވާ ސިޔާސީ، ދީނީ ނުވަތަ އެހެން ގޮތަކުން ވެސް އެހެންބަޔަކު ރުޅިއަންނަފަދަ މެސެޖެއް ފޮނުވުމަކީ މަނާކަމެކެވެ. އާންމު ގޮތެއްގައި މިފަދަ ފުރަތަމަ ކުށަކަށް 10,000 ޔޫރޯ (10,700 ޑޮލަރު) ގެ ޖޫރިމަނާއެއް ކުރެވެއެވެ.
އިޒްރޭލުން ގާތްގަނޑަކަށް ތިން މަސް ދުވަހުގެ މުއްދަތަށް ޣައްޒާއަށް ކާބޯތަކެއްޗާއި ބޭސްފަރުވާ ވެއްދޭނެ މަގު ބަންދު ކޮށްފައިވާއިރު، އޭގެ ސަބަބުން، އެތަނުގައި ދިރިއުޅޭ ދެ މިލިއަނަށްވުރެ ގިނަ މީހުން ވަނީ ބަނޑުހައިހޫނުކަމުގެ ނުރައްކަލާ ކުރިމަތިލާން ޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ