ހޮޅުދޫ ބޯޓްގައި ރޯވުން: ކަނޑުވި މީހުން ސަލާމަތް ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް

ލާމު އަތޮޅުގެ ތ އަތޮޅުގެ ރަށްތަކާއި މާލެއާ ދެމެދު ދަތުރުކުރާ "ހޮޅުދޫ ބޯޓް" ގައި މި މަހުގެ ދެވަނަ ދުވަހުގެ ހިނގި ނުރައްކާތެެރި އަލިފާނުގެ ހާދިސާގައި ބޯޓް ވަނީ އަނދައިގެން ގޮސް ކަނޑުތެރެއަށް އަޑިއަށް ގޮސްފަ އެވެ. އެ ބޯޓުން ދަތުރުކުރި 18 މީހުންގެ ތެރެއިން އެކަކު ވަނީ ގެއްލިފަ އެވެ.
މި ހިތާމަވެރި ހާދިސާގައި ގެއްލިފައި ވަނީ ލ. މާވަށު އަހިމާގެ, އުމުރުން 25 އަހަރުގެ އަލީ މުޝްފިޤް މުހައްމަދު ޝަރީފެވެ.
މުޝްފިޤް މާވަަށް ދިޔައީ ފަހު ދިހައިގެ ރޯދައާ އީދުގެ ދުވަސްތައް އުފަންރަށުގައި ހޭދަކުރުމަށެވެ. އީދު ނިންމާލުމަށް ފަހު އޭނާގެ ކޮއްކޮ މިމްޝާވީ މުހައްމަދު ޝަރީފްއާ އެކު "ހޮޅުދޫ ބޯޓް" ގައި މާލެ އަންނަން ދަތުރުފެށީ ކިޔެވުމުގެ ދުވަސްތައް އަލުން ފެށޭތީ އެވެ. މުޝްފިޤަކީ ޕޮލިޓެކްނިކް ގައި އާކިޓެކްޗާގެ ދާއިރާ އިން ކިޔަވަމުންދާ ދަރިވަރެކެވެ.
Advertisement
ނަމަވެސް އެރޭގެ ހާދިސާގައި މުޝްފިޤު ވަނީ ގެއްލިފަ އެވެ. 
މި ހާދިސާ ހިނގުމާއެކު އެ ސަރަހައްދަށް ދެ އުޅަނދެއް ގޮސް މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ. އެ މަންޒަރު ފެންނަ ވީޑިއޯއެއް މީހަކު މިއަދު ވަނީ ޓިކްޓޮކް ގައި ހިއްސާ ކޮށްފަ އެވެ.
އެ ވީޑިއޯ އިން ކަނޑުވެފައި ތިބި މީހުން ލޯންޗަށް ނެގުމުގެ މަސައްކަތް ހިނގަމުންދާ ގޮތް ފެނެ އެވެ. އަދި ބޯޓްގައި ތިބި އެންމެން ހަމަވެއްޖެތޯ ސުވާލު ކުރެ އެވެ. މީހަކު މަދުކަން އެނގެނީ އެހިސާބުންނެވެ.
އަދި އެއީ މުޝްފިޤު ކަމަށް ބުނާ އަޑުއިވެ އެވެ. ލޯންޗުގައި ތިބި މީހުން އެއްވެސް މީހަކު ހާސްނުވުމަށް ބުނާ އަޑު އިވެ އެވެ. އެއީ ކަނޑުވެ ވަރުބަލިވެފައިވާ މީހުން ހިތްހަމަޖައްސާލަން ބުނާ އެއްޗެއް ކަމަށް ބެލެވެ އެވެ.
އޭރު އެ މީހުން ތިބީ ޑިންގީއެއްގަ އެވެ. މުޝްފިޤު ނެތް ކަމުގެ ޚަބަރާއެެކު ޑިންގީގައި ތިބި އެންމެން ލޯންޗަށް ބަދަލުކޮށް މުޝްފިޤު ހޯދަން ދަތުރު ފަށަ އެވެ. އޭރު ލޯންޗާއި ޑިންގީ އޮތީ އަނދަމުންދާ ބޯޓާއި ދުރުގަ އެވެ.
ހަރުއަޑުން މުޝްފިގަށް ގޮވަމުން ޑިންގީގައި ތިބި މީހުން ބޯޓް ކައިރިއަށް ގޮސް ހޯދުމުގެ މަސައްކަތް ކުރެ އެވެ.
މުޝްފިޤު ގެއްލުމާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ވަގުތުން ފެށި އެވެ. ޒުވާނާ ހޯދުމަށް ވަޔާއި ކަނޑުގެ މަގުން އަދި ޑައިވް ކޮށްގެން މަސައްކަތް ފެށި އެވެ.
ޑްރޯން ބޭނުންކޮށްގެން ވައިގެ މަގުން ހޯދުމުގެ މަސައްކަތް ކޮށްފައިވެ އެވެ. އެމްއެމްޑީއެފްގެ ޑައިވަރުން އެ ސަރަހައްދަށް ފީނާ ހޯދުމުގެ މަސައްކަތް ފެށި އެވެ. އަދި ކަނޑުމަތީން ވެސް ހޯދުމުގެ މަސައްކަތް ކޮށްފައިވެ އެވެ.
މިއަދާ ހަމައަށް ވެސް ހުއްޓުމެއް ނެތި އެ މަސައްކަތް ކޮށްފައިވެ އެވެ. ވަރަށް ބޮޑު ސަރަހައްދެއް ތަކުރާރުކޮށް ބަލާފައިވެ އެވެ. ނަމަވެސް މުޝްފިޤުގެ ހަބަރެއް އަދި ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ