އާންމު މިންގަނޑާ ޚިލާފަށް އުޅޭ މީހުން މަގުމައްޗަށް ދޫނުކޮށް، ފަރުވާ ދޭން އެދިއްޖެ
ސިއްހީ ސަބަބުތަކާ ހެދި މަގުމަތީގައި އާންމު މިންގަނޑުތަކާ ޚިލާފަށް އުޅޭ މީހުން ދޫކޮށްނުލައި، ފަރުވާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މިއަދު އެދިވަޑައިގެންފިއެވެ. ސޯޝަލް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމަށް ފޮނުއްވި ސިޓީއެއްގައި ކުޑޫ ވަނީ، ސިއްހީ ހާލަތު ނިޔާކުރާ ގޮތުންނާއި ބުއްދީގެ އުނިކަން ހުންނަ ބައެއް މީހުން، މުޖުތަމައުގެ ތެރޭގައި އާންމު މިންގަނޑުތަކާ ޚިލާފަށް އުޅެމުންދާ ކަން ފާހަގަކުރައްވައިފައެވެ. އޭނާ ވިދާޅުވީ، އެ މައްސަލައިގައި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 10ގައި ވެސް އެ މިނިސްޓްރީއަށް ސިޓީއެއް ފޮނުވައިފައި ވާނެ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެކަށީގެންވާ ފިޔަވަޅު އަޅައި، އެ މައުލޫމާތު ހިއްސާކުރި ކަމަށް ކުޑޫ ވިދާޅުވިއެވެ. އެހެންނަމަވެސް، އެފަދަ މީހުން އަނެއްކާވެސް މާލެ ސަރަހައްދުގެ މަގުތަކުން ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. "މިފަދަ ބައެއް މީހުން އާންމު ރައްޔިތުންގެ މުދަލަށް ގެއްލުން ދިނުމުގެ އަމަލުތައް ހިންގުމުގެ އިތުރުން، މަގުމަތީގައި މާތް ﷲއަށާއި ރަސޫލާއަށް އަޑުގެ ނެތް ތަނަށް ފުރައްސާރަ ވެސް ކުރެއެވެ." ކުޑޫގެ ސިޓީގައިވެއެވެ. އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމް: ސިއްހީ ސަބަބުތަކާ ހެދި މަގުމަތީގައި އާންމު މިންގަނޑުތަކާ ޚިލާފަށް އުޅޭ މީހުންނަށް މިނިސްޓްރީން އެހީވުމަށް މެންބަރު ކުޑޫ ވަނީ އެދިވަޑައިގެންފައި -- ފޮޓޯ/ މިނިސްޓްރީ އޭނާ ވިދާޅުވީ އެފަދަ މީހުންނަށް އެކަށީގެންވާ ސިއްހީ ޚިދުމަތެއް ފޯރުކޮށްދިނުމުގެ އިތުރުން، ބަލަދުވެރިންނަށް ގޭގައި އެފަދަ މީހުން ނުބެލެހެއްޓޭނަމަ، ބެލެހެއްޓޭނެ ގޮތެއް ދައުލަތުން ހަމަޖައްސައި ދޭން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންވެ، އެ މައްސަލަ އަވަސް ގޮތެއްގައި ބަލައި، އެޅެން އޮތް ފިޔަވަޅެއް އަޅައި ދިނުމަށް ކުޑޫ ވަނީ އެދިވަޑައިގެންފައެވެ. ބުއްދީގެ އުނިކަން ހުންނަ މީހުން ކަމަށް ބެލެވޭ މީހުން، މަގުމަތީގައި އަޑުގަދަކޮށް، ބައެއް ފަހަރު ތަކެއްޗަށް ގެއްލުންދޭ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ