އެމްއެމްއޭން ބުނީ އެންމެ ފަހުން ވެސް ބޭންކިން ހުއްދަތައް ދިނީ އުސޫލުގެ ތެރެއިން ކަމަށް

ބޭންކިން ހިދުމަތް ދޭން ފެށުމުގެ ކުރިން ދޫކުރާ ޕްރީ އޮޕަރޭޝަނަލް ހުއްދަތައް މި ފަހުން ދީފައިވަނީ އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފި އެވެ.
ވީކިިހިނެއް؟ - އެމްއެމްއޭން މިދިޔަ މަހުގެ 27 ވަނަ ދުވަހު ޕްރީ އޮޕަރޭޝަނަލް ހުއްދަ ދޫކޮށްފައިވާ ބީއައިސީ މޯލްޑިވްސްއަށް ހުއްދަ ދިނީ އެމްއެމްއޭ ބޯޑުން ރިޖެކްޓްކޮށްފައިވަނިކޮށް ކަމަށް ބުނެ ރާއްޖޭގެ ނޫހަކުން ރިޕޯޓްކުރި އެވެ.
އެ ކަން ހިނގައިދިޔަ ގޮތް ބުނެދިނުމުގެ ގޮތުން އެމްއެމްއޭ އިން ބަޔާނެއް ނެރުނެވެ.
ތަފްސީލް - އެމްއެމްއޭން ބުނީ ބޭންކިން ލައިސަންސަަކަށް އެދި ހުށަހަޅާ ހުށަހެޅުމަކަށް އެންމެ ފުރަތަމަ އޮންނަ މަރުހަލާގެ ތެރެއިން ބޯޑުން ހުއްދަ ނުދިނުމަށް ނިންމި ނަމަވެސް ގާނޫނުގައި "ކޫލިން އޯފް ޕީރިއަޑެއް" ލާޒިމުކުރާތީ އަލުން ހުށަހެޅުމުގެ ފުރުސަތު އޮންނަ ކަމަށެވެ. އެ ގޮތުން:
އަލުން ލައިސަންސަކަށް އެދި ހުށަހެޅުމުން އާ އެޕްލިކޭޝަނެއްގެ ގޮތުގައި އެ ހުށަހެޅުން ވަޒަން ކުރުމަށް ޓަކައި މުޅި އިވެލުއޭޝަން މަރުހަލާ އަލުން ހިންގޭނެ
ލައިސެންސް ދޫކުރެވޭނީ މި ފަހަރު ވެސް އިވެލުއޭޝަންގެ ހުރިހާ މަރުހަލާތަކެއް ފުރިހަމަކުރުމަށް ފަހު
ހުށަހެޅުމުގައި ފުރިހަމަ ވާން ޖެހޭ ކަންކަން ފުރިހަމަވާ ކަމަށް ބޯޑުން ނިންމައި ލައިސެންސް ދިނުމަށް ބޯޑުން ނިންމުމުން
ލައިސެންސަށް އެދި ހުށަހެޅުމުން އެންމެ ފުރަތަމަ ވެސް އަދި އަލުން ހުށަހެޅުމުން ވެސް ހިންގަން ޖެހޭ އިވެލުއޭޝަން މަރުހަލާ ކުރިއަށް ގެންދާ ގޮތް ވެސް އެމްއެމްއޭގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެ ގޮތުން:
ލައިސަންސްއަށް އެދި ހުށަހަޅާ ހުށަހެޅުން ވަޒަންކުރުމުގައި އެމްއެމްއޭން ބަލާނީ އެ ފަރާތުގެ މާލީ ގާބިލްކަމަށާއި ސޯސް އޮފް ކެޕިޓަލް ނުވަތަ މުދާ ލިބިފައިވާ ގޮތް، ހިއްސާދާރުންނާއި ސީނިއާ މެނޭޖުމަންޓްގެ ފެންވަރު އަދި ބިޒްނަސް ޕްލޭނަށް
ހުށަހެޅުން ފުރަތަމަ ވަޒަންކުރާނީ ލައިސަންސް ސެކްޝަނުން؛ އެއަށް ފަހު އެ ސެކްޝަންގެ ލަފާ ފައިނޭންޝަލް އިންސްޓިޓިއުޝަން ލައިސަންސިންގެ އެޑްވައިޒަރީ ކޮމިޓީއަށް ފޮނުވާނެ
ކޮމިޓީގެ ލަފައާ އެކު ގަވަރުނަރު އެމްއެމްއޭގެ ބޯޑަށް ހުށަހެޅުން ގެންގޮސް ހުއްދަ ދިނުމާ މެދު ގޮތެއް ނިންމާނީ ބޯޑުން
ޕްރީ އޮޕަރޭޝަނަލް ހުއްދަ ދިނުމަށް ފަހު، އޮޕަރޭޝަން ހިންގުމުގެ ލައިސަންސް ދޫކުރާނީ އެމްއެމްއޭ އިން ފުރިހަމަކުރަން އެންގި ކަންކަން ފުރިހަމަކުރިތޯ ބެލުމަށް އެ ތަނަށް އެ އޮތޯރިޓީން އެކްސެސް ކުރުމަށް ފަހު
އެނގުން މުހިއްމު - ބީއައިސީ ބޭންކް އޮފް މޯލްޑިވްސްގެ އިތުރުން މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) އަށް ވެސް ހަމަ އެއް ދުވަހެއްގައި އެމްއެމްއޭން ޕްރީ އޮޕަރޭޝަނަލް ހުއްދަ ދޫކުރި އެވެ.
ރާއްޖޭގައި މިވަގުތު ހަތް ބޭންކެއް ހިންގަ އެވެ. އެއީ:
ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)
މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)
ސްޓޭޓް ބޭންކު އޮފް އިންޑިއާ (އެސްބީއައި)
ހަބީބް ބޭންކު ލިމިޓެޑް (އެޗްބީއެލް)
ބޭންކު އޮފް ސިލޯން (ބީއޯސީ)
މޮރިޝަސް ކޮމާޝަލް ބޭންކު (އެމްސީބީ)
ކޮމާޝަލް ބޭންކު އޮފް މޯލްޑިވްސް (ސީބީއެމް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ