ލޯބިވެގެން އުޅޭއިރު އެދޭހާ ކަމެއް ވަޤުތުން ކޮށްދީފަ ކައިވެނިކުރެވުނީމާ ކަންކަމަށް އެދި އާދޭސްކުރަންޖެހޭނަމަ އެއީ މަކަރުވެރިއެއް! އުފާވެރި ދިރިއުޅުމެއް ނުލިބޭނެ!

ލޯބިވެރިޔާ އެދުނަސް ބައިވެރިޔާ އެދުނަސް ކަންކަން ކޮށްދޭންވީ ތިމާގެ ފެންވަރުންނެވެ. އަދި އެގޮތަށް ކަންތައް ކޮށް ދިނުމުގައި ވަކި ދުވަސްވަރެއް ތަފާތުކޮށްގެން ނުވާނެއެވެ. މިޘާލަކަށް ބުނާނަމަ ލޯބިވެގެން އުޅޭއިރު އެދޭހައި ކަންކަން ވީހާ އަވަހަކަށް ކޮށްދީފައި ކައިވެނިކުރެވުމުން ބޭނުންތަކަށް ސަލާންޖަހަން ޖެހޭނަމަ އެކަމުން އެނގެނީ ކުރިން ކަންކަން އެކުރީ ހެޔޮ ނިޔަތުގައި ނޫންކަމާއި ދަލުގައި ޖައްސުވަން ކަމެވެ. މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. 
ނަޞޭޙަތުގެ ބަސްކޮޅެއް މިބުނަނީ މިކަން އިޞްލާޙުކުރުމުގެ މުހިންމުކަން ފާހަގަކުރުމަށެވެ. މިބަސްކޮޅު މިފަށަނީވެސް ކުޑަކުޑަ މިޘާލަކުންނެވެ. ލޯބިވެގެން އެކުގައި ހޭދަކުރާ ދުވަސްތަކުގައި ލޯބިވެރިޔާ ކަމަކަށް އެދިއްޖެނަމަ ވަޤުތުން ނުވަތަ ވީހައި އަވަހަކަށް އެކަމެއް ކޮށްދެއެވެ. އެހެނަސް ކައިވެނިކުރެވުމާއިއެކު އެކަން އެބަ ބަދަލުވެއެވެ. ލޯބިވެގެން އުޅުނުއިރު އެދުނު ޒާތުގެ ކަމަކަށް އެދި އެތައް ފަހަރަކު ބުނާއިރުވެސް އެތައް ދުވަހެއްވާއިރުވެސް އެކަން ކޮށްދެވޭކަމަކަށް ނުވެއެވެ. 
ސުވާލަކީ މިވީ ކިހިނެއް ހެއްޔެވެ؟ މިކަން އަނެކާއަށް ވިސްނޭނީ ކޮންގޮތަކަށް ހެއްޔެވެ؟ މިހިސާބުން މައުޟޫއާއިގެން ކުރިއަށްދަމާ ހިނގާށެވެ! 
ކޮންމެ މީހަކުވެސް އެމީހަކު އެންމެ ލޯބިވާ މީހާ، އެމީހާގެ ބައިވެރިއެއްގެ ގޮތުގައި ޙާޞިލުކުރަން ގަދައަޅައި މަސައްކަތްކުރެއެވެ. އެކަމަށް މަސައްކަތްކުރާއިރު ނުކުރާ ހަމައެއްވެސް ކަމެއް އޮންނަކަމަކަށްވެސް ނުވެއެވެ. އެހެންކަމާއިއެކުވެސް އެމީހާ އެންމެ ބޭނުންވި، އެންމެ ލޯބިވާ މީހާ ޙާޞިލުކުރެވުމުން ދެން ޢަމަލުކުރެވޭގޮތުން އެހައި މަސައްކަތުން ހޯދި ލޯބިވެރިޔާ އަތުން ބީވެގެން އެބަދެއެވެ. 
އެގޮތް މެދުވެރިވާ އެއް ސަބަބަކީ ލޯބިވެރިޔާ ޙާޞިލުކުރެވުމުން އެއީ ތިމާއަށް ލިބިފައިވާ މިލްކެއް ކަމަށް ޤަބޫލުކުރެވި ލޯބިވެރިޔާ އާއިމެދު ޢަމަލުކުރެވޭ ގޮތުންނެވެ. ލޯބިވެރިޔާ ޙާޞިލުކުރވުމުން އެއީ ތިމާއަށް ލިބިފައިވާ އަޅެއްގެ ގޮތުގައި ބެލެވޭތީއެވެ. ލޯތްބާއި އޯގާތެރިކަން ދޫކޮށްލައި އަމުރުކުރަން ފެށޭތީއެވެ. ވާހަކަ ދެއްކުމުގެ ރާގު މުޅިން ބަދަލުކުރެވޭތީއެވެ. 
ޒަމާނަށް އައިސްފައިމިވާ ބަދަލުތަކާއި އަދި މީސްތަކުންގެ ހޭލުންތެރިކަން އިތުރުވެފައިވާ މިންވަރުން މާކުރީ ޒަމާނުގައި ކަންކަން ކުރިމަގުން މިހާރު ކަންކަން ކޮށްގެން ކާމިޔާބެއް ނުކުރެވޭނެއެވެ. އަނިމީހާއަށްވެސް އަދި ފިރިމީހާއަށް ވެސް އަދި އެހެން މީހުންނަށްވެސް އެމީހުންގެ ޙައްޤުތަކެއްވާކަން ރަނގަޅަށް އެނގެއެވެ. އެ ޙައްޤުތައް ލިބިގަންނަން އެންމެންވެސް ބޭނުންވެއެވެ! 
ކޮންމެ މީހަކަށްވެސް ލިބެންޖެހޭ ޙައްޤުތަކުގެ ކަންކަން އެންމެ ފުރިހަމައަށް ބަޔާންވެގެންވަނީ އިސްލާމްދީނުގައެވެ. ފިރިން އަނބިންނަށް އަދާކުރަންޖެހޭ ޙައްޤުތަކާއި އަނބިން ފިރިންނަށް އަދާކުރަންޖެހޭ ޙައްޤުތަކާއި އަދި އެންމެން އެކަކު އަނެކަކަށް އަދާކުރަންޖެހޭ ޙައްޤުތައް ބަޔާންވެގެންވަނީ އިސްލާމް ދީނުގައެވެ. އަނބިދަރިންނަށާއި މީސްތަކުންނަށް އަދާކުރަންޖެހޭ ޙައްޤުތައް ރަސޫލް ﷺ ވަނީ ވަރަށް ފުރިހަމައަށް ބަޔާންކުރައްވަވައިފައެވެ. އަދި ޢަމަލުކުރެއްވެވުމުގައި ރަސޫލް ﷺ ވަނީ މުޅި އުންމަތަށް ނަމޫނާ ދައްކަވައިފައެވެ. 
ވީމާ އަހަރެމެންގެ ދިރިއުޅުމަކީ ކާމިޔާބު ދިރިއުޅުމަކަށް ހަދަން ބޭނުންނަމަ އިސްލާމް ދީނުގައި ބަޔާންވެގެންވާ އުޞޫލުތައް ހިފަހައްޓާށެވެ! އެއަށްވުރެ ރަނގަޅު ގޮތްތަކެއް ނުފެންނާނެއެވެ. ދުވަހަކުވެސް ނުފެންނާނެއެވެ. އެންމެ ލޯބިވާ މީހާ ބައިވެރިއަކަށް ލިބުމުން އެކުގައި ލޯބިން ގެންގެންގުޅެވޭނީވެސް އުފަލުގަ ދިރިއުޅެވޭނީވެސް އެއިރުންނެވެ.
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ