ރައްޔިތުންގެ މަޖިލީހުން މިއަދު ވެސް ޖަލްސާއެއް ނުބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ މެއި މަހު މަޖިލިސް ދެ ހަފްތާގެ ޗުއްޓީއަކަށް ދިއުމަށް ފަހު އަލުން ހުޅުވީ މިދިޔަ ހޯމަ ދުވަހު އެވެ. ނަމަވެސް، އޭގެ ފަހުން އިތުރު ޖަލްސާއެއް ބާއްވާފައެއް ނުވެ އެވެ. ފާޑަކަށް މަޖިލިސް އަދިވެސް އޮތީ "ޗުއްޓީ"އެއްގަ އެވެ.
ތަފްސީލު - މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ހޯމަ އިން ފެށިގެން ބުދަ ދުވަހަކީ ޖަލްސާ ބާއްވާ ދުވަސްތަކެވެ. ނަމަވެސް ޗުއްޓީ އައި ފަހުން ޖަލްސާ ބާއްވާފައި ވަނީ މިދިޔަ ހޯމަ ދުވަހު އެކަންޏެވެ. އެ ދުވަހު ވެސް ގަޑިއެއް ހާއިރަށް ކުރިއަށް ގެންދިއުމަށް ފަހު ޖަލްސާ ކުރުކޮށްލި އެވެ.
މިއަދު ޖަލްސާ ނުބާއްވާތީ އެކަމާ ގުޅޭ ގޮތުން މަޖިލީހުގެ އިދާރާއާ ސުވާލު ކުރުމުން ބުނީ "އެކަން ޖެހޭނީ ބަލާލަން" ކަމަށެވެ. މާދަމާ ޖަލްސާ އޮންނާނެތޯ އެހުމުން ބުނީ އަދި ޔަގީނެއް ނޫން ކަމަށެވެ.
ފާހަގަކޮށްލެވޭ ކަމެއް - މިއަދު ޖަލްސާ ނުބާއްވާއިރު، މިއަދު މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއް ވެސް ނެތެވެ.
މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގައި ވެސް މާ ބޮޑު މަސައްކަތެއް ނެތުމުން އިދިކޮޅު އެމްޑީޕީގެ މެންބަރުން ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ. އެ މެންބަރުން ވިދާޅުވާ ގޮތުގައި އެހެން ވަނީ ސަރުކާރުން ހުށަހަޅަން ބުނެފައިވާ ބިލުތައް ބަރާބަރަށް މަޖިލީހަށް ހުށަނާޅާތީ އެވެ. ޕީއެންސީގެ މެންބަރުން ވިދާޅުވަނީ ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތް ނަމަވެސް، ކޮމިޓީތަކުގައި އުފެއްދުންތެރި މަސައްކަތްތަކެއް އޭރު ދިޔައީ ކުރަމުން ކަމަށެވެ.
މަޖިލީހަށް އަދިވެސް 'އީދު ޗުއްޓީ ނުނިމޭ'؛ ޖަލްސާއެއް، ކޮމިޓީއެއް ވެސް ނެތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ