ފަލާހް ވިދާޅުވީ ސަރުކާރުން ޓެކްސީ ޚިދުމަތްދޭން ނޫޅޭ ކަމަށް
ސަރުކާރުން މަސައްކަތްކުރަނީ ޓެކްސީ ޑްރައިވަރުންނަށް ހުރި ދަތިތައް ހައްލުކޮށްދޭން ކަމަށާއި ސަރުކާރަން ޓެކްސީގެ ޚިދުމަތްދޭން ނޫޅޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ. ސަރުކާރުން ޓެކްސީ ޚިދުމަތް ދޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވުމުން ޓެކްސީ ޑްރައިވަރުން ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ޓެކްސީ ޑްރައިވަރުން މިދިޔަ ޑިސެންބަރު 11ގައި ކުރި އިހުތިޖާޖަށް ހުރަސް އަޅައި، ޓެކްސީތައް ޓޯކޮށް އެ ޚިދުމަތްދޭ މީހުންގެ އަސާސީ ހައްގުތަކަށް ހުރަސް އެޅޭހެން ސަރުކާރުން އަމަލުކުރާ ކަމަށް ވިދާޅުވެ ކުއްލި މައްސަލައެއް ހުށަހަޅުއްވައިފައެވެ. އެ މައްސަލައަށް ބަހުސްކުރައްވަމުން ފަލާހް ވިދާޅުވީ، 19 ވަނަ ރައްޔިތުން މަޖިލީހުގައި އޭރުގެ އިދިކޮޅުގައި ތިއްބެވި ބައިމަދު މީސްކޮޅު ގެނައި ކުއްލި މައްސަލަތަކާ ދޭތެރޭގައި އެމްޑީޕީ މެންބަރުންނަށް އަމަލުކުރެއްވުން ގޮތާ ދޭތެރޭ އެ ބޭފުޅުން ހިތާމަ ކުރާނެ ކަމަށެވެ. ފަލާހު ވިދާޅުވީ، ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާއިން އެންމެ ބޮޑަށް ފާހަގަކުރި އެއްކަމަކީ މިހާ ހިސާބަށް މި މައްސަލަތައް އައީ ނިމުނު އެމްޑިޕީ ވެރިކަމުގައި ޓެކްސީ ޑްރައިވަރުންނަށް ހުރި ނިކަމެތިކަމާއި ދިމާވި ގޮންޖެހުންތަކާއި އެ ސަރުކާރުން އެ ބޭފުޅުންނާ ދޭތެރޭ އަމަލުކުރި ގޮތުންކަން ކަމަށެވެ. "އެނގިވަޑައިގަންނަވާނެ 2023 ގެ ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ ޓެކްސީ ޑްރައިވަރުން ތިބީ ކިހިނެއްކަން، ފަސް އަހަރު ވެރިކަމެއް ކުރަމުން އައިސް 2023 އައިއިރު ޓެކްސީ ޑްރައިވަރުން އެންމެ ބޮޑަށް އެމްޑީޕީ ސަރުކާރު ބަދަލުކުރަން މަސައްކަތްކުރީ،" އޭނާ ވިދާޅުވިއެވެ. ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ފަހުން މި ފަދަ މަސައްކަތް ކުރާ ހުރިހާ ދާއިރާތައް، ޓެކްސީ ޑްރައިވަރުން ވިޔަސް އަދި އެހެން ދާއިރާތަކުގައި މަސައްކަތްކުރާ ބޭފުޅުން ކަމުގައި ވިޔަސް އެ ހުރިހާ ބޭފުޅުންނަށް މަސައްކަތްކުރެވޭނެ ރަނގަޅު މާހައުލެއް ގާއިމުކޮށްދެއްވަން މަސައްކަތް ކުރައްވާކަން ވެސް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ. "ޓެކްސީ ޑްރައިވަރުންނަށް ހުރި ދަތިތައް ހައްލުކޮށްދޭން އެ މަނިކުފާނުގެ ސަރުކާރުން މަސައްކަތްކުރައްވަނީ، ސަރުކާރަކުންނެއް ނޫޅުއްވާ ޓެކްސީގެ ޚިދުމަތްދޭކަށެއް. ޓެކްސީ ޑްރައިވަރުންނަށް މިހާރު ހުރި ގޮންޖެހުންތަކާއި އެ ބޭފުޅުންނަށް ހުރި ދަތިތަކާއި މި ހުރިހާ ކަމެއް ރައީސް އެ ގެންދަވަނީ ވަރަށް ކައިރިން ބައްލަވައި އެކަން ހައްލުކުރައްވަން މެދުނުކެޑި މަސައްކަތްކުރައްވަމުން،" ފަލާހު ވިދާޅުވިއެވެ. ފަލާހު ވިދާޅުވީ، އެމްޑީޕީ ބޭފުޅުންނަކީ އިތުރުފުޅު ހެއްދެވުމުގައި އަރާ ތިއްބެވި ބައެއް ކަމަށާއި އެހެންވެ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި 13 ބައި އިލެކަޝަންގައި ވާދަކޮށްގެން އެމްޑިޕީއަށް ލިބުނީ އެންމެ ގޮނޑިއެއް ކަމަށެވެ. https://www.sun.mv/198786 މީގެ ކުރިން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަމީން ވިދާޅުވީ، ސަރުކާރުން ޓެކްސީ ޚިދުމަތް ދޭނީ ވިޔަފާރި އުސޫލުން އެކަންކުރާ މީހުންނަށް ގެއްލުންނުވާނެ ގޮތަކަށް ކަމަށެވެ. "ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަންގެ ބައެއް ފަރާތްތަކާއި އަޅުގަނޑު ބައްދަލުކޮށްލިން. އެބޭފުޅުންނަށް އެދުވަހު ވެސް އަޅުގަނޑު ޔަގީންކަން ދިނިން އެބޭފުޅުން އެދޭ ޚިދުމަތަށް ގެއްލުންވާނޭ އެއްވެސް ގޮތަކަށް ސަރުކާރުން އަމަލު ނުކުރައްވާނެ ކަން،" މިނިސްޓަރު އަމީން ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ އެކަމުގައި ދެއްވި ޔަގީންކަން އަނބުރާނުލާނެ ކަމަށެވެ. އަދި އެ ވިޔަފާރީގައި ތިބި ބޭފުޅުންނަށް ދެރަވާފަދަ ގޮތަކަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ވަޒީރު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. ސަރުކާރުން ޓެކްސީ ޚިދުމަތް ފެށުމުގެ ވިސްނުން ގެންގުޅުއްވާކަން މިނިސްޓަރު ހާމަކުރެއްވީ ޓެކްސީ ޑްރައިވާސް އެސޯސިއޭޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސިޓީއަކާ ގުޅޭގޮތުން ސުވާލުކުރުމަށް އިގުތިޞާދީ ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، އެ ޓެކްސީ ލައިން ހިންގާނީ އެމްޓީސީސީން ހިންގާ އާރްޓީއެލް ބަހުގެ ޚިދުމަތާ އެއްގޮތަށް ކަމަށެވެ. އެގޮތުން ޓެކްސީ ލައިންގައި ހިމެނޭ މުވައްޒަފުންގެ 50 ޕަސަންޓަކީ ދާއިމީ މުވައްޒަފުން ކަމަށާއި ބާކީ 50 ޕަސަންޓަކީ އެކި ގަޑިތަކުގައި އެކި ވަރަށް ޓެކްސީ ދުއްވަން ބޭޏުންވާ މުވައްޒަފުންނަށް ދޫކުރާނެ ސްލޮޓްތަކެއް ކަމަށް އަމީން ވިދާޅުވިއެވެ. މި ޚިދުމަތް ދޭނީ ކޮން ކުންފުންޏެއް މެދުވެރިކޮށް ކަން މިނިސްޓަރު އަދި ހާމަކުރައްވާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ