މައްސަލަ ތަހުގީގު ކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް އިތުބާރު ނުކުރާ ކަމަށް ޔުމްނުގެ އާއިލާއިން ބުނެފި މައްސަލަ ތަހުގީގު ކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް އިތުބާރު ނުކުރާ ކަމަށް ޔުމްނުގެ އާއިލާއިން ބުނެފި

މާލޭގެ އުސް އިމާރާތެއްގެ މަތިން ޖެހިގެން އޮތް ގޭގެ ފުރާޅަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ތަހުގީގު ކުރަން ރައީސް މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަނަށް އިތުބާރު ނުކުރާ ކަމަށް ޔުމްނުގެ އާއިލާއިން ބުނެފި އެވެ.
ޔުމްނުގެ އާއިލާގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދޭ މުހައްމަދު މުއުމިން އެކްސްގައި ކުރި ޕޯސްޓެއްގައި މިރޭ ބުނީ، ރިޔާސީ ކޮމިޝަން އުފެއްދީ އާއިލާއާ މަޝްވަރާކޮށްފައި ނޫން ކަމަށާއި އެ ކޮމިޝަން މެދުވެރިކޮށް ޔުމްނުއަށް އިންސާފު ލިބިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
"އިންސާފު ހޯދަން އަހަރުމެން މި ކުރަމުންދާ މަސައްކަތުގައި ދެމިތިބޭނަން،" މިވަގުތު މެލޭޝިޔާއިން ފަރުވާ ހޯދަމުން އަންނަ ޔުމްނުގެ އާއިލާގެ ފަރާތުން މުއުމިން ކުރި ޕޯސްޓުގައި ބުނެފައިވެ އެވެ.
ހ. ފެންޓެނޯއީ ގޭގެ ފަންގިފިލާއަކުން ވެއްޓިފައި އޮއްވައި ޔުމްނު ފެނުނީ މި ހިނގާ އޭޕްރީލް 18، ގަ އެވެ. އޭނާއަށް ހުރީ ވަރަށް ބޮޑެތި އަނިޔާތަކެއްވެފަ އެވެ. އެންމެ ބޮޑު އަނިޔާއަކީ ކަރު ބިނދިފައި އޮތެވެ. އޭގެ އިތުރުން މައިބަދަ، އުކުޅުވަޅު، ފަލަމަސްގަނޑު އަދި މޭކަށިގަނޑު ވެސް ވަނީ ބިނދިފަ އެވެ.
ޔުމްނުގެ މައްސަލަ ތަހުގީގު ކުރަން އުފެއްދި ފަސް މެންބަރުންގެ ރިޔާސީ ކޮމިޝަނުގެ ރައީސްއަކީ ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރެވެ. އޭނާގެ އިތުރުން ދެން އެ ކޮމިޝަނުގައި ހިމެނެނީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދާއި މެޑިކަލް ޑޮކްޓަރެއް ކަމަށްވާ މޫސާ މުރާދާއި ކްލްނިކަލް ނަރުހެއް ކަމަށްވާ ޖަބީން މުހައްމަދާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ އިސް ވެރިއެއް ކަމަށްވާ އައިމިނަތު އީނާސް އެވެ.
ޔުމްނުގެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަން އުފެއްދީ މިދިޔަ ހޮނިހިރު ދުވަހުގެ ދަންވަރުގެ ވަގުތެއްގަ އެވެ. އެންމެ ފުރަތަމަ އެ ކޮމިޝަނަށް އައްޔަން ކުރީ ތިން މެންބަރުންނެވެ. އެއީ ޑރ. މުނައްވަރާއި އަހުމަދު މުހައްމަދާއި ޑރ. މުހައްމަދު ހަބީބެވެ. އެކަމަކު، ހަބީބު ވަނީ އެ ކޮމިޝަނުން ފަހުން އިސްތިއުފާ ދެއްވައިފަ އެވެ. ހަބީބު އިސްތިއުފާ ދެއްވުމުން އެ ކޮމިޝަނަށް އަލުން ތިން މެންބަރުން އައްޔަން ކުރީ އިއްޔެ އެވެ.
ރިޔާސީ ކޮމިޝަނުގެ މައިގަނޑު މަގްސަދަކީ ޔުމްނު ވެއްޓިފައި އޮތް ހާދިސާގެ ހަގީގަތް ހޯދުމެވެ. އަދި އެ މައްސަލައިގައި ފުލުހުން ހިންގާފައިވާ ތަހުގީގު ހިންގި ގޮތް ބެލުމަކީ ވެސް ރިޔާސީ ކޮމިޝަނުގެ މަސްއޫލިއްޔަތެކެވެ.
ޔުމްނުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ގޮތާމެދު އާންމުންގެ ވަރަށް ބޮޑެތި ހިތްހަމަނުޖެހުންތަކެއް އެބަހުއްޓެވެ. އެންމެ ބޮޑު މައްސަލައަކީ ފުލުހުން ކިޔައިދީފައިވާ ވާހަކަތައް ދިމާނުވުމެވެ. އަދި އެ މައްސަލައިގައި ހިމެނޭ މީހުންނާމެދު އާންމު އުސޫލާ ހިލާފަށް ލުއި ގޮތަކަށް އަމަލު ކުރި ކަމަށް ވެސް ފުލުހުންނަށް ތުހުމަތު ކުރެވެ އެވެ.
ޔުމްނު ވެއްޓުނު ރޭ އެންމެ ފަހުން އޭނާއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލް، 21، ހައްޔަރު ކުރީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުންނެވެ. އޭނާ ހައްޔަރު ކުރުމުގެ ކުރިން ފުލުހުން ބުނީ ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުމެއް ނެތް ކަމަށެވެ. އެކަމަކު އޭނާ ހައްޔަރު ކުރުމަށްފަހު ފުލުހުން ބުނީ، ޔުމްނު ވެއްޓުނުކަން ރައުދަށް އެނގޭ ކަމަށާއި އެ ރޭ އޭނާއާ ޔުމްނުއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށެވެ.
ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރަން ރިޔާސީ ކޮމިޝަނެއް އުފެއްދީ އޭނާއަށް އިންސާފު ހޯދައިދިނުމަށް އެދި މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ފަށައި، އެ މައްސަލައިގައި މިނިވަން އިންކުއަރީއެއް ހިންގުމަށް މުޒާހަރާ ކުރަމުންދާ ޒުވާނުން ގޮވައިލުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ