ސަސްޕެންޝަންގެ މުއްދަތު ހަމަވުމުން ޕޮގްބާ މިނިވަންވެއްޖެ ސަސްޕެންޝަންގެ މުއްދަތު ހަމަވުމުން ޕޮގްބާ މިނިވަންވެއްޖެ

ޕެރިސް (މާޗް 11) - މަނާބޭހުގެ މައްސަލައެއްގައި ސަސްޕެންޝަނެއްގައި ހުރި ފްރާންސްގެ މިޑްފީލްޑަރު، ޕައުލް ޕޮގްބާ، އަދަބުގެ މުއްދަތު ތަންފީޒުކޮށް މިނިވަންވެއްޖެ އެވެ.
މެންޗެސްޓާ ޔުނައިޓެޑާއި ޔުވެންޓަސް އަށް ކުޅުނު، ޕޮގްބާ، 31، ވަގުތީ ގޮތުން ސަސްޕެންޑްކުރީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އެއީ، އެ އަހަރުގެ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު ނެގި އޭނާގެ ފުރަތަމަ ސާމްޕަލް މަނާބޭހަށް ޕޮޒިޓިވް ވުމުންނެވެ. އެ އަށް ފަހު، ދެ ވަނަ ސާމްޕަލެއް ނަގައިގެން ބެލިއިރު ވެސް ވަނީ، މަނާބޭހުގެ ގޮތުގައި ލިސްޓުކޮށްފައިވާ ޓެސްޓޯސްޓެރޯން އަށް ޕޮޒިޓިވްވެފަ އެވެ.
އެހެންވެ، ތަހުގީގެއް ހިންގުމަށް ފަހު، މިދިޔަ އަހަރު މާޗް މަހު، ޕޮގްބާ، ހަތަރު އަހަރަށް ސަސްޕެންޑްކުރުމަށް ނިންމި އެވެ.
މި ސަސްޕެންޝަނުގެ މައްސަލަަ، ޕޮގްބާގެ ފަރާތުން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް)ގައި ޕޮގްބާގެ ފަރާތުން ރަޖިސްޓްރީކޮށް، ކުރިއަށްގެންދިޔައިރު، ކާސް އިން ނިންމީ ޕޮގްބާގެ ސަސްޕެންޝަން 18 މަސް ދުވަަހަށް ކުޑަކޮށްދިނުމަށެވެ. އެކަމަކު، އެހާ ހިސާބުން، ޔުވެންޓަސް އިން ވަނީ ޕޮގްބާއާ އެކު ހަދާފައި އޮތް ކޮންޓްރެކްޓް އޭނާއާ މަޝްވަރާކޮށް އުވާލައިފަ އެވެ.
ކާސް އިން ދިން ލުޔާއެކު، މި އަހަރުގެެ ޖެނުއަރީގައި އިންޑިވިޖުއަލް ޓްރެއިނިންތައް ފަށަން ފުރުސަތު ލިބުނު ޕޮގްބާ، މި މަހު ސަސްޕެންޝަންގެ މުއްދަތު ހަމަވާންވާއިރަށް އެކި ޓީމުތަކާ މަޝްވަރާކުރި އެވެ.
ކާސް އިން ޕޮގްބާގެ ސަސްޕެންޝަން ކުޑަކުރުމުން އެ މުއްދަތު އިއްޔެގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ. އެހެންކަމުން، މި ވަގުތު އެއްވެސް ކްލަބެއްގެ ކޮންޓްރެކްޓެއްގައި ނެތް ޕޮގްބާ އަށް އޭނާ އިހުތިޔާރުކުރާ ކްލަބަކާ ގުޅުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ.
ކެރިއަރުގައި ޕޮގްބާ ވަނީ ދެ ފަހަރެއްގެ މަތިން، މެންޗެސްޓާ ޔުނައިޓެޑާއި ޔުވެންޓަސް އަށް ކުޅެފަ އެވެ. އޭނާ އަންނަނީ ފްރާންސްގެ މާސޭއާ ގުޅުމަށް މަޝްވަރާތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ