ފެނަކައިގެ ނިންމުން: މެއި މަހުން ފެށިގެން ކަރަންޓް ބިލް ކުޑަވާނެ

މި މަހުން ފެށިގެން މުޅި ރާއްޖޭގައި ކަރަންޓްގެ އަގު ހެޔޮ ކުރުމަށް ރައީސް ނިންމަވާފައިވާ ނިންމެވުމާއި އެއްގޮތަށް މޭ މަހުގެ ބިލް ވެސް ޓެރިފް ރޭޓް ކުޑަކުރަން ނިންމާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ފެނަކައިން މިރޭ ބުނީ މެއި މަހުގެ ބިލަށް ފައިސާ ދައްކާފައިވާ މީހުންނަށް ޖޫން މަހުގެ ބިލުން އެބައި އުނިކުރާނެ ކަމަށެވެ. އަދި މޭ މަހުގެ ބިލު އަދި ދައްކާފައިނުވާ މީހުންނަށް ކުޑަ ޓެރިފް ރޭޓްގައި އަލުން ބިލް ޖެނެރޭޓް ކުރާނެ ކަމަށެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހު ރައީސް ވިދާޅުވީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓްތައް ކުޑަ ކުރަން ނިންމާފައިވާ ކަމަށެވެ.
އެއާއެކު ރައީސް ވަނީ ކުޑަކުރަން ނިންމަވާފައިވާ ގޮތުގެ ތަފްސީލު ހިމެނޭ ޝީޓެއް ވެސް ހިއްސާ ކުރައްވާފަ އެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ އެ ނިންމެވުން ތަންފީޒު ކުރުމުގައި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރައްވަން ޖެހޭ އެންމެހާ ކަންކަން ކުރެއްވުމަށް ދަންނަވާފައިވާ ކަމަށެވެ.
މި ބަދަލާއެކު ކަރަންޓްގެ އަގު ހެޔޮވެގެންދާނެ އެވެ. 
* ބޭންޑް 0 - 100 | މިހާރު ނަގާ ރޭޓް 1.50, އާ ރޭޓް 1.25
* ބޭންޑް 100 - 200 | މިހާރު ނަގާ ރޭޓް 1.70, އާ ރޭޓް 1.50
* ބޭންޑް 201 - 300 | މިހާރު ނަގާ ރޭޓް 2.15, އާ ރޭޓް 1.50
* ބޭންޑް 301 - 400 | މިހާރު ނަގާ ރޭޓް 2.50, އާ ރޭޓް 1.50
* ބޭންޑް 401 - 500 | މިހާރު ނަގާ ރޭޓް 2.95, އާ ރޭޓް 2.66
* ބޭންޑް 501 - 600 |  މިހާރު ނަގާ ރޭޓް 3.55, އާ ރޭޓް 3.20
* ބޭންޑް 600+ |  މިހާރު ނަގާ ރޭޓް 4.25, އާ ރޭޓް 3.83
ކަރަންޓްގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. 
ކަރަންޓްގެ އަގު ހެޔޮ ކުރަން ނިންމާފައި މިވަނީ ބައެއް މަސް މަހު ކަރަންޓް ބިލް ވަރަށް ބޮޑުވާ ކަމުގެ ޝަކުވާ އާންމުން ކުރަމުން ދަނިކޮށެވެ. ހާއްސަކޮށް ހޫނު މޫސުމުގައި ކަރަންޓަށް ކުރަން ޖެހޭ ހޭދަ ބޮޑު ވުމަކީ އާންމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
`
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ