އިތިއޯޕިޔާއަށް މުސްލިމުން ކުރި ފުރަތަމަ ދަތުރު

ނަބީކަމުގެ 4ވަނަ އަހަރުގެ ފަހުކޮޅު މުސްލިމުންނަށް އުނދަގޫކޮށް ދުއްތުރާކުރުމުގެ ޙަރަކާތްތަކެއް ޤުރައިޝުންގެ ކިބައިން ފެށުނެވެ. ދުވަހަކަށްވުރެ ދުވަހެއް އެ ކަންކަން ދިއައީ އިތުރުވަމުންނެވެ. އެބައިމީހުން ދެމުންދިޔަ އަނިޔާގެ ވައްތަރުތަކާއި ނުބައިކަން މަހަކުން މަހަކުން ގެންދިޔައީ އިތުރުކުރަމުންވެ. ވަޙީ ބާވައިލެއްވުނުތާ 5ވަނަ އަހަރުގެ މެދެއްހާ ހިސާބުގައި މުސްލިމުންނަށް ކެތްކުރުން ދަތިވާ ހިސާބަށް ޤުރައިޝުންގެ އަނިޔާ އިތުރު ވެގެންދިޔައެވެ. އަދި މި ކަމަށް ޙައްލެއް ލިބުން އެދި މުހިއްމު މަޝްވަރާތަކެއް މުސްލިމުންގެ ތެރޭ ކުރެވެން ފެށިއެވެ. މި ހިސާބަށް ކަންކަން ދިޔުމުން އައްޒުމަރު ސޫރަތުގެ 10ވަނަ އާޔަތް ބާވައިލައްވައި، ހިޖުރަކުރުމަށް ޓަކައި ﷲގެ ބިން ތަނަވަސްވެގެން ވާކަން އެންގެވިއެވެ. ﴿قُلْ يَا عِبَادِ الَّذِينَ آمَنُوا اتَّقُوا رَبَّكُمْ ۚ لِلَّذِينَ أَحْسَنُوا فِي هَٰذِهِ الدُّنْيَا حَسَنَةٌ ۗ وَأَرْضُ اللَّهِ وَاسِعَةٌ ۗ إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُم بِغَيْرِ حِسَابٍ﴾ ‎(الزمر: ١٠) މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! އޭ އީމާންވި، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން ތަޤުވާވެރިވާށެވެ! މި ދުނިޔޭގައި ހެޔޮކޮށް ކަންތައްކުޅަ މީހުންނަށް ހެޔޮ ދަރުމަ ހުށްޓެވެ. އަދި ﷲގެ ބިން ވަނީ ތަނަވަސްވެގެންނެވެ. ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ ޙިސާބެއްނެތިއެވެ." މި އާޔަތް ބާވައިލެއްވުން ވެގެންދިޔައީ މުސްލިމުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމުގައެވެ. އަބަސެނިޔާ (މިހާރުގެ އިތިޔޯޕިޔާ)ގައި އޭރު ހުންނެވި ރަސްގެފާނު އަޝަމާ، އޭނާގެ ޤައުމަށް ޒިޔާރަތްކުރާ މެހެމާނުންނަށް ދެރަގޮތް ނުހަދާނެކަމާއި އޭނާއީ ޢަދުލުވެރި ވެރިޔެއްކަން ރަސޫލު ﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ދެނެވަޑައިގަންނަވައެވެ. އެހެންކަމުން، މައްކާ ދޫކޮށް ހިޖުރަކުރަން އެދޭ ނަމަ އިތިޔޯޕިޔާއަށް ގޮސް އެ ރަސްގެފާނުގެ ޙިމާޔަތް ހޯދުމުގެ އިޒުނަ އިތުރު އެކަލޭގެފާނު މުސްލިމުންނަށް ދެއްވިއެވެ. ނަބީކަމުގެ 5ވަނަ އަހަރުގެ ރަޖަބުމަހުގައި، 12 ފިރިހެނުންނާއި 4 އަންހެނުންގެ މައްޗަށް އެކުލެވޭ ޤާފިލާއެއް މައްކާ ދޫކޮށް އަބަސެނިޔާ (އިތިޔޯޕިޔާ)އަށް ހިޖުރަކުރުމަށް މިސްރާބުޖެހިއެވެ. މުސްލިމުންގެ ފުރަތަމަ މުހާޖިރުންގެ ގޮތުގައި ނިކުތް މި ޤާފިލާގައި އުޘްމާން ބުނު ޢައްފާން رَضِيَ اللهُ عَنْهُ އާއި އެކަލޭގެފާނުގެ އަނބިކަނބަލުން އަދި ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ދަރިކަނބަލުން ޜުޤިއްޔަތު ބިންތި މުޙައްމަދު رَضِيَ اللهُ عَنْها ހިމެނިވަޑައިގަތެވެ. މި ދެ މުހާޖިރުންގެ އިޙްތިރާމާއި ޤަދަރަށް ޓަކައި މި އުންމަތުގެ މާތް ސާޙިބާ މުޙައްމަދު صَلَّى اللهُ عَلَيْهِ وَسَلَّمَ އަންނަނިވި ބަސްފުޅު ޙަދީޘްކުރެއްވިއެވެ. «إِنَّ عُثْمَانَ أَوَّلُ مَنْ هَاجَرَ إِلَى اللهِ ‌بِأَهْلِهِ ‌بَعْدَ ‌لُوطٍ» މާނައީ: "ލޫޠުގެފާނަށްފަހު ﷲގެ މަގުގައި ފުރަތަމަ ހިޖުރަ ކުރެއްވި ބޭކަލަކީ އުޘްމާނުގެފާނެވެ." ] روى ابن أبي عاصم في "السنة" (2 / 596) ، والطبراني في "المعجم الكبير" (1 / 90) ، والفسوي في "المعرفة والتاريخ" (3 / 255)، وغيرهم[ މުސްލިމުންގެ ޤާފިލާ މައްކާއިން ނިކުތީ ކަނޅުފޮއި އަނދިރި ރެއެއްގައެވެ. އެއީ މުޝްރިކުންނަށް ނޭނގި މައްކާއިން ނިކުތުމަށް ޓަކައެވެ. ކަނޑުގެ އައްސޭރިއަށް ދެވުނު އިރު އިތިޔޯޕިޔާއަށް ފުރަން ތައްޔާރަށް އޮތް ދެ ބޯޓު އެ ތަނުގައި އޮތެވެ. އެބައިމީހުންގެ ދަތުރުގެ މަޤްޞަދު ޤުރައިޝުންނަށް ލިބުމުން، މުހާޖިރުން ހުއްޓުވުމަށް ޓަކައި ފޮނުވި މީހުން އަތިރިއާ ހަމައަށް އާދެވުނުއިރު މުހާޖިރުން "ޝުޢައިބު"ގެ ބަނދަރުދޫކޮށް ފުރައިގެން ގޮއްސިއެވެ. މުސްލިމުންގެ ޤާފިލާ އިތިޔޯޕިޔާއަށް ދިޔުމުން އެ ރަށުގެ މީހުން މި އައި މެހެމާނުންނަށް މަރުޙަބާ ކިޔައި ވަރަށް ހޫނު މެހެމާން ދާރީއެއް އަދާކުރިއެވެ. އިތިޔޯޕިޔާއަކީ އިސްލާމީ ތާރީޚުގައި ވަރަށް މުހިއްމު ދައުރެއް އޮތް ޤައުމެކެވެ. އެ ޤައުމުގައި އުޅޭ މުސްލިމުންނަށް އަނިޔާ ލިބުމާއި އެކަމުގެ އިޤްތިސާދަށް ލިބޭ ގެއްލުންތަކާއި އާންމުކޮށް މުޅި ޤައުމަށް ލިބޭ ކޮންމެ ގެއްލުމަކީ މުޅި މުސްލިމް އުންމަތް އެ ކަމުގެ ހިތާމަ ކުރަންޖެހޭ ކަންކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ