ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެ، ހަ ހަފުތާ ތެރޭ 62 ކޭސް
މިދިޔަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 31ގެ ނިޔަލަށް ކޮވިޑް-19 ޖެހިގެން ރިޕޯޓުކޮށްފައިވާ މީހުންގެ އަަދަދު އިތުރުވެ، ކޭސްތަކުގެ އަދަދު 62އަށް އަރައިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން މިއަދު ދައްކައިފިއެވެ. އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، މިހާރު ފެތުރެމުންދާ ރޯގާގެ ތެރެއިން އެންމެ ގިނައިން ރިޕޯޓު ކުރަމުން އަންނަނީ އިންފްލުއެންޒާއާއި ކޮވިޑެވެ. މި އަހަރުގެ މިހާތަނަށް ކޮވިޑްގެ 107 ކޭސް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރޭގައި ފާއިތުވި ހަ ހަފުތާ ތެރޭގައި ރިޕޯޓުކުރި 62 ކޭސް ހިމެނޭ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އެއާ އަޅައިބަލާއިރު، މިދިޔަ އަހަރު އެ މުއްދަތުގައި ކޮވިޑް ޖެހިގެން ރިޕޯޓުކޮށްފައިވަނީ 27 މީހެކެވެ. މިދިޔަ އަހަރާ އަޅައިބަލާއިރު އިންފްލުއެންޒާ ޖެހޭ މިންވަރު ވެސް ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. އެގޮތުން މި އަހަރު އޭޕްރީލް މަހުގެ 20އާއި މެއި މަހުގެ 31އާ ދެމެދު ރިޕޯޓުކޮށްފައިވާ އަދަދު 364އަށް އަރާއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި ރިޕޯޓުކޮށްފައިވަނީ 45 ކޭހެވެ. އަރިދަސްފުސް ރޯގާ ޖެހިގެން އަހަރުގެ މިހާތަނަށް 156،962 ރިޕޯޓުކޮށްފައިވާއިރު، ޑެންގީގެ 116 ކޭހެއް މެއި މަހު ވަނީ ރިޕޯޓުކޮށްފައެވެ. ޑެންގީ ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ މާލެ ސަރަހައްދާއި ރ. އަތޮޅާއި ކ. އަތޮޅުގެ އިތުރުން އއ. އަތޮޅުންނެވެ. މި ދުވަސްވަރު ޑެންގީގެ ކޭސްތައް ދަށްވެފައިވީ ނަމަވެސް މިހާރު ކުރާ ވިއްސާރާއާ ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައި މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް އިތުރުވުން އެކަށީގެންވާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އެޗްޕީއޭއިން ވަނީ ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުން މުހިންމު ކަމަށާއި، އެ ކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ