އޮންލައިންކޮށް މަސްދަޅު ޓޯކަން ދޫކުރަން ފެށުމާ އެކު 'ޑީޑޮސް' ހަމަލާއެއް

މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސްދަޅު ކޭސް ހޯދުމަށް، އޮންލައިން ޓޯކަން މިރޭ ދޫކުރަން ފެށުމާ އެކު، ސްޓެލްކޯގެ މޯބައިލް އެޕްލިކޭޝަނަށް ޑީޑޮސްގެ ހަމަލާއެއް ދީފައިވާ ކަމަށް އެ ކުންފުނިން މިރޭ ބުނެފި އެވެ.
ވީ ކިހިނެއް؟- ޑިސްޓްރިއުބިއުޓެޑް ޑިނައަލް އޮފް ސާވިސް ނުވަތަ ޑީޑޮސް ހަމަލާއަކީ، ވަކި އެޕްލިކޭޝަނަކަށް އަމާޒުކޮށްގެން ދޭ ސައިބާ އެޓޭކެކެވެ. ބޭނުމަކީ އެ އެޕްލިކޭޝަނުގެ މަސައްކަތް ހުއްޓުވާލުމެވެ.
ސްޓެލްކޯއިން ބުނިގޮތުގައި:
ބޭރު ގައުމުތަކުން ދިން މި ހަމަލާ އަމާޒުވުމާ އެކު، އެ އެޕްލިކޭޝަންގެ މަސައްކަތް ކުޑަ ވަގުތުކޮޅަކަށް މެދުކެނޑުނު
އެކަމަކު އެ ހަމަލާތައް ކާމިޔާބުކަމާ އެކު ހުއްޓުވައި، ހިދުމަތް އަލުން ދޭން ވަނީ ފަށާފައި
އެނގުން މުހިއްމު- މަސްދަޅު ކޭސް ދޫކުރަނީ ގޭގެ ކަރަންޓު މީޓަރަށް ބަލައިގެންނެވެ. އެއް ފަރާތަކަށް ގިނަވެގެން ދޫކުރަނީ، ތިން މީޓަރަށް، ތިން މަސްދަޅު ކޭހެވެ.
ސަރުކާރުން ރޯދަމަހަށް ކޮންމެ ގޭބިސީއަކަށް ހިލޭ މަސްދަޅު ކޭހެއް ދިނުމަށް ނިންމައި މާލެ ސަރަހައްދުގައި އެތަކެތި ބަހަން ފެށީ ހުކުރުދުވަހު އެވެ. އެއާ އެކު މަރުކަޒުތަކުގެ ދޮށުގައި ދިގު ކިއޫތަކެއް ހެދި އެވެ. ކިއޫގައި ގިނަ ވަގުތު ތިބެން ޖެހުމުގެ ޝަކުވާތައް ބޮޑުވެ ފާޑުކިއުންތައް ވެސް އަމާޒުވި އެވެ.
އޮންލައިން ޓޯކަންއަށް މަސްދަޅު ކޭސް ދޫކުރަން ފެށީ، އެ ފާޑުކިޔުންތަކާ ހެދި އާއްމުންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ